މާޝިއަލް ހޯދަން އާސެނަލުން މެންޔޫއަށް 40 މިލިއަން ހުށަހަޅަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސް ފޯވަޑް އެންތޮނީ މާޝިއަލް ---

އާސެނަލްގެ ކޯޗު އާސެން ވެންގާގެ "ވިޝް ލިސްޓް"ގައި މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސް ފޯވާޑް އެންތަނީ މާޝަލް ހިމަނައިފިއެވެ.

ސްޕޯޓްސް މެއިލްގައި ރިޕޯޓުކޮށްފައިވާ ގޮތުން، އޭއެސް މޮނާކޯގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ނުލިބިއްޖެ ނަމަ ވެންގާ ދެން މިސްރާބު ޖަހާނީ މާޝިއަލް ހޯދުމަށެވެ. އެމްބާޕޭ ހޯދުމުގައި ވެންގާއަށް އެންމެ ބޮޑު ހުރަހަކަށް ވެފައިވަނީ ސްޕެއިންގެ ފުޓްބޯޅަ ޖަޔަންޓް ރެއާލް މެޑްރިޑެވެ.

ހޯޒޭ މޮރީނިއޯ މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވިފަހުން، މިދިޔަ ސީޒަންގައި މާޝިއަލްއަށް އެ ޓީމުން މާކަބޮޑު ސަމާލުކަމެއް ނުލިބެއެވެ. އެހެންކަމުން، ވެންގާގެ ވިސްނުން ހުރީ، އުމުރުން 21 އަހަރުގެ ފްރާންސް ފޯވާޑް އާސެނަލަށް ގެނައުމަށް 40 މިލިއަން ޕައުންޑުގެ ފީއެއް ހުށަހަޅަން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެހެން ނަމަވެސް މި މައްސަލައިގައި ވެސް ވެންގާއަށް ހުރަސްތަކަކާ ކުރިމަތިލާން ޖެހޭނީ، ޕްރިމިއަރ ލީގުގައި އޭނާއާ އެންމެ ވާދަވެރި ކޯޗު މޮރީނިއޯގެ ވިސްނުން ހުރިގޮތެއް ނޭނގޭތީއެވެ.

މިފަހަރުގެ ޓްރާންސްފަރ މާކެޓްގައި ބޮޑެތި "ޑީލް"ތަކެއް ފައްކާވަމުން ދާއިރު، އާސެނަލުންވެސް ދަނީ ރަނގަޅު ފޯވާޑެއް ފެނޭތޯ އެކި ގޮތްގޮތަށް މާކެޓްތެރޭގައި އަތްފުނާއަޅަމުންނެވެ.

comment ކޮމެންޓް