ކައިވެންޏަކީ ބޭކާރު ޚަރަދެއް: ސަލްމާން ޚާން

ބޮލީވުޑްގެ ސުޕަސްޓަރ ސަލްމާން ޚާނަށް ސަޕޯޓުކުރާ މީހުން މިހާރު އެންމެ ބޮޑު އިންތިޒާރެއް ކުރާ އެއް ކަމަކަށް، ސަލްމާންގެ ކައިވެނި ވާނެއެވެ. އެންމެން ވެސް ތިބީ ސަލްމާން ކައިވެނި ކުރާނެ ދުވަހެއް ނުވަތަ ކައިވެނި ކުރާނެތޯ އެނގެން ބޭނުންވެފައެވެ.

ނަމަވެސް އުމުރުން 51 އަހަރުގެ ސަލްމާން ކައިވެނި ކުރުމަކީ ނުވާނެ ކަމެއް ކަމަށް މިހާރު މިވަނީ ބެލެވިފައެވެ. އެއީ، ލޯތްބަކީ އޭނާ ގަބޫލު ކުރާ އެއްޗެއް ނޫން ކަމަށާއި ކައިވެންޏަކީ ބޭކާރު ޚަރަދެއް ކަމަށް ސަލްމާން ބުނެފައި ވާތީއެވެ.

މިޑް-ޑޭ ނޫހަށް ދިން އިންޓަވިއު އެއްގައި ސަލްމާން ބުނީ ކައިވެންޏާ ގުޅޭގޮތުން ސުވާލު ކުރާތީ ވެސް އޭނާ ރުޅި އަންނަ ކަމަށެވެ.

"އަހަރެން ގަބޫލު ކުރާ ގޮތުގައި ކައިވެންޏަކީ ބޭކާރު ޚަރަދެއް. ލޯތްބަކީ އަހަރެން އެއްގޮތަކަށް ވެސް ގަބޫލު ކުރާ ކަމެއް ނޫން. 'ލޯބި' މި ބަސް ވެސް ބޭނުން ކުރަން ޖެހޭ ހާލަތެއް އަންނާނެ ކަމަކަށް ވެސް އަހަރެން ނުދެކެން،" ސަލްމާން ބުނެފައިވެއެވެ.

ކައިވެންޏާ ގުޅޭގޮތުން ސަލްމާން މިފަދަ ވާހަކަތަކެއް ދައްކާފައި ވާއިރު، ރޮމޭނިއާގެ މޮޑެލް އަކާއި ސަލްމާން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. ދެމީހުން އެކުގައި ގިނަ ހަފްލާ ތަކުންނާއި، ސަލްމާންގެ އާއިލީ ބައްދަލުވުންތަކާއި ޕާޓީތަކުން ވެސް ފެނެއެވެ.

ސަލްމާން ވަނީ މީގެ ކުރިން ބަތަލާ އަދި ރީތީގެ ރާނީ އައިޝްވާރްޔާ ރާއީ އާއި ކެޓްރީނާ ކައިފް ފަދަ ތަރިންނާ ލޯބީގެ ގޮތުން ގުޅިފައެވެ.

comment ކޮމެންޓް