ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ޕެނަލްޓީއާއެކު 4-0 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ނިއުޒީލެންޑް ބަލިކޮށް ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ ސެމީގެ ޖާގައެއް ޕޯޗްގަލް ޓީމުން ކަށަވަރު ކުރިއިރު، މެކްސިކޯ އަތުން ބަލިވެ މުބާރާތް ބާއްވާ ރަޝިއާ އެ މުބާރާތުން ކަޓައިފިއެވެ.
ރަޝިއާގައި ކުރިށްދާ ކޮންފެޑެރޭޝަންސް ކަޕްގެ ގްރޫޕް "އޭ"ގެ ފަހު މެޗުތައް ރޭ ކުޅެ ނިމިފައިވާއިރު އެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދީ ޕޯޗްގަލްއެވެ. އަދި 2-1 ލަނޑުން ރަޝިއާ އަތުން މޮޅުވެ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދީ މެކްސިކޯއެވެ.
ޕޯޗްގަލްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ، މެޗުގެ 33 ވަނަ މިނިޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭގެ ހަތަރުވަރަކަށް މިނިޓްފަހުން ބަރނަޑޯ ސިލްވާ ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ފުޅާކޮށްފައެވެ. މެޗުގެ 80 ވަނަ މިނިޓްގައި އެންޑްރޭ ސިލްވާ ޕޯޗްގަލްގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު، ފަހުހާފުގެ އިތުރު ވަގުތުގައި ނާނީ ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ 4-0އަށް ބަދަލުކޮށްފައެވެ.
މެކްސިކޯ މޮޅުވެފައި ވަނީ، ރަޝިއާ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ކުރިހޯދައިފައި ވަނިކޮށް ފަހަތުން އަރައެވެ. މެޗުގެ 25 ވަނަ މިނިޓްގައި ރަޝިއާއަަށް ލީޑު ނަގައިދިނީ އެލެގްސެންޑަރ ސެމެޑޯފެވެ. އެހެން ނަމަވެސް ރަޝިއާއަށް އެ ލީޑު ދެމެހެއްޓުނީ ފަސްވަރަކަށް މިނިޓް ވަންދެނެވެ.
މެކްސިކޯގެ ނެސްޓަރ އަރަޔޯ 30 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިން ލަނޑާއެކު ފުރަތަމަ ހާފް ނިމިގެން ދިޔައިރު، އެޓީމުން މެޗުގެ ލީޑު ނެގީ ދެވަނަ ހާފުގައެވެ. މެކްސިކޯ މޮޅުވި ލަނޑު 52 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ހިރްވިން ލޮޒާނޯއެވެ.
ސެމީފައިނަލްގެ ބާކީއޮތް ދެ ޖާގަ ކަށަވަރުކުރާ ޓީމުތައް އެނގޭނީ މިރޭ ކުޅެން ހަމަޖެހިފައިވާ ގްރޫޕް "އޭ"ގެ ފަހު މެޗުތަކަށް ފަހުއެވެ.
މިރޭ ރާއްޖޭ ގަޑިން 20:00ގައި ޗިލީއާ އޮސްޓްރޭލިއާ ބައްދަލުކުރަން ހަމަޖެހިފައިވާއިރު، ރޭގަނޑު 23:00ގައި ކުޅޭ މެޗުގައި ވާދަކުރާނީ ޖަރުމަނާއި ކެމަރޫނެވެ.