ގިނަ މުސްލިމުން އީދުގެ އުފާ ފާޅުކުރާއިރު އަނެއްބައި މުސްލިމުން ހަނގުރާމައާއި ބަލިމަޑުކަމުގައި ފަނާވަނީ

25 ޖޫން 2017: ސްޓޭޑިއަމް ސަރަހައްދުގައި ކުރެވުނު 1438ވަނަ އަހަރުގެ ފިތުރު އީދު ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދަކީ ހިޖްރީ ގޮތުން 1438 ވަނަ އަހަރުގެ ފިތުރު އީދު ދުވަހެވެ. ބަރަކާތްތެރި ފިތުރު އީދު ދުވަހާ ގުޅިގެން އިސްލާމީ ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުން އީދުގެ އުފާ ފާޅުކުރަމުން އެބަގެންދެއެވެ.

އީދުގެ އުފާ ފާޅުކުރުމުގެ ގޮތުން މުސްލިމުން އެންމެ ފުރަތަމަ ކުރީ އީދު ނަމާދެވެ. މުސްލިމުންގެ ތިން ހަރަމްފުޅުގައި ކުރި އީދުނަމާދުގައި އެތަށް ލައްކަ ބަޔަކު ބައިވެރިވެފައިވެއެވެ. މައްކާގެ ހަރަމްފުޅުގައި ކުރި އީދު ނަމާދުގައި ދެމިލިޔަނެއްހާ މީހުން ބައިވެރިވިއިރު މަދީނާގައިވާ އަލްމަސްޖިދުއްނަބަވީގައި ކުރި އީދުނަމާދުގައި ދެ ލައްކައެއް ހާމީހުން ބައިވެރިވިއެވެ. އަދި ފަލަސްތީނުގެ އަލްގުދްސުގައިވާ މަސްޖިދުލްއަގްޞާގައި ކުރި އީދު ނަމާދުގައިވެސް ދެލައްކައަށްވުރެ ގިނަމީހުން ބައިވެރިވިކަމަށް ޚަބަރުތައް ބުނެއެވެ.

މަސްޖިދުލްއަގްސާއަކީ މުސްލިމުންގެ އެންމެ ބޮޑު ދުޝްމަންކަމަށްވާ ޒަޔަނިސްޓް އިސްރާއީލުގެ އަޅުވެތިކަމުގެ ދަށުގައިވާ ބިނާއެކެވެ. އެ މުގައްދަސް ބިނާއަށް އަޅުކަންކުރުމަށް ދާމީހުންނަށް ޒަޔަނިސްޓް އިސްރާއީލުގެ އިސްތިޢްމާރީ ބާރުތަކުން ހުރަސްއަޅަމުން ގެންދެއެވެ.

ސީރިއާގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން އެގައުމުގެ ރައްޔިތުން ސަލާމަތީ ހިސާބުތަކަށް ހިޖްރަކުރަނީ -- ފޮޓޯ: އޭޕީ

މީގެއިތުރުން އިސްލާމީ ގައުމުތަކުގެ މިސްކިތްތަކުގައާއި ބޮޑެތި މައިދާންތަކުގައިވަނީ ޖަމާއަތުގައި އީދު ނަމާދުކޮށްފައެވެ. އަދި އިސްލާމް ނޫންގައުމުތަކުގެ މުސްލިމުންވެސް ބޮޑު ޖަމާއަތުގައި މައިދާންތަކުގައި އީދު ނަމާދުކޮށްފައިވެއެވެ.

އިސްލާމީ ގިނަ ގައުމުތަކުން ވަނީ މިއަހަރުގެ ބަރަކާތްތެރި ފިތުރު އީދު ދުވަހަކީ މިއަދު ކަމަށް އިޢުލާންކޮށްފައެވެ. ރާއްޖޭގެ އިތުރުން މިއަދަކީ އީދު ކަމަށް ކަނޑައެޅި އިސްލާމީ ގައުމުތަކުގެ ތެރޭގައި މިސްރު، ސައޫދީ އަރަބިޔާ، ޔޫއޭއީ، ކުވައިތު، ގަތަރު، ބަހްރައިން، ހިމެނެއެވެ. މިއަދު ފިތުރު އީދު ފާހަގަ ކުރާ އެހެން ގައުމުތަކުގެ ތެރޭގައި ލުބްނާން، އިރާގު ،ފަލަސްތީން، ލީބިޔާ އަދި އުރުދުން އާއި މެލޭޝިޔާއާއި ތުރުކީވެސް ހިމެނެއެވެ.

ފިތުރު އީދު ދުވަހަކީ ހޯމަ ދުވަސް ކަމަށް ކަނޑައެޅި އިސްލާމީ ގައުމުތަކުގެ ތެރޭގައި އުމާނާއި އޭޝިޔާއާއި އެފްރިކާގެ ބައެއް އިސްލާމީ ގައުމުތަކާއި މުސްލިމުންގެ އަޣްލަބިއްޔަތުނެތް ޣައިރު މުސްލިމް ގައުމުތައްވެސް ހިމެނެއެވެ. ފިތުރު އީދު ދުވަހުގެ މުނާސަތުގައި އިސްލާމީ ގައުމުތަކުގެ ލީޑަރުން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް އީދުގެ ތަހްނިޔާ ފޮނުއްވަމުން ގެންދަވާ ކަމަށް ޚަބަރުތައް ބުނެއެވެ.

އިސްލާމީ ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުން ބަރަކާތްތެރި ފިތުރު އީދުގެ އުފާ ފާޅުކުރަމުން ގެންދާއިރު އިސްލާމީ އެތަށް ގައުމެއްގެ ރައްޔިތުން ދަނީ ހަނގުރާމައިގެ ވޭނާއި ބަލިމަޑުކަމާއި ފަގީރުކަން ތަހައްމަލް ކުރަމުންނެވެ.

ހަނގުރާމައިގެ ވޭނާއި ކެކުޅުމާއި ހައިހޫނުކަމާއި ބަލިމަޑުކަން ތަހައްމަލްކުރާ ގައުމުތަކުގެ ތެރޭގައި ސޫރިޔާ، އިރާޤް، ލީބިޔާ، ސޮމާލިޔާ އަދި ޔަމަން ހިމެނެއެވެ.

ޔަމަންގެ އެތަށް ހަސްބަޔަކު ދަނީ ކޮލެރާގެ ބަލިމަޑުކަމުގައި މަރުވަމުންނެވެ. އިސްރާއީލުގެ އަނިޔާވެރިކަމުގައި ފަލަސްތީނުގެ ރައްޔިތުންވެސްދަނީ އަޅުވެތިކަމާއި ވޭނާއި ކެކުޅުން ތަހައްމަލް ކުރަމުންނެވެ.

އަދި އީދާ ދިމާކޮށް އިސްލާމީ އެތަށް ގައުމެއްގައި ޚަވާރިޖުންގެ ޖަމާއަތްތަކުންވަނީ ބޮންގޮއްވައި ކުށެއްނެތް މުސްލިމުންގެ އެތަށް ބަޔަކު މަރާލާފައެވެ. މިގޮތުން ޕާކިސްތާނުގެ ތާލިބާނުން ވަނީ އެގައުމުގެ ހުޅަނގު އުތުރުގެ ރަށެއްކަމަށްވާ ކުއެޓާގައި މީހުން ތޮއްޖެހިފައިވާ ބާޒާރަކަށް ޓެރަރިސްޓް ހަމަލާއެއްދީ 30 އަށްވުރެ ގިނަ މީހުން މަރާލާފައެވެ.

އައިއެސް އާއި ތާލިބާނުންފަދަ ޚަވާރިޖުންގެ ޖަމާއަތްތަކުން އަމިއްލައަށް މަރުވެގެން މުސްލިމުންނާ ދެކޮޅަށް ބޮންގޮއްވި ގައުމުތަކުގެ ތެރޭގައި ޕާކިސްތާނުގެ އިތުރުން އަފްޣާނިސްތާނާއި އިރާގު ހިމެނެއެވެ. އަދި އެމެރިކާއާއި ރަޝިޔާ ފަދަ ބޮޑެތި ބާރުތަކުންވަނީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި ސޫރިޔާފަދަ ގައުމުތަކަށް ހަމަލާތައްދީ އެތަށް ބަޔަކު މަރާލާފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް