އިންޑިޔާގެ މުސްލިމު ނޫން މީހުންނަށް ރައްޔިތުކަން ދޭ ގާނޫނަށް އެމެރިކާއާ އދ.ގެ ކަންބޮޑުވުން

އިސްލާމް ދީން ނޫން އެހެން ދީންތަކުގެ މީހުންނަށް އިންޑިޔާގެ ރަށްވެރިކަން ފަސޭހައިން ލިބޭ ގޮތަށް ހެދި ގާނޫނާ ދެކޮޅަށް މުޒާހަރާ ކުރަނީ. ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

އިސްލާމްދީން ނޫން އެހެން ދީންތަކުގެ މީހުންނަށް އިންޑިއާގެ ރަށްވެރިކަން ފަސޭހައިން ލިބޭ ގޮތަށް ހެދި ގާނޫނަށް އެ ގައުމުގައި އަމަލުކުރަން ފެށުމުން، އެމެރިކާއާއި އދ.އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

"2019ވަނަ އަހަރު އަޅުގަނޑުމެން ބުނިހެން އިންޑިއާގެ ރައްޔިތުކަމުގެ ގާނޫނު 2019 (ސީއޭއޭ)އަކީ އަސާސީ ގޮތުން ތަފާތުކުރުން އޮތް ގާނޫނެއް. އެއީ އިންޑިއާގެ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ހިލާފު ކަމެއް. އަޅުގަނޑުމެން އެކަމާ ކަންބޮޑުވޭ،" އދ.ގެ ހައިކޮމިޝަނާ ފޯ ހިއުމަން ރައިޓްސްގެ އޮފީހުގެ ތަރުޖަމާނަކު ވިދާޅުވިއެވެ.

ގާނޫނާ ގުޅިގެން އެމެރިކާއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ އަދި އެ ގާނޫނު ތަންފީޒު ކުރާނެ ގޮތް ވަރަށް ގާތުން ބަލަމުން ދާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނަކު ވިދާޅުވިއެވެ.

އެކްޓިވިސްޓުންނާއި ހައްގުތަކަށް ވަކާލާތުކުރާ މީހުން ބުނާ ގޮތުގައި އެ ގާނޫނުން ރައްޔިތުންގެ ގައުމީ ދަފްތަރެއް އެކުލަވާލުމަށް ހުށަހަޅާފައިވާއިރު، އިންޑިއާގެ 200 މިލިއަން މުސްލިމުންނާ މެދު ތަފާތު ކުރެވިދާނެއެވެ.

އަދި ފަގީރު ހިސާބުތަކުގައި ދިރިއުޅޭ ބައެއް މީހުންގެ ލިޔެކިޔުންތައް ނެތުމާއެކު، މުސްލިމުންގެ ރައްޔިތުކަން ސަރުކާރުން ނަގާފާނެކަމުގެ ކަންބޮޑުވުން ވެސް އެބައޮތް ކަމަށް އެމީހުން ބުނެއެވެ.

ނަމަވެސް އެ ގާނޫނަކީ މުސްލިމުންނާ ދެކޮޅު ގާނޫނެއް ނޫން ކަމަށް އިންޑިޔާ ސަރުކާރުން ބުނެއެވެ.

އެ ގާނޫނުގައި ވާގޮތުން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން ޕާކިސްތާނާއި އަފްޣާނިސްތާނާއި ބަންގްލަދޭޝް އިން އިންޑިއާއަށް ވަދެފައިވާ ހިންދޫންނާއި ޕާސީންނާއި ސިކުންނާއި ބުޑިސްޓުންނާއި ޖޭއިންސް އަދި ކްރިސްޓިއަނުންނަށް އިންޑިއާގެ ރަށްވެހިކަން ލިބެއެވެ.

ނަމަވެސް އެއީ މުސްލިމެއް ކަމަށްވާ ނަމަ ރަށްވެހިކަމެއް ނުލިބޭނެއެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެ ގާނޫނު ފާސްކުރި ނަމަވެސް އެއާ ދެކޮޅަށް މުޒާހަރާކޮށް އުފެދުނު ހަމަނުޖެހުންތަކުގައި 100 އަށް ވުރެ ގިނަ މީހުން މަރުވެ ފާޑުކިޔުންތައް ބޮޑުވުމުން އޮތީ ގާނޫނަށް އަމަލުކުރަން ނުފަށައެވެ. ނަމަވެސް މިހާރު ގާނޫން ތަންފީޒުކުރަން ވަނީ ފަށައިފައެވެ.

comment ކޮމެންޓް