ކޮމިއުނިޓީ ޝީލްޑް މެޗުން ލިބޭ ފައިސާ ގްރެންފެލް ޓަވަރު ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް

މިއަހަރުގެ އިނގިރޭސި އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުން ލިބޭ ފައިސާ، ހަދިޔާކުރާނީ ގްރެންފެލް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންލިބުނު ފަރާތްތަކަށް -- ފޮޓޯ: ގެޓީ

މިއަހަރުގެ އިނގިރޭސި އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުން ލިބޭ ފައިސާ، ގްރެންފެލް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންލިބުނު ފަރާތްތަކަށް އެހީމުމަށް ހަދިޔާކުރުމަށް ނިންމައިފިއެވެ.

އެފްއޭއިން ލަފާކުރާ ގޮތުގައި، އިނގިރޭސި ޕްރިމިއަރ ލީގު ޗެމްޕިއަން ޗެލްސީއާއި އެފްއޭ ކަޕް ޗެމްޕިއަން އާސެނަލާ ދެމެދު ކުޅެވޭ ސީޒަން ހުޅުވާމެޗުން ގާތްގަނޑަކަށް 1.25 މިލިއަން ޕައުންޑު ލިބޭނެއެވެ.

ޖޫން 14 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ގްރެންފެލް ޓަވަރުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 79 އަށް އަރައެވެ. އޭގެ އިތުރުން އެތަކެއް ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައި ވާއިރު، އެ ހާދިސާގައި އެތަކެއް ބައެއްގެ ގެދޮރާއި ދިރިއުޅުމަށް ބޭނުންކުރާ އެންމެހާ ސާމަނުތައް ވަނީ އަނދައި ހުލިވެފައެވެ.

އެފްއޭއިން ބުނެފައިވާގޮތުން، އެއިދާރާއިން ވަނީ، ގްރެންފެލް ޓަވަރުގެ ހާދިސާގައި ސަލާމަތްވި ފަރާތްތަކާއި އެތަނުގައި ހަރަކާތްތެރިވި އިމަޖެންސީ ފަރާތްތަކާއި، އެ ހާދިސާގައި ގެއްލުން ލިބުނު ފާރާތްތަކާއި އަދި އެ ހާދިސާގައި މަރުވެދިޔަ ފަރާތްތަކުގެ އާއިލާތަކަށް، އޯގަސްޓް 6 ވަނަ ދުވަހު، ވެމްބްލީ ސްޓޭޑިއަމަށް ދައުވަތުދިނުމަށް ނިންމައިފައެވެ.

"ގައުމުގެ އެހެން އެންމެނެކޭ އެއްފަދައިން ގްރެންފެލް ޓަވަރުގެ ހާދިސާއިން އަހަރެމެންނަށްވެސް ވަނީ ވަރަށް ފުން ހިތާމައެއް ލިބިފައި. އެ ހާދިސާގައި ލިބުނު ގެއްލުންތައް އިހްސާސްކުރަންވެސް ދަތި،" އެފްއޭގެ ޗެއާމަން ގްރެގް ކްލަރކް ވިދާޅުވިއެވެ.

"ފުޓްބޯޅައަކީ އެންމެގެ ކުޅިވަރެއް، އެހެކަމުން އަހަރެމެން އުންމީދުކުރަން، އޯގަސްޓް ހަވަނަ ދުވަހު، އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަމެއް ވެދެވޭނޭ ކަމަށް."

އޭނާ ވިދާޅުވީ، ކޮމިއުނިޓީ ޝީލްޑް މެޗުގައި ވާދަކުރަނީ ލަންޑަންގެ އެންމެ ބޮޑު ދެ ކްލަބު ކަމަށާއި، މެޗު ކުޅެނީ ލަންޑަނުގެ އެންމެ ޝަރަފްވެރި ދަނޑުގައި ކަމަށެވެ. އެހެންކަމުން ގްރެންފެލް ޓަވަރު ހުންނަ ކެންސިންޓަން ސިޓީއާ މާ ދުރުނޫން ހިސާބެއްގައި ކުޅެވޭ މި މެޗުގެ ސަބަބުން، އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދެވޭނޭ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

comment ކޮމެންޓް