ނިއުކްލިއާ ގޮވުމަކުން ގެއްލުން ނުފޯރާ މަތިންދާބޯޓަށް ނަގޫރޯޅިއެއް ގެއްލުންދީފި

އެމެރިކާ އަސްކަރިއްޔާއިން ގެންގުޅޭ ޑޫމްސްޑޭ ޕްލޭނެއް ----

ނިއުކްލިއާ ބޮމަކުން އުފެދޭ ހޫނުގެ އަސަރުވެސް ނުކުރާނެ ގޮތަށް ފަރުމާކޮށް އެމެރިކާގެ ޕެންޓަގަންއިން އުފެއްދި މަތިންދާބޯޓަށް ނަގޫރޯޅިއެއްގެ ސަބަބުން ގެއްލުން ލިބިއްޖެއެވެ.

"ޑޫމްސްޑޭ ޕްލޭންސް"ގެ ނަމުން ވަނަން ދީފައިވާ މި ބޯޓުތަކަކީ ބޮއިންގް 747 މަރުކާގެ ބޯޓުތަކެކެވެ. ނަމަވެސް މީގައިވާ ރީއިންފޯސްމެންޓްތަކާ އެކު، ބޯޓަށް ކިޔަނީ އީ-4 ބީއެވެ.

އާދަޔާ ޚިލާފު ހޫނުންވެސް ގެއްލުން ނުލިބޭ ގޮތަށް ރީއިންފޯސްކޮށްފައިވާ މި ބޯޓުގައި، ނިއުކްލިއާ ގޮވުމެއްގެ އިލެކްޓްރޯމެގްނެޓިކް ޕަލްސްގެ އަސަރުވެސް ނުކުރާ ގޮތަށް ވަނީ ރައްކާތެރި ފިޔަވަޅު އަޅައިފައެވެ.

މި ބޯޓުތަކަކީ އުދުހެމުންދާ ވަގުތުވެސް ރީފިއުލްކުރެވޭ، އަދި އެތައް ދުވަހެއް ވަންދެން ހުއްޓުމެއް ނެތި އުދުހެވޭ ބޯޓެކެވެ.

އެމެރިކާގެ އަސްކަރިއްޔާގެ އެއާފޯހުގައި މީގެ ހަތަރު ބޯޓު އޮންނަ އިރު، އެއާފޯހުން ބުނި ގޮތުން އޭގެ ތެރެއިން ދެ ބޯޓެއް ވަނީ ނަގޫރޯޅިއެއްގައި ޖެހި، ގެއްލުންތަކަކާ ކުރިމަތިލައިފައެވެ. އެއީ މި ޖޫންމަހުގެ 16 ވަނަ ދުވަހު، އެމެރިކާގެ ނެބްރަސްކާ ސްޓޭޓުގައެވެ.

comment ކޮމެންޓް