މެސީގެ ޖަލުހުކުމް 255,000 ޔޫރޯގެ ޖޫރިމަނާއަކަށް ބަދަލުކޮށްފި

އާޖެންޓީނާގެ ތަރި ލިއޮނަލް މެސީގެ މައްޗަށް އުފުލާފައިވާ ޓެކުހަށް މަކަރު ހެދުމުގެ ދައުވާގައި އޭނާ ކޯޓަށް ހާޒިރުކޮށްފައި -- ފޮޓޯ: ރޮއިޓާސް

ޓެކުހަށް މަކަރުހެދުމުގެ ކުށް ސާބިތުވެ، ބާސެލޯނާގެ ތަރި ލިއޮނަލް މެސީގެ މައްޗަށް ކޮށްފައިވާ 21 މަސްދުވަހުގެ ޖަލުހުކުމް، ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމަށް ސްޕެއިންގެ ޕަބްލިކް ޕްރޮސިއުޓަރ ނިންމަވައިފިއެވެ.

ބާސެލޯނާގެ ސްޓާރ ފޯވާޑާއި އޭނާގެ ބައްޕަ ޖޯޖްގެ މައްޗަށް ޓެކުހަށް މަކަރު ހެދުމުގެ ތިން މައްސަލައެއް ސާބިތުވެ ޖަލުހުކުމެއް އިއްވާފައި ވަނީ، މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ.

މެސީގެ މައްޗަށް ވަނީ، 2007 ވަނަ އަހަރާއި 2009 ވަނަ އަހަރާ ދެމެދު އޭނާގެ އިމޭޖްރައިޓްސްއަށް ލިބުނު އާމްދަނީގެ ތެރޭން، 4.1 މިލިއަން ޔޫރޯގެ ޓެކުހަށް މަކަރު ހެދުމުގެ ކުށް ސާބިތުވެފައެވެ.

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާ އާއި ޕެނަމާ ކުޅުނު މެޗުގައި މެސީ ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ

މިދިޔަ މޭމަހު މެސީ ވަނީ، އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމް، ސްޕެއިންގެ ސުޕްރީމްކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުންވެސް ނިންމީ، އެއީ ރަނގަޅު ހުކުމެއް ކަމަށެވެ.

ސްޕެއިންގެ ނޫސް އެޖެންސީއެއް ކަމަށްވާ އީއެފްއީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އާޖެންޓީނާގެ ކެޕްޓަން މިހާރު ވަނީ، ޖޫރިމަނާގެ ގޮތުގައި 255,000 ޔޫރޯ ދެއްކުމަށް ނިންމައިފައެވެ.

comment ކޮމެންޓް