ވަންދޫގައި ފަގީރުން ނެތުމުން ޒަކާތު ފައިސާ ހިރިލަންދުއަށް

މީހަކު ޒަކާތް ދައްކަނީ: ސަން ފައިލް ފޮޓޯ

ފިތުރު ޒަކާތުގެ ބެހެނިވެރިއެއްގެ ގޮތުގައި އެއްވެސް މީހަކު މިއަހަރު ވެސް ނަން ނޯޓުކޮށްފައި ނެތުމުން، ތ. ވަންދޫގައި ރައްޔިތުން ދެއްކި ޒަކާތު ފައިސާ އެއަތޮޅު ހިރިލަންދޫއަށް ހަދިޔާކޮށްފި އެވެ.

ތ. ވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ގިޔާސް "ސަން"އަށް މިއަދު ވިދާޅުވި ގޮތުގައި، ޒަކާތު ފައިސާ ބެހުމަށް ފަގީރުންގެ ލިސްޓުގައި ނަން ނޯޓުކުރުމަށް ހުޅުވާލި ފުރުސަތުގައި، އެ ރަށުގެ އެއްވެސް ރައްޔިތަކު ނަން ނޯޓުކޮށްފައެއް ނުވެ އެވެ.

ގިޔާސް ވިދާޅުވީ މިއީ މީގެ ކުރިން ވެސް ކަން ހިނގާފައިވާ ގޮތް ކަމަށާއި އެ ރަށުގައި ފަގީރުންގެ ލިސްޓުގައި އެއްވެސް މީހަކު ނަން ނޫޓު ނުކުރާތާ ދެތިން އަހަރު ވެދާނެ ކަމަށެވެ.

ހަތަރުސަތޭކައެއްހާ ރައްޔިތުންގެ އާބާދީއެއް އޮންނަ ތ. ވަންދޫގައި ފަގީރަކު ނެތުމުން، އެރަށުގެ ރައްޔިތުން ކައުންސިލަށް ދައްކާފައިވާ 8،500 އެއްހާ ރުފިޔާގެ ޒަކާތު ފައިސާއަށް ހަދާނެ ގޮތަކާ މެދު އިސްލާމިކް މިނިސްޓްރީގެ ލަފައަކަށް އެދުމުން، އެންމެ ކައިރީގައި އޮތް މީހުން ދިރިއުޅޭ ރަށަކަށް އެ ފައިސާ ހަދިޔާކުރުމަށް ލަފާ ދިން ކަމަށް ވަންދޫ ކައުންސިލްގެ ރައީސް ގިޔާސް ވިދާޅުވި އެވެ.

"އެހެންކަމުން އަޅުގަނޑުމެން ރޭ ވާނީ މިރަށާ އެންމެ ކައިރީގައި އޮންނަ ހިރިލަންދު އަށް ޒަކާތު ފައިސާ ހަދިޔާ ކޮށްފައި،" ގިޔާސް ވިދާޅުވި އެވެ.

ތ. ހިރިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލު "ސަން"އަށް ވިދާޅުވީ، ހިރިލަންދޫގައި ރައްޔިތުން ދެއްކި ޒަކާތު ފައިސާ އާއި ވަންދޫއިން ހަދިޔާކުރި ޒަކާތު ފައިސާ ވެސް ރޭގެ ވަގުތެއްގައި ވަނީ އެރަށުގެ ފަގީރުންނަށް ބަހައި ނިންމާފައި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ހިރިލަންދޫގައި ފަގީރުންގެ ގޮތުގައި ނަން ނޯޓުކޮށްފައި ވަނީ 46 މީހެކެވެ.

ރަމަޟާން މަހަށް ފަހު އަންނަ ފިތުރު އީދުގެ މުނާސަބަތުގައި ފިތުރު ޒަކާތް ނެރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވެސް އޮތް ފަރުޟެކެވެ.

comment ކޮމެންޓް