މައްކާގައި ހުންނަ ކައުބަތުﷲ ގެފުޅަށް ބަޔަކު ދޭން ރޭވި ޓެރަރިސްޓް ހަމަލާއެއް ސައުދީ އަރަބިއްޔާގެ ބާރުތަކުން ރޭ ހުއްޓުވާފައިވާ އިރު، އެ ހާދިސާގައި މަރާލާފައި ވަނީ ސައުދީ ސަރުކާރުން ހޯދަމުންދާ ނުރައްކާތެރި ހަނގުރާމަވެރިއެއް ކަމަށް އެގައުމުން ބުނެފި އެވެ.
މުސްލިމުންގެ އެންމެ މުޤައްދަސް މިސްކިތުގައި ރޭ ތަރާވީހް ނަމާދުކުރިއަށް ދިޔަ ވަގުތު، އެތަނަށް ޓެރަރިސްޓް ހަމަލާއެއް ދޭން މަސައްކަތްކުރި ބަޔަ ސައުދީ ސަލާމަތީ ބާރުތަކުން ވަނީ ހުއްޓުވައިފަ އެވެ. މައްކާ އާއި ޖިއްދާގައި ފިލައިގެން އުޅޭ، ހަނގުރާމަވެރި ތިން ޖަމާއަތަކުން ގުޅިގެން ރޭވި މި ހަމަލާގައި ބައިވެރިވި މީހުންގެ ތެރޭން އެކަކު މަރުވެފައިވާ އިރު، އިތުރު ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ސައުދީ ސަލާމަތީ ބާރުތަކާ ހަވާލާދީ އަލް އަރަބިއާ ނޫހުން ބުނީ، މައްކާގެ އަލް އަސީލާ އަވަށުގެ ގެއެއްގެ ތެރޭގައި ފިލައި ހުރި ހަނގުރާމަވެރިއަކާއި ސަލާމަތީ ބާރުތަކާ ދެމެދު، ބަދަލުކުރި ބަޑީގެ ހަމަލާތަކެއްގައި އެމީހާ މަރުވެފައިވާ ކަމަށެވެ. މަރުވެފައި ވަނީ، ސައުދީގައި ހަރަކާތްތެރިވާ މިފަދަ ހަނގުރާމަވެރީންގެ ތެރޭން އެގައުމުން އަތުލައިގަތުމަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް ޓެރަރިސްޓް ކަމަށް ވެސް އެ ނޫހުގައިވެ އެވެ.
އަސީލާ އަވަށުގައި ހިނގި ކުރިމަތިލުންތަކުގައި ސަލާމަތީ ބާރުތަކުގެ އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށްވެ އެވެ.
ސައުދީ ސަލާމަތީ ބާރުތަކުން ބުނެފައި ވަނީ، ހަރަމްފުޅަށް ހަމަލާދޭން ރޭވި ޓެރަރިސްޓް ތިން ގްރޫޕްގެ ތެރޭން ދެ ގްރޫޕަކީ، މައްކާގައި ގާއިމުވެގެން ތިބި ބައެއް ކަމަށާއި އަނެއް ގްރޫޕަކީ ޖިއްދާގައި ތިބި ބައެއް ކަަމަށެވެ.
ޓެރަރިސްޓުން ދޭން ރޭވި ފުރަތަމަ ހަމަލާ ނާކާމިޔާބުކޮށްލާފައި ވަނީ، މައްކާގެ އައްސީލާ އަވަށުގަ އެވެ. އަދި ދެވަނަ ހަމަލާ ހުއްޓުވާފައި ވަނީ، އަޖްޔަދް އަލް މަސާފީ ނެއިބަހުޑުންނެވެ.
ރޭގެ ހާދިސާގައި އާންމުގެން ހަމީހަކަށް އަނިޔާ ލިބިފައިވާ އިރު، ސަލާމަތީ ބާރުތަކުގެ ފަސް މީހަކަށް ވެސް އެކިވަރުގެ ކުދިކުދި އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ސައުދީ ސަލާމަތީބާރުތަކުން ބުނެފައިވާ ގޮތުގައި، އެ ހާދިސާއާ ގުޅިގެން މިހާތަނަށް ހައްޔަރުކުރި ފަސް މީހުންގެ ތެރޭގައި އަންހެނަކު ވެސް ހިމެނެ އެވެ.