މައްކާގައި ހުންނަ ކައުބަތުﷲ ގެފުޅަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާތަކެއް ސައުދީ ސަލާމަތީ ބާރުތަކުން ނާކާމިޔާބުކޮށްލައިފިއެވެ.
ސައުދީ އަރަބިއާގެ އިންޓީރިއަރ މިނިސްޓްރީގެ ތަރުޖަމާނު މަންސުރު އައްތުރުކީއާ ވަހާލާދީ، އަލް އަރަބިއާގައި ވަނީ، މި ހަމަލާތައް ރާވާފައިވަނީ ޓެރަރިސްޓް ތިން ޖަމާއަތަކުން ގުޅިގެންކަމަށެވެ.
ސައުދީ ސަލާމަތީ ބާރުތަކުން ބުނެފައިވަނީ، ހަރަމްފުޅަށް ހަމަލާދޭން ރޭވި ޓެރަރިސްޓް ތިން ގްރޫޕްގެ ތެރޭން ދެ ގްރޫޕަކީ، މައްކާގައި ގާއިމުވެގެން ތިބި ބައެއް ކަމަށާއި އަނެއް ގްރޫޕަކީ ޖިއްދާގައި ތިބި ބައެއް ކަަމަށެވެ. އަދި އެމީހުންގެ އެ ހަމަލާތައް އަމާޒުކޮށްފައި ވަނީ، މިރޭ ހަރަމްފުޅުގައި ތަރާވީހް ނަމާދަށް ތިބި މީހުންނަށް ކަމަށްވެސް ސައުދީ ސަލާމަތީ ބާރުތަކުން ބުނެއެވެ.
ޓެރަރިސްޓުން ދޭން ރޭވި ފުރަތަމަ ހަމަލާ ނާކާމިޔާބުކޮށްލާފައި ވަނީ، މައްކާގެ އައްސީލާ އަވަށުގައެވެ. އަދި ދެވަނަ ހަމަލާ ހުއްޓުވާފައި ވަނީ، އަޖްޔަދް އަލް މަސާފީ ނެއިބަހުޑުންނެވެ.
އަޖްޔަދު ނެއިބަހުޑްގައި ހަމަލާދޭން މަސައްކަތްކުރި މީހަކީ ހަށިގަނޑުގައި ބޮމެއް ހަރުކޮށްގެން ޖާނުންފިދާވުމުގެ ހަމަލާއެއް ދޭން އުޅުނު މީހެކެވެ. އާންމުން ދިރިއުޅޭ ގެއެއްގެ ތެރޭގައި ފިލައިހުރި އެމީހާއަށް، ސަލާމަތީ ބާރުތަކުން އަމާންދިނުމަށް އިންޒާރުދިނުމުން ވެސް އަމާން ނުދީ، އޭނާ ވަނީ އަމިއްލަ ހަށިގަނޑު ގޮއްވާލައިގެން މަރުވެފައެވެ.
މި ހާދިސާގައި އާންމުގެން ހަމީހަކަށް އަނިޔާ ލިބިފައިވާއިރު، ސަލާމަތީ ބާރުތަކުގެ ފަސް މީހަކަށްވެސް އެކިވަރުގެ ކުދިކުދި އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސައުދީ ސަލާމަތީބާރުތަކުން ބުނެފައިވާގޮތުގައި، އެ ހާދިސާއާ ގުޅިގެން މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި އަންހެނަކުވެސް ހިމެނެއެވެ.