ސައުދީ އަރަބިއްޔާއިން އަންނަ އަހަރަށް 1.39 ޓްރިލިއަން ރިޔާލުގެ ބަޖެޓެއް ފާސްކޮށްފި

ސައުދީ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން --- ފޮޓޯ: އަލް އަރަބިއްޔާ

އިގްތިސާދީ ކުރިއެރުން އަލުން އިއާދަވާނެ ކަމުގެ އުންމީދާއެކު، އަންނަ 2027 ވަނަ އަހަރަށް ސައުދީ އަރަބިއްޔާއިން 1.39 ޓްރިލިއަން ސައުދީ ރިޔާލު (370.7 ބިލިއަން އެމެރިކާ ޑޮލަރު) ގެ ބަޖެޓެއް ފާސްކޮށްފިއެވެ.

ސައުދީ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ރިޔާސަތު ބެލެހެއްޓެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި މިއަދު ފާސްކުރި މި ބަޖެޓުގައި، 2027 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 1.2 ޓްރިލިއަން ރިޔާލު ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި ބަޖެޓު ޑެފިސިޓް ހުންނާނީ 190.56 ބިލިއަން ރިޔާލުގައި ކަމަށް ލަފާކޮށްފައިވާއިރު، މިއީ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) ނިސްބަތުން 3.6 އިންސައްތައެވެ.

ބަޖެޓު އިއުލާން ކުރެއްވުމުގެ ގޮތުން ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވީ، އިގްތިސާދީ އިސްލާހުތަކާއި ސިޔާސަތުތަކުގެ ސަބަބުން ސައުދީގެ އިގްތިސާދީ ބިންގާ ފުޅާވެ، ވާދަވެރިކަން އިތުރުވެފައިވާ ކަމަށެވެ. އެގޮތުން 2026 ވަނަ އަހަރު ތެޔޮ ނޫން ސިނާއަތްތަކުގެ ރިއަލް ޖީޑީޕީ 2.5 އިންސައްތަ ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ސައުދީ ވިޝަން 2030 ގެ ތިންވަނަ ފިޔަވަހީގައި އިސްކަންދޭނީ ގައުމީ ހުނަރުވެރިން ބިނާކުރުމަށާއި އިގްތިސާދު އިތުރަށް ސިންދަފާތު ކުރުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

2027 ވަނަ އަހަރުގެ ބަޖެޓުގައި ހިންގުމުގެ ޚަރަދުގެ ގޮތުގައި 1.214 ޓްރިލިއަން ރިޔާލު ކަނޑައަޅާފައިވޭ --- ފޮޓޯ: އަލް އަރަބިއްޔާ

ބަޖެޓު ބަޔާނުގައިވާ ގޮތުން، 2026 ވަނަ އަހަރު ސައުދީގެ ރިއަލް ޖީޑީޕީ 2.1 އިންސައްތަ ދަށްވި ނަމަވެސް، ތެލުގެ ސިނާއަތް އަލުން ކުރިއަރައި ތެޔޮ ނޫން އިގްތިސާދީ ހަރަކާތްތައް އިތުރުވުމާއެކު 2027 ވަނަ އަހަރު ރިއަލް ޖީޑީޕީ 10.9 އިންސައްތަ ކުރިއަރާނެއެވެ. މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ތެލުގެ ސިނާއަތް 14.6 އިންސައްތަ ދަށްވި ނަމަވެސް، ތެޔޮ ނޫން ސިނާއަތްތައް ވަނީ 1.8 އިންސައްތަ ކުރިއަރާފައެވެ. މިއާއެކު ގައުމީ އުފެއްދުންތެރިކަމުގައި ތެޔޮ ނޫން ސިނާއަތްތަކުގެ ހިއްސާ ވަނީ ރެކޯޑު އަދަދެއް ކަމަށްވާ 57.7 އިންސައްތައަށް އުފުލިފައެވެ.

ބަޖެޓާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައުދީ ފިނޭންސް މިނިސްޓަރު މުހައްމަދު އަލްޖަދާން ވިދާޅުވީ، ވޭތުވެދިޔަ ނުވަ މަސްދުވަހު ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް ތެޔޮ ނޫން އިގްތިސާދު ވަރަށް ވަރުގަދަކޮށް ހިފެހެއްޓިފައިވާ ކަމަށެވެ. އަދި ބޭންކިންގ ދާއިރާ ކުރިއަރަމުންދާއިރު، އަނބުރާ ނުދެއްކި ހުރި ލޯނުތަކުގެ ނިސްބަތް 1 އިންސައްތައަށްވުރެ ދަށުގައި ހިފެހެއްޓިފައިވާ ކަމަށާއި، ސައުދީ ވިޝަން 2030 އަކީ ހަމައެކަނި މަޝްރޫއެއް ނޫން ކަމަށާއި އެއީ މުޅި ގައުމު ބަދަލުކޮށްލާނެ އިސްލާހީ ދަތުރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

2027 ވަނަ އަހަރުގެ ބަޖެޓުގައި ހިންގުމުގެ ޚަރަދުގެ ގޮތުގައި 1.214 ޓްރިލިއަން ރިޔާލު ކަނޑައަޅާފައިވާއިރު، ކެޕިޓަލް ޚަރަދުގެ ގޮތުގައި 178 ބިލިއަން ރިޔާލު ވަނީ ހިމަނާފައެވެ. މި ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އުމްރާނީ ތަރައްގީއާއި، ދަތުރުފަތުރާއި، ތައުލީމާއި ސިއްހީ ދާއިރާގެ އިތުރުން ރައްޔިތުންނަށް ދޭ އިޖުތިމާއީ އެހީތެރިކަން ހަރުދަނާ ކުރުމަށެވެ.

އަންނަ އަހަރު ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ 4.5 އިންސައްތަ އިތުރުވެ، 414 ބިލިއަން ރިޔާލަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، 2027 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނީ 1.92 ޓްރިލިއަން ރިޔާލުގައި (ޖީޑީޕީގެ 35.9 އިންސައްތައިގައި) ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި ސައުދީ ސެންޓްރަލް ބޭންކުގައި ހުރި ސަރުކާރުގެ ރިޒާވް 399 ބިލިއަން ރިޔާލުގައި ހިފެހެއްޓޭނެ ކަމަށްވެސް ބަޖެޓު ބަޔާނުގައިވެއެވެ.

comment ކޮމެންޓް