ލިޔުންތެރިކަމުގެ ރާގޭ މި ދަންނަވަނީ ލިޔުންތެރިކަމުގެ އިހުސާސް އެކުލެވޭ ވައްތަރަށެވެ. ލިޔުމެއް ހުށަހަޅައި ދިނުމުގެ ވައްޓަފާޅީގައި ހުންނަ ރޫހު އަންގައިދޭ ފަންނީ ސިފަތަކަށެވެ. އެ ލިޔުމުގައި ލިޔުންތެރިޔާގެ ނަފުސުގެ ޠަބީޢަތް ދައްކައިދޭ އަސަރުތަކަށެވެ. އަދި އެހެންމެ އެ ލިޔުމެއްގެ އުސްލޫބު (ސްޓައިލް) އަށެވެ.
މި ދެންނެވި ފަދަ މާނަތަކުން ބަލާއިރު ކޮންމެ ލިޔުމެއްގައި ވެސް ރާގެއް އޮވެ އެވެ. ލިޔުމެއް ލިޔެފައި އޮންނަ އިރު އޭގައި ރުޅިވެރިކަން ހިމެނޭ ނަމަ ރުޅިވެރިކަން ބެލެނީ އޭގެ ރާގު ކަމުގައެވެ. ރުޅިވެރިކަން، ހިތާމަވެރިކަން، އާދޭސް، ޖޯޝާއި ފޯރި، ހިތްވަރާއި އަޒުމް ފަދަ ކަންކަމަކީ ލިޔުމުގެ ރާގު ކަމުގައި ބެލެވޭ ކަންކަމެވެ. މިގޮތުން ބަލާއިރު ލިޔުމަކަށް ރާގެއް ޚިޔާރު ކުރަނީ އެ ލިޔުމެއްގެ މަގުސަދާ ގުޅުވައިގެންނެވެ. މީހަކަށް ތައުޒިޔާ ކިޔާ ލިޔުމެއްގައި ރާގު ހުންނަންވާނީ ހިތާމަވެރި ކޮށެވެ. މަޑުމޮޅި ކޮށެވެ. އޭރުން ލިޔުމުގެ ރާގާއި މަގުސަދާ ދިމާވީ އެވެ. މިއީ ލިޔުންތެރިކަމުގެ ވަރަށް އަސާސީ ނުކުތާއެކެވެ.
ފަހަކަށް އައިސް މީޑިއާގައި އާންމު ކުރެވޭ ބައެއް ލިޔުންތަކުގެ ރާގު ބަދަލަވަމުން ދާކަމުގެ ޝަކުވާ ކުރާ ބަޔަކު އެބަ ތިއްބެވެ. އަޑު އިވިފައިވާ ގިނަ ޝަކުވާތަކަކީ މަގުސަދާ ނުގުޅޭ ރާގެއް ގެންގުޅޭ ކަމުގެ ޝަކުވާ އެވެ. ކޮންމެ ސުރުޚީއެއްގެ ދަށުން ލިޔާ އިރުވެސް އެއް ރާގެއް ބޭނުން ކުރެވޭކަމުގެ ޝަކުވާ އެވެ. މިއީ ހަގީގަތަކަށް ވިޔަސް އަދި ނުވިޔަސް މި ވިސްނުމަކީ ބަހާއި އަދަބުގެ ވިސްނުމެކެވެ. ބަހަކީ ގައުމިއްޔަތުގެ ރުކުނެކޭ ބުނާ ބުނުމާ ގުޅުން ހުރި ވިސްނުމެކެވެ. މިކަން ދެނެތިބި މީހުންގެ ފަހަތުން އަންނަ ކުދިންނާއި އަންނާންތިބި ކުދިންނަށް ދައްކައިދީ އަންގައި ދޭން ޖެހިފައިވާ ވިސްނުމެކެވެ. އެ ކުދިންނާ ބެހޭގޮތުން އެއްޗެއް ބުނުމުގެ ކުރިން އެކުދިންނަށްޓަކައި އަދާކުރަން ޖެހިފައިވާ އަމާނާތެކެވެ. ގައުމީ އަމާނާތެކެވެ.
އަދިވެސް ޝަކުވާގެ ވާހަކަ އެވެ. ޝަކުވާ ކުރާ އެއްބަޔަކު ބުނަނީ ގިނަ ލިޔުންތަކުގައި މުނާސަބު ނޫން ގޮތްގޮތުން މަލާމާތާއި ޖެއްސުން ކުރުމުގެ ރާގު ބޭނުން ކުރާކަމަށެވެ.
ގައުމެއްގެ ސިޔާސީ ހާލަތަކީ އެ ބައެއްގެ އަދަބަށް އަސަރު ކުރާ ކަންކަމުގެ ތެރެއިން ކަމެކެވެ. މިގޮތުން ބަލާއިރު ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިދިޔަ ފަސްވަރަކަށް އަހަރުގެ ތެރޭގައި ހިނގައި ދިޔަ ކަންކަމުގެ ސަބަބުން ބަހަށް ވެސް އަސަރުތަކެއް ކުރިކަން ކަށަވަރެވެ. އެހެންކަމުން މިހާރު ލިޔުންތެރިކަމުގެ ރާގު ބަދަލުވެފައި ވާ ނަމަ އެބަދަލުތަކުގެ މޫތައް ނުކުމެފައިވަނީ މި ދެންނެވި ސިޔާސީ ކަންތައްތަކުގެ ތެރެއިން ކަމަށް ވުމަކީ ހަމަ ވެދާނޭ ކަމެކެވެ.
ނަމަވެސް މިހާރު މިވަނީ ހާލަތު ބަދަލު ވެފައެވެ. އެހެންކަމުން ކޮންމެ މީހަކު ވާހަކަ ދައްކައި ލިޔެކިޔައި ހަދަން ޖެހޭނީ މީގެ ދެތިން އަހަރު ކުރިން ޕާޓީތަކުގެ ހަރުގެތަކުގައި ބަސް ބޭނުންކުރި ގޮތް ކޮޕީ ކޮށްގެނެއް ނޫނެވެ. ޕާޓީތަކުގެ ހަރުގެތަކަށް އެންމެ ކަމުދާ އުސްލޫބާއި ރާގަކީ ތައުބީނުގެ ޖަލްސާއަކަށް ކަމުދާ އުސްލޫބާއި ރާގު ކަމުގައި ނުވާނެ އެވެ. އެހެންކަމުން ފާޅުކުރަން އުޅޭ ޚިޔާލާއި އޭގެ މަގުސަދަށް ބަލައި ރާގު ބަދަލު ކުރަން ޖެހެއެވެ. އެކަމަކު ސުވާލަކީ އުސްލޫބާއި ރާގު ބަދަލު ކުރަނީ ކޮން ގޮތަކަށް ހެއްޔެވެ؟
ލިޔުންތެރިޔާގެ ޚިޔާލެއް ނުވަތަ އޭނާގެ ޖަޒުބާތެއް ނޫން ނަމަ އޭނާގެ ތަޖުރިބާއެއް ހުށަހަޅައި ދިނުމުގައި އޭނާގެ މައްޗަށް އަދަބީ ގޮތުން ލާޒިމް ކުރެވޭ ވަކި އުސްލޫބެއް ނޯވެ އެވެ. ވަކި ރާގެއް ނޯވެ އެވެ. އެ އުސްލޫބެއް ނުވަތަ އެ ރާގެއް އުފައްދަނީ ލިޔުންތެރިޔާ އެވެ. މި އުފެއްދުން އުފެއްދުމުގެ ފުރިހަމަ އިޚްތިޔާރު، ލިޔުންތެރިޔާ އަށް އޮވެ އެވެ. އެ މިނިވަންކަން ލިޔުންތެރިޔާ އަށް އޮވެ އެވެ.
ލިޔުންތެރިއަކު އޭނާގެ ލިޔުންތެރިކަމުގެ އުސްލޫބު ކަނޑައަޅަނީ އޭނާގެ އަދަބީ އިހުސާސްގެ މައްޗަށެވެ. އޭނާ ރާގު ކަނޑައަޅަނީ އޭނާއަށް އަދަބުން ކުރާ ރާހަތެއްގެ މައްޗަށެވެ. އޭނާއަށް ބަހުގެ އަދަބުން ލިބޭ މީރުކަމަކުންނެވެ. އޭނާގެ ސިކުނޑިއަށް އަދަބު އިހުސާސް ކުރެވޭ ގޮތެއްގެ މައްޗަށެވެ.
ލިޔުންތެރިޔާ އޭނާގެ ލިޔުމުގެ ރާގު ކަނޑައަޅަނީ އިސްވެ ދެންނެވި ކަންކަމާ އެއްގޮތަށް ކަމުގައި ވިޔަސް އެ އުސޫލުން ކަމެއް ނިންމުމުގައި އޭނާގެ އިލްމާއި ތަޖުރިބާ އާއި އޭނާގެ ނަފުސާނީ ހާލަތު އޭނާގެ މައްޗަށް ނުފޫޒު ފޯރުވައެވެ. ލިޔުންތެރިކަމުގެ ތެރެއަށް އަލަށް ވަންނަ ކުދިންނަށް މިއީ މުހިންމު ނުކުތާއެކެވެ. ތިމާގެ ލިޔުމުގެ ރާގު ބަދަލުވެގެން މިދަނީ ތިމާގެ ވިސްނުމާއި ބުއްދިން ބަލައި ހިތުން ގަސްތުކޮށްފައި ގޮތަށްތޯ ނުވަތަ ތިމާގެ މައްޗަށް ވެރިވެފައިވާ ނަފުސާނީ އަސަރުތަކަކުންތޯ ބަލައި ކަށަވަރުކުރަން ޖެހެ އެވެ. ހިތުން ގަސްތުކޮށްފައި ނުވާ މާނައަކާއި ގަސްތުކޮށްފައި ނެތް އިހުސާސެއް ތިމާގެ ލިޔުމުން އެހެން މީހުންނަށް ދޭހަވާނަމަ ތިމާގެ ކޮންޓްރޯލުގެ ދަށަށް ލިޔުންތެރިކަން އަދި ނުގެނެވޭ ކަމަށް ގަބޫލުކުރަން ޖެހެއެވެ.
ޒަފުޒުތަކުގެ ފަށުވި ކަމާއި އިބާރާތުގެ އޮމާންކަމާއި ޝުޢޫރުގެ މަތިވެރިކަމާއި އިހުސާސުގެ ވަރުގަދަކަން ލިޔުމަށް ގެނެސްދެނީ ލިޔުންތެރިޔާ ކަނޑައަޅާ އުސްލޫބާއި ރާގަކީ އެ ލިޔުމުގެ މައުޒޫއާ މުނާސަބު އެއްޗެއް ކަމުގައި ވުމުންނެވެ. އެހެންކަމުން ޚިޔާލެއް ނުވަތަ ޖަޒުބާތެއް ނޫން ނަމަ ތަޖުރިބާއެއް ވިޔަސް ނުވަތަ އެހެން އެއްޗެއް ވިޔަސް ލިޔަން ފެށުމުގެ ކުރިން އެ ލިޔުމެއްގެ އުސްލޫބެއް އުފަން ކޮށް އެއުސްލޫބުގެ ތެރޭގައި ލިޔުން މުހިންމެވެ. އެ އުސްލޫބާ ކުފޫ ހަމަވެގެންވާ ރާގެއްގައި ލިޔުން މުހިންމެވެ. ލިޔުމާ ނުގުޅޭ ގޮތަށް ރާގު ބަދަލުވެގެން ނުދާނީ އޭރުންނެވެ. ޖަޒުބާތުން ހަށި ލުއިވެގެން އަންނާނީ އޭރުންނެވެ. ޝުޢޫރުތަކަށް އޮހުން އަންނާނީ އޭރުންނެވެ. މެސެޖްތަކަށް ވާގި އަންނާނީ އޭރުންނެވެ.