މައިން މަގަށް ލައްގަޅޭ އަކީ ދޫންޏެއްގެ އާދޭހެކެވެ. ކުޑަކުދިންގެ ވާހަކައެއްގައި އަންނަ ގޮތުގައި އަނިޔާ ލިބުނު ފިނދަނައެއް އަތިރިމަތީގައި އިނދެގެން މިހެން ކިޔުމުގެ ސަބަބުން ފިނދަނަ އިންދިމާއަށް ރަންފޮއްޓެއް ލެއްގިއެވެ. އަތިރިމަތީގައި އިނދެ އެ ދޫނި ކީ ކަމަށް ވަނީ "ރަންފޮއްޓެއް ލައްގަޅޭ މައިން މަގަށް ލައްގަޅޭ" އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުން ހިނގާ އަމިއްލަ އެދުމުން ފުރިގެންވީ ކަންކަމަށް ބަލާއިރު މި ވާހަކަ ހަނދާންވެގެން އާދެއެވެ.
ބުނެވޭތީ އަޑު އިވެނީ ސިޔާސީ މީހުން ފައިސާ ޖަމާވާނޭ ގޮތްތައް ހޯދުމަށް އަވަދިނެތި އުޅޭ ވާހަކައެވެ. ހަމަ ކޮންމެ "އަގެއްގައި" ވެސް ތަކެތި ޖަމާކުރަން ފޫގަޅައިފައިވާ ވާހަކައެވެ. މަޖިލިސް މެންބަރުން ވިކޭ ކަމަށް ދައްކާ ވާހަކައެވެ. ބައެއް ބޭފުޅުން ރިޝްވަތު ދެއްވާ ވާހަކައެވެ. ބައެއް ބޭފުޅުން ރިޝްވަތު ހިއްޕަވާ ވާހަކައެވެ. މިވާހަކަތަކަކީ މުޅިން ތެދު ވާހަކަތަކެއް ކަމަށް މިހާތަނަށް ކަށަވަރު ކުރެވިފައެއް ނެތެވެ. ނަމަވެސް މިވާހަކަތައް މީހުންގެ ސިކުނޑިއަށް ވަންނަމުންދާ ކަމަށް ގަބޫލު ކުރެވެ އެވެ. މީހުންގެ ހިތްތައް ތޮރުފަމުންދާ ކަމަށް ގަބޫލު ކުރެވެ އެވެ. ނަތީޖާއެއްގެ ގޮތުން މީހުންގެ އުންމީދުތައް ފަނޑުވެ މާޔޫސްކަން އިތުރުވެ މުޖުތަމައު ހިމޭންވަމުން އެބަދެއެވެ.
މުޖުތަމައު ހިމޭންވުމުގެ މާނައަކީ އާ އުސްމިންތަކަށް ވާސިލްވެ އަނެއް ދިވެހިރާއްޖެ އަށް ދާން ކުރި މަސައްކަތުގެ އުންމީދު ދޫކޮށްލުމެވެ. އުންމީދު ކެނޑި މުޖުތަމައެއް ހިމޭންވުމުގެ މާނައަކީ ދައުލަތް ހިންގުމަށްޓައި، ގައުމުގެ ތަރައްގީއަށްޓަކައި ރޭވޭ ކަންތައްތަކުގައި ރައްޔިތުން ބައިވެރި ނުވުމެވެ. މީގެ ނަތީޖާއަކަށް ވާނީ ގައުމު އިދަޖެހުމެވެ. މަޝްރޫއުތައް ނާކާމިޔާބުވެ އިންވެސްޓަރުންގެ އިތުބާރު ކެނޑި އިގުތިސާދު ކުޑަކަކޫ މައްޗަށް ތިރިވުމެވެ.
ރައްޔިތުން މާޔޫސްވެ އިގުތިސާދު ދަށަށް ގޮސްފައިވާ ގައުމެއްގެ ރައީސްކަން ކުރަން ޝައުގުވެރިކަން ހުރި ސިޔާސީ ލީޑަރަކީ ކާކު ހެއްޔެވެ؟ އެފަދަ ގައުމެއް ހަމަ އިސްކޮޅަށް ނެގެހެއްޓޭނޭ ގާބިލްކަން ހުރި ލީޑަރަކީ ކާކުހެއްޔެވެ؟
ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު ގިނަ ސިޔާސީ އިންގެ ރަނގަޅު ސުލޫކެއް ނެތެވެ. މި ދެންނެވީ ބަސްމަގު ހުތުރު ވާހަކައެއް ނޫނެވެ. އަމަލުތައް ރީތި ނޫން ވާހަކައެވެ.
ހަމަމަގުން ގައުމު ހިންގުމުގެ ނަމުގައި ގައުމަށް ދެވޭ އަނިޔާގެ ވާހައެވެ. ސަރުކާރު ޒިންމާދާރު ކުރުވުމުގެ ނަމުގައި ގައުމަށް ދެވޭ އަނިޔާގެ ވާހަކައެވެ.
ފިނޭސް މިނިސްޓަރު މަޖިލީހަށް ވަޑައިގަންނަވަންވީ ހަނގުރާމަމަތީ އުޅަނދެއްގައެއް ނޫނެވެ. ޖީއެމްއާރު ކުންފުންޏަށް އެއަރޕޯޓް ކުއްޔަށް ދިނުން ހުއްޓުވަންވީ އެ ކުންފުންޏާ އެއަރޕޯޓް ހަވާލުކޮށް ނިމުނީމައެއް ނޫނެވެ. މި ބާވަތުގެ ކޮންމެ ކަމަކުން ނުކުންނާނޭ ނަތީޖާ ވަރަށް ސާފެވެ. ހުރިހާ ސިޔާސީންނަށް އެ ނަތީޖާ އެހާމެ ސާފެވެ.
ނަތީޖާއަކީ ކަންކަން ހުއްޓުމެވެ. ޚިދުމަތްތައް މެދުކެނޑުމެވެ. އިތުބާރު ގެއްލުމެވެ. ރައްޔިތުން މާޔޫސްވުމެވެ. މިކަންކަން އެނގޭ އިރުވެސް އަމަލުތައް މިހުންނަނީ މިގޮތަށެވެ. މިހެން ވާންޖެހޭ ސަބަބަކީ ކޮބައިހެއްޔެވެ؟
ސަބަބުތައް ވަރަށް ގިނަ އެވެ. ނަމަވެސް ގިނަ ސަބަބުތައް އުފެދިގެން އައިސްފައިވަނީ އެންމެ ކަމަކުން ކަމަށް ގަބޫލުކުރެވެ އެވެ. އެއީ އެއްވެސް ވަރަކަށް އިންތިޒާރު ކުރުމެއް ނެތި ވަރަށް އަވަހަށް ވަރަށް ގިނަ ކަންކަން ސިޔާސީ މީހުން ބޭނުންވުމެވެ. ކޮން ކަމެއް ހެއްޔެވެ؟
ތިމާގެ ޖާހު އުފުލި މަތިވެރިވުމެވެ. މުއްސަދިވެ މަހުޖަނަކަށްވުމެވެ. ތިމާގެ ބޮޑުކަން ހާމަކޮށް ދެއްކުމެވެ. ހައްގަކަށް ބާތިލަކަށް އީމާންވާންޖެހޭ ކަލެއްގެ މަތިވެރިކަމަށް ބެލުމެއް ނެތި އަތުޖެހުނު ކޮންމެ ގޮތަކުން ތިމާއަށް އެކަނި މޮޅުވާގޮތް ހޯދުމަށް އަވަސްވެގަތުމެވެ. ލިބިފައިވަނީ ކުޑަކުޑަ ފުރުސަތެއް ކަމަށް ދެކި އެ ފުރުސަތުގައި މުދާ އެއްކުރުމާއި އެހެނިހެން މަންފާ ލިބިގަތުމަށް އަވަސްވުމެވެ. ރާވައިގެން މަސައްކަތްކޮށްގެން ގައުމު މުއްސަދިކޮށްގެން ރައްޔިތުންނަށް ލުއިކޮށްދީގެން ތިމާގެ ކަންކަން ކުރުމުގެ ވިސްނުމާއި ކެތްތެރިކަމާއި ވަފާތެރިކަމާއި ދުރު ވިސްނުން ނެތުމެވެ.
ކޮންމެ މީހަކު އެމީހެއްގެ އެކަނި ފައިދާއާއިގެން ތެދުވެއްޖެ ނަމަ އެފައިދާގެ ނަތީޖާ ދެކޭނޭ ގައުމެއް ނުއޮންނާނެއެވެ. އެފައިދާ ހޯދައިދޭން މަސައްކަތްކުރާނޭ ރައްޔިތެއް ނުއޮންނާނެ އެވެ.
ރައްޔިތުންގެ ޝަކުވާތައް ގިނަ އެވެ. އަދިވެސް އަސާސީ ޚިދުމަތް ފުރިހަމަ ނުވާ ވާހަކައެވެ. ކޮންމެ ވެސް ބޭފުޅަކަށް މާ ބޮޑު މަސައްކަތެއް ހަވާލުކުރި ވާހަކައެވެ. ގައުމު ވިއްކާ ވާހަކައެވެ. ސިޔާސީ ޕާޓީތަކާ ހުރެ ގައުމުގެ އަޚުލާގު ގެއްލުނު ވާހަކައެވެ. އިދިކޮޅު ލީޑަރުންނާ ހުރެ ގައުމުގެ ހިނގުން ހުއްޓުނު ވާހަކައެވެ. އެއްބަޔަކަށް ރިޒޯޓް ލިބޭވާހަކައެވެ. އަނެއް ބަޔަކަށް ބިންހިއްކަން ލިބޭވާހަކައެވެ. އަނެއް ބަޔަކަށް "ޓިކެޓް" ލިބޭވާހަކައެވެ.
ހަގީގަތެއް އޮތަސް ނެތަސް ރައްޔިތުންގެ ގިނަ ބަޔަކަށް މިވާހަކަތައް ގަބޫލު ކުރެވެނީ އެމީހުންގެ އަމިއްލަ ތަޖުރިބާއިންނެވެ. ސިޔާސީ މަސްރަހުގައި ތިބި ގިނަ މީހުންނަކީ އެކިއެކި އިންތިޚާބުތަކުގައި ރައްޔިތުންނަށް އެމީހުންގެ އެތެރެ ފެނިފައިވާ މީހުންނެވެ. އިންތިޚާބުތަކުގައި ދެއްކި ވާހަކަތަކާއި ރައްޔިތުންނާ މެދު އަމަލުކުރި ގޮތުގެ މައްޗަށް ބަލާއިރު މި އިވޭ ދޮގު ވާހަކަތަކާ އެއްގޮތް ކަންކަން ސިޔާސީ މީހުން ކޮށްފާނޭ ކަމަށް ރައްޔިތުންނަށް ވެސް ގަބޫލު ކުރެވެނީއެވެ.
އަދުގެ ހާލަތަކީ ޝައްކުކުރުމެވެ. އިތުބާރު ނެތުމެވެ. ތުހުމަތު ކުރުމެވެ. އެހެންކަމުން މިފަދަ ލީޑަރުންތަކެއް ގޮވައިގެން މަގުމަތީގައި ހިތްވަރު ކުރި މީހުންގެ ބުރަކަށިތައް ވާޅުވެއްޖެ އެވެ. އެ މީހުންގެ ޖޯޝް ފިނިވެއްޖެ އެވެ. ދެން ފެންނަނީ އެންމެ ގޮތެކެވެ. ދީލާލުމެވެ. އޮއި ފައްސިއަށެވެ. ވައި ފައްސިއަށެވެ. ބަކަރި ކޮއްޓެއްގައި އުޅެން ފަސޭހައީ ހަތަރު މޮއްގަނޑު ޖަހައިގެންނޭ ބުނެ އިންސާނިއްޔަތުކަން ދޫކޮށްލުމެވެ. ގައުމުގެ ލީޑަރުންގެ ނަމޫނާގައި ހިފައި ތިމާމެން ވެސް ތިމަތިމާމެންގެ ނަފުސާއިގެން އުޅެގަތުމެވެ. މަލިކައްޑޫ ދެމެދުގެ ކޮންމެ ދުލަކުން މައިން މަގަށް ލައްގަޅޭ ގޮވަގޮވާ ތިބުމެވެ.
ގައުމުގެ ހާލަތު މިހިސާބަށް ހިނގައްޖެ ނަމަ އަނެއް ދިވެހިރާއްޖޭގެ ތަސައްވުރު ދެއްކި މީހުންގެ ބުއްދީގެ ތޫނުކަމާއި ސިޔާސީ ފިކުރުގެ މޮޅުކަމަށް ސަތޭކައަކުން ކިތަކެއް ހެއްޔެވެ؟ ރަން ތިރީސް އަހަރަށް ފަހު އާ އުސްމިންތަކަކަށް ގައުމު އުފުލާލަން އަޑު އުފުލި މީހުންގެ ތަޖުރިބާއާއި ދުރު ވިސްނުމަށް ސަތޭކައަކުން ކިތަކެއް ހެއްޔެވެ؟ މި މީހުންނަށް މާކްސް ދޭނީ ރައްޔިތުންނެވެ. މާކްސް ދޭނޭ ވަގުތަކީ ކުރިމަތީގައި އޮތް އިންތިޚާބުގައި ވޯޓު ދޭވަގުތެވެ.