ގައުމުގައި ހީރަސްޖެހުމޭ މި ދެންނެވީ މުޅި ގައުމަކީ ފޮތެއް ކަމަށް ސިފަކޮށްފައެވެ. ފޮތަކީ ތަފާތު ގަނޑުތަކެއްގެ މައްޗަށް އެކުލެވިފައިވާ އެއްޗެކެވެ. މި ގަނޑުތައް ފޮތަކަށް ހެދުމަށްޓަކައި އެއަށް ހީރަހެއް ޖަހަން ޖެހެއެވެ. ހުރިހައި ގަނޑުތަކާއި ބަނޑޭރިގަނޑު އެއްކޮށް ހިފަހައްޓައިދެނީ ހީރަހުންނެވެ.
ހީރަހަކުން ފޮތަށް އަންނަންޖެހޭ ފުރިހަމަކަން މިއަދުގެ ދިވެހި ގައުމަށް ވެސް ވަނީ ބޭނުންވެފައެވެ. ގައުމެއްގައި ހުންނަ ހުރިހައި ބައިތަކެއް އެއް ތަރަހައެއްގައި ހިފަހައްޓައިލެވޭ ފަދަ ހީރަހެކެވެ.
ގައުމުގެ އަދުގެ ހާލަތު އޮތީ ގަނޑުތައް ވަކިވެފައިވާ ފޮތެއްގެ ސިފައިގައެވެ. ބައެއް ގަނޑުތައް ވަޔާދަނީއެވެ. ބައެއް ގަނޑުތައް ފައިދޮށަށް ވެއްޓެނީއެވެ. ބައެއް ގަނޑުތައް ތަރުތީބު އޮޅިފައެވެ. އެހެންކަމުން ގަނޑުތައް ހަމައަށް އޮތަސް މިއީ ފުރިހަމަ ފޮތެކޭ ބުނެވޭކަށް ނެތެވެ.
ދިވެހިންނަކީ ދެމިގެންވީ ދިގު މާޒީއެއް އޮތް ބައެކެވެ. ދިގު ތާރީޚެއް އޮތް ބައެކެވެ. އެންމެން ހިއްސާކުރާ ސަގާފަތެއް އޮތް ބައެކެވެ. އެހެން ގައުމުތަކާއި ތަފާތުކުރެވޭ ސިފަތަކެއް ޚާއްސަ ވެފައިވާ ބައެކެވެ. މިކަންކަމަކީ ގައުމެއްގެ ގޮތުގައި ދިވެހިން ދެމިތިބެން ބޭނުން ސިފަތަކެކެވެ.
ގައުމު ގައުމަކަށްވީ ސިފަތައް ގުޅުވައިދީ ހިފަހައްޓައިދޭނޭ ގަދަ ބާރެއް މިގައުމަށް ބޭނުމެވެ. ގައުމަށްޓަކައި ފަޚުރުވެރިވާން ޖެހޭ ވަރުގެ ކުލުނަކާއި އިތުބާރެއް ގައުމުގެ ދަރިންގެ ހިތްތަކުގައި އުފައްދައިދޭނެ މުރައްބީ އެއް މިގައުމަށް ބޭނުން ވެއްޖެއެވެ. ގައުމަށް ނިސްބަތްވުމުން ލިބޭ ހިތްހަމަޖެހުމަކުން މިގައުމުގެ ދަރިން ހިތްތައް ފަހިކޮށްދޭނޭ އިތުބާރެއް ބޭނުން ވެއްޖެއެވެ. ވަޠަން އެދޭ ގޮތޭ ބުނެ އެގޮތަކާއިގެން ހިންދެމިލުމުގައި ޝައްކު ނުކުރެވޭނޭ ގޮތްތަކެއް ދައްކައިދޭން ވެއްޖެއެވެ. މިއަދު ދިވެހި ގައުމަށް މިވަނީ ޑިމޮކްރަސީ އަށް އަލިވިލިފައެވެ. ރައްޔިތުންގެ އަތްމައްޗަށް ބާރު ލިބިފައެވެ. ސިޔާސީ ހަރަކާތްތަކުގައި އަތްފުޅާކޮށްގެން ހިނގޭނޭ ޖާގަ ތަނަވަސް ވެފައެވެ. ނަމަވެސް މިކަންކަން ކުރުމުގައި ގައުމުގެ ފަސްމަތިން ފެންނަ ކަންކަމާ މެދު ޝަކުވާ ގިނަވަމުން އެބަދެއެވެ. ހިތްތައް ނުތަނަވަސް ވަމުން އެބަދެއެވެ. މަޑުމަޑުން އެކަމަކު ހަމަ ކަށަވަރުން ޖޯޝްތައް ފިނިވެ ވިންދު ދަށްވަމުން އެބަދެއެވެ.
އުންމީދު ގެއްލޭ ރައްޔިތުންގެ އަދަދު ގިނަވަމުން އެމީހުން ގައުމުގެ ކަންކަމާ ދުރުވަމުން ދުރުހެލިވަމުން އެބަދެއެވެ. ގައުމަށްޓަކައި ގޮވައިލެވޭ ހިނދު ވަރުބަލިކަން އިހުސާސްކުރެވޭ މީހުން ގިނައެވެ. ގައުމަށްޓަކައި ގޮވައިލެވޭ ހިނދު އެކަމަށް ޝައްކުކުރާ މީހުން ގިނައެވެ.
ޑިމޮކްރަސީއާއި ފުރިހަމަ މިނިވަންކަމަށް ގައުމު ހުޅުވައިލެވުނު އިރު އެކަމަށްޓަކައި ގުރުބާން ކުރެވުނު ތަކެތީގެ ތެރެއިން އިސް އެއްޗަކަށް ގައުމުގެ އަޚުލާގު ވެއެވެ. އެހެންކަމުން އަޚުލާގު ނެތުމުގެ އުނިކަން މުޖުތަމައު ދެކެމުން އެބަދެއެވެ. ހަމައާއި އިންސާފަކީ މިގައުމަށް ދުވަހަކުވެސް ނުލިބޭނޭ އެއްޗެއް ކަމަށް އެއްބަޔަކު ހީކުރެތެވެ. ވަގުންނާއި ގަދަ މީހުންގެ ޖީބު ފުރިގެން ނޫނީ ރައްޔިތުންގެ އާންމު ފަރުދުންނަށް ރާހަތެއް ނުކުރާނޭކަމަށް ހީކުރެތެވެ. މި ހުރިހައި ކަމެއް އެއްކުރެވޭ މާނައަކީ އިތުބާރު ހިފޭ ހަމަތަކާއި އުސޫލުތަކެއް ގައުމުގައި އަށަގެންފައި ނުވުމެވެ. ގިނަމީހުން އަމަލުކުރާނޭ އަދި އެމީހުން ތަބާވާނޭ އިޖުތިމާއީ ހަމަތަކެއް އަށަގެންފައި ނެތުމެވެ. އަމިއްލަވަންތަ ސިފަ ލިބިގެންވީ ރައްޔިތެއްގެ މައްޗަށް ބިނާވެފައިވާ ގައުމީ ސިފަތަކެއް ނެތުމެވެ.
ބަޔާން ކުރެވުނު ގިނަ ކަންކަމާ ގުޅޭ އެންމެ ކުޑަ މިސާލަކީ މިނިވަން މުސްތަގިއްލު ކޮމިޝަންތަކާއި އެފަދަ މަގާމުތަކެވެ. މި ފަދަ ފަރާތްތަކުން ނެރެ ހާމަކުރާ ބަޔާންތަކެވެ. ސިވިލް ސަރވިސް ކޮމިޝަނާއި ސަރުކާރުގެ ގުޅަމަތި ހިފުމެވެ. ސަރުކާރާއި މަޖިލީހުގެ ހަނގުރާމައެވެ. ސަލާމަތީ ބާރުތަކުގެ މައްޗަށް ކޯޓުގައި އުފުލޭ ދައުވާތަކެވެ. ދައުލަތުން ޖަވާބުދާރީ ވާން ޖެހޭގޮތަށް ސަރުކާރާ ދެކޮޅަށް އުފުލޭ ދައުވާތަކެވެ. މި ދައުވާތަކުގެ ގަޒިއްޔާތައް ނިމިގެންދާ ގޮތެވެ. ދައުލަތުގެ މުއްސަސާތަކުން އަމަލުކުރަމުންދާ ގޮތުން މިއީ އެއް ދައުލަތެއްގެ މުވައްސަސާތަކެކޭ ހިއެއް ނުވެއެވެ. މިއެންނަކީ އެއް އަމާޒަކަށް ކުރާ ދަތުރެއްގެ ބައިވެރިންކަމަކަށެއް ދޭހައެއް ނުވެއެވެ. އެމީހުންނަކީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާއޭ ކިޔުނު ދައުލަތެއްގެ ބައިތަކެއްކަން ދޭހައެއް ނުވެއެވެ.
ސަރުކާރުގެ މިނިސްޓްރީތަކާއި އޮފީސްތަކުގެ މެދުގައި ވެސް މި ގޮތް ބޮޑުވަމުން އެބަދެއެވެ. އަމާޒުން ކައްސާލާކަމަށް ބެލެވޭ ކަންކަން ހިނގަމުން އެބަދެއެވެ. އެހެންކަމުން ދައުލަތުގެ އަގުޅިނެތްކަން ހާމަވަމުން އެބަދެއެވެ. މިކަންކަމުން ކަށަވަރު ކުރެވެނީ ގައުމުގައި މައްސަލަތަކެއް އެބަހުރި ކަމެވެ. ގައުމަށް ކޮށްދޭންވެފައި ހުރި ކަންތަކެއް ނުކޮށްދީ އެބައޮތް ކަމެވެ.
އިސްވެ ދެންނެވުނު ފަދަ ކަންކަން ގައުމުގައި އަށަގަންނުވަނީ ގައުމުގައި އުފެދޭ ވަރުގަދަ ލީޑަރުންނެވެ. ފަސްމަތިން ނަންފުޅު ފުހެވިގެން ނުދާނޭ ޒަޢީމުންނެވެ. އަބަދަށް ވިދާލާ ޚިދުމަތްތެރި ވެރިންނެވެ. ނަމަވެސް މިގައުމުގައި އެފަދަ ޝަޚުސީ ގަދަކަމެއް ދެއްކުނު މީހަކު ކައިރި މާޒީއެއްގައި ފެނިފައެއް ނެތެވެ.
ގައުމުގެ ހުރިހައި ކަމެއް އެއްތަނޑަކުން ގުޅުވައިދެނީ އެ ގައުމެއްގައި އޮންނަ އިންޓެލެކްޗުއަލް ކޮމިޔުނިޓީއެވެ. ގައުމުގައި ކިޔަވައިގެން ތިބި މީހުންނެވެ. ގައުމުގެ ޚަޒާނާއިންނާއި ފޯރާމީހުންގެ ޖީބުން ހޭދަކޮށްގެން މޮޅުކޮށްފައިވާ ސިކުނޑިތަކުންނެވެ. ނަމަވެސް މިގައުމުގައި މިކަން އަދި މިއޮތީ ވަށައި ނުޖެހިއެވެ. ކިޔަވައިގެން ތިބި މީހުން އެބަތިއްބެވެ. އެމީހުންގެ އަތުގައިވާ ސަނަދުތައް މަތިވެރި އެވެ. އެމީހުންގެ ފާސްތައް ގަދަރުވެރި އެވެ. ނަމަވެސް އެއީ ސަނަދުވެރިންނެވެ. އިލްމުވެރިންނެއް ނޫނެވެ. އެމީހުންގެ އަތުގައި ސަނަދާއި ފާސް އޮތަސް އެމީހުންގެ އިންޓެލެކްޗުއަލް ދައުރު އަދާކޮށްދޭތަނެއް ނުފެނެއެވެ.
އަދުގެ ދިވެހި ރާއްޖޭގެ ހާލަތަށް ބަލާއިރު ދައުލަތުގެ ބައިތައް ގުޅުވައި ހިފަހައްޓާލެވޭ ވަރުގެ ގަދަ ބާރެއް މިގައުމަށް ބޭނުންވެއެވެ. ގައުމުގެ ކަންކަން އިތުބާރު ހިފޭ އިންތިޒާމަކުން ތަންޒީމުކުރާނޭ އަތެއް ބޭނުންވެއްޖެއެވެ. މިގައުމުގެ މާޒީއާއި މިގައުމުގެ ޝަޚުޞީ މަތިވެރިކަމާއި މިގައުމުގެ މުސްތަގުބަލަށް ކުރެވޭ އުންމީދާއި، މިގައުމުގެ ކީރިތި މޫރިތިކަން ނަގަހައްޓައިދޭނޭ އަތެއް ބޭނުންވެއްޖެއެވެ. މިގައުމުގައި ވަކިވަކިވެ ރޫޅިފައިވާ ސަފުހާތައް އެއްކޮށް ޖަހާނޭ ހީރަހެއް ބޭނުންވެއްޖެއެވެ. މި ހީރަސް ޖަހައިދޭނޭ ޚިދުމަތްތެރި މުލައްދަނޑިއެއް ބޭނުންވެއްޖެއެވެ.