ޑޮލަރުގެ އަގު ބޮޑުވުމުގެ ފަހުން ތަކެތީގެ އަގު އެކަށީގެން ނުވާ ވަރަށް ބޮޑުވަމުންދާ ވާހަކަ ރައްޓެއްސެއްގެ ގާތު ބުނީމެވެ. އޭނާގެ ޖަވާބަކީ އެއީ އެކަން ވާނެ ގޮތެވެ. ފްރީ މާކެޓް އިކޮނޮމީ އެއް ގައި ވާނީ އެހެން ކަމަށެވެ. ފްރީ މާކެޓް އިކޮނޮމީ ވާނީ މޮޅު އެއްޗަކަށެވެ. އާންމުންނަށް ނޭނގޭ ވަރު މޮޅު އެއްޗަކަށެވެ. ނަމަވެސް އާންމުންނަށް އެނގެން ޖެހޭ ކަންތައްތަކެއް މިކަމުގައި އޮންނަން ޖެހޭ ކަމަށް ގަބޫލު ކުރެވެ އެވެ.

ތެދެކެވެ. ޑޮލަރު އަގު ބޮޑު ވެއްޖެ އެވެ. ބޮޑުވީ އެންމެ ބޮޑުވެގެން ވެސް ވިހި ޕަސެންޓެވެ. ކޮންމެ ސަތޭކަ ޑޮލަރަކުން ވިހި ޑޮލަރެވެ. އެހެންވީމާ ޑޮލަރު އަގު ބޮޑު ވުމުގެ ސަބަބުން ތަކެތީގެ އަގުން ވެސް ބޮޑުވާން ޖެހޭނީ އެންމެ ބޮޑުވިޔަސް ވިހި ޕަސެންޓެވެ. މާނައަކީ ސަތޭކައަކުން ވިހި ރުފިޔާ އެވެ. މިއަށް ވުރެ ބޮޑުވެއްޖެ އަގެއް ވާނީ ޑޮލަރުގެ އަގާ ގުޅުމެއް ނެތި ބޮޑުކުރި އަގަކަށެވެ. އާންމުންނަށް އެނގެން ޖެހޭ ނުކުތާއަކީ މިއީ އެވެ.

ޑޮކްޓަރަށް ދެއްކުމުގެ ފީ 200 ރުފިޔާ އިން 400 ރުފިޔާ އަށް ބައެއް ތަންތާގައި ބަދަލު ވެއްޖެ އެވެ. ސަބަބަބެއް ކަމަށް ބުނަނީ ޑޮލަރު އަގު ބޮޑު ވުމެވެ. ކުރިން ވެސް ބުނި ފަދައިން ޑޮލަރުން ބޮޑުވީ ވިހި ޕަސެންޓެވެ. ޑޮކްޓަރަށް ދެއްކުމުގެ ފީ 200 ރުފިޔާ އިން 400 ރުފިޔާ އަށް ބަދަލު ކުރުމުން ޑޮކްޓަރު ފީ އިން ބޮޑުވީ ސަތޭކަ ޕަސެންޓެވެ. އެހެން ވީމާ މި ބޮޑުކުރުން ޑޮލަރުގެ އަގަކާ ގުޅުމެއް ނެތެވެ. އާންމުންނަށް އެނގެން ޖެހޭ ނުކުތާއަކީ މިއީ އެވެ.

ޑޮލަރު އަގުން ވިހި ޕަސެންޓް ބޮޑު ވުމުގެ ސަބަބުން ޑޮކްޓަރު ފީއިން ވެސް ބޮޑު ވާން ޖެހޭނީ ވިހި ޕަސެންޓެވެ. 200 ރުފިޔާ ވިހި ޕަސެންޓުން ބޮޑުވުމުން، ވާނީ 240 ރުފިޔާ އެވެ. އެހެންވީމާ މި މިސާލުގައި ބުނާ އަގު ބޮޑުވުމަކީ ޑޮލަރުގެ އަގު ބޮޑުވުމުގެ ސަބަބުން ބޮޑުވީ އަދަދެއް ކަމަށް ބެލެވޭނެ ޖާގަ އެއް ނެތެވެ. އާންމުންނަށް އެނގެން ޖެހޭ ނުކުތާއަކީ މިއީ އެވެ.

މި މަހުގެ ފުރަތަމަ ހަފުތާގައި އަޅުގަނޑު ރަށަށް ގޮސް ފިހާރަތަކުން އަގުބެލީމެވެ. ހައިރާންވީ ކަމަކީ ޑޮލަރުގެ އަގު ބޮޑުވި ފަހުން ގަނެގެން ފިހާރަތަކަށް ގެންދިޔަ މުދަލުގެ ތެރެއިން ވަކި ވައްތަރެއްގެ ކިރުދަޅެއްގެ އަގުގެ ތަފާތު ކަމެވެ. ހުރިހައި ފިހާރަތަކެއްގައި ހެން 250 ރުފިޔާއަށް ވިއްކަމުން ދިޔަ ކިރުދަޅު އެހެން ފިހާރައެއްގައި 200 ރުފިޔާއަށް ވިއްކަމުންދެ އެވެ. މުއްދަތު ހަމަވާ ތާރީޚު ފަދަ އަސާސީ މައުލޫމާތު އެކައްޗެކެވެ. ނަމަވެސް މައްސަލަ އަކީ އަގުގެ ތަފާތުކަމެވެ. އެހެންކަމުން މިއީ ޑޮލަރުގެ އަގު ބޮޑުވީ މިންވަރާ ސީދާ ގުޅުން ހުރި ކަމެއް ކަމަށް ބަލާނެ ތަނެއް ނެތެވެ. އާންމުންނަށް އެނގެން ޖެހޭ ނުކުތާއަކީ މިއީ އެވެ.

ބާޒާރުގައި ތަކެތީގެ އަގު ބޮޑުވެފައިވާ މިންވަރު އެވްރެޖްކޮށް ބަލާއިރު ޑޮލަރު އަގުބޮޑުވީ މިންވަރާ ތަކެތީގެ އަގު ބޮޑުވީ މިންވަރާ ދެމެދު ސީދާ ގުޅުމެއް ނެތްކަމަށް ގަބޫލު ކުރެވެ އެވެ. އާންމުންނަށް އެނގެން ޖެހޭ ނުކުތާއަކީ މިއީ އެވެ.

ޑޮލަރުގެ އަގު ބޮޑުވުން މައްސަލައަކަށް ވެގެން މިއުޅެނީ އެންމެ ފަހަރަކު ޑޮލަރުގެ އަގުބޮޑު ކުރުމުންނެވެ. ނަމަވެސް ތަކެތީގެ އަގު ބޮޑުވެގެން މިއުޅެނީ އެންމެ ފަހަރަކު ނޫނެވެ. ޑޮލަރުގެ އަގު ބޮޑުވީ ފަހުން ކިތަންމެ ފަހަރަކު އެވެ. މިހެން ވުމުގެ ސަބަބުން އަނެއްކާ ވެސް ގަބޫލު ކުރަން ޖެހެނީ ޑޮލަރުގެ އަގު ބޮޑުވި މިންވަރާއި ތަކެތީގެ އަގު ބޮޑުވެފައިވާ މިންވަރާ ދެމެދު ސީދާ ގުޅުމެއް ނެތް ކަމުގަ އެވެ. އާންމުންނަށް އެނގެން ޖެހޭ ނުކުތާއަކީ މިއީ އެވެ.

ފްރީ މާކެޓް ސިކުނޑިއެއްގެ ވާހަކަ ހިތަށް އަންނަނީ މިހިސާބުންނެވެ. ރާއްޖޭގެ އިގުތިސާދަކީ ފްރީ މާކެޓް އިކޮނޮމީއެކޭ ބުނެ ވިޔަފާރިވެރިން ހިތުހުރި ގޮތަކަށް ކަންތައް ކުރަމުން ދާނަމަ، އަދި އެމީހުން އެ ދައްކާ ވާހަކަ އަކީ މުޅިން ތެދު ކަމަށް އެންމެން ގަބޫލު ކުރަމުން ދާނަމަ މި ގައުމުގެ ފަސްގަނޑަކީ ރައްޔިތުންނަށް އަޒާބަކަށް ނުވެ ދާނޭ އެއްގޮތެއް ވެސް ނުއޮންނާނެ އެވެ.

ފްރީ މާކެޓް އިކޮނޮމީ އެއްގައި ވިޔަފާރިކުރާ ވިޔަފާރިވެރިން މި އުސޫލުގައި ކަންކުރަމުން ދާނަމަ އެކުރާ ކަންތަކާއި އޭގެ ހަގީގަތާ މެދު ވިސްނައި ކަމުގެ ހަގީގަތް އެނގޭ ވަރުގެ "ފްރީ މާކެޓް ސިކުނޑި" އެއް އަޅުނގަޑުމެންގެ ހުންނަން ވެއްޖެ އެވެ. މި ސިކުނޑި ހުންނަންވީ އެންމެ ފުރަތަ ސަރުކާރުގަ އެވެ. ދެން ކުދި ފިހާރަތަކުން ވިޔަފާރިކުރާ އާންމުންގެ އެވެ. މި ދެފަރާތުގެ ފްރީ މާކެޓް ސިކުނޑިއަށް އެކައްޗެއް އަތުވެއްޖެ ނަމަ މައްސަލައަށް ލުއެއް ފެންނާނޭކަން ކަށަވަރެވެ.

ހަގީގަތް ގަބޫލު ކުރަމާ ހެއްޔެވެ؟ ޑޮލަރުގެ އަގު ބޮޑުވެއްޖެ އެވެ. އޭގެ ސަބަބުން ތަކެތީގެ އަގުވެސް ބޮޑުވާނެ އެވެ. އެކަމަކު މިހާރު ރާއްޖޭގެ ހުރިހައި އެއްޗަކާއި ހުރިހައި ކަމެއްގެ އަގު ބޮޑުވެގެން މިއުޅޭ ވަރަށް އަގު ބޮޑުވީ ޑޮލަރު އަގުބޮޑުވީ މިންވަރަކަށް ނޫނެވެ. އެއަށް ވުރެ މާ ބޮޑަށެވެ. ރައްޔިތުންނަށް އުނދަގޫވާ މިންވަރަށެވެ. މި މައްސަލާގައި ރައްޔިތުންތަކެއް މަގުމައްޗަށް ނުކުމެއްޖެ އެވެ. ސިޔާސީ ބަޔަކު އެމީހުންނަށް ތާއީދު ކޮށްފި އެވެ. ބޮޑު ވިޔަފާރި ވެރިއަކު އެކަމަށް ފަންޑު ކުރިކަމުގެ ތުހުމަތު ވެސް ކުރެވިއްޖެ އެވެ.

ރައްޔިތުން މަގުމައްޗަށް ނުކުމެ އެމީހުން އަޑު އިއްވައިފި އެވެ. ސަރުކާރުން އެމީހުންގެ އަޑު އިއްވަން އުޅޭ ކަމުގެ ޚަބަރު ލިބިއްޖެ އެވެ. ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ވަކިވައްތަރެއްގެ މުދަލުގެ 25 ބާވަތެއް އެތެރެކޮށް މިހާރު ބާޒާރުގައި ހުރި އަގަށް ވުރެ ހެޔޮ އަގެއްގައި ކޮންޓްރޯލެއް ނެތި ވިއްކަން އުޅޭ ވާހަކަ އެވެ. މި މަގުން މިކަން ހިނގައި މި މައްސަލައަށް ލުއެއް ލިބިއްޖެ ނަމަ ސަރުކާރަށް ސާބަސްފުޅޭ ދަންނަވާނޭ ރައްޔިތުން ތިބޭނޭކަން ކަށަވަރެވެ. އެކަމަކު އޭގެ ފަހުން ނުކުންނާނޭ ކަމަށް ބެލެވޭ މައްސަލައެއް އެބަ އޮތެވެ. ސަރުކާރުގެ މި އަމަލަށް ހުތުރުކޮށް ފާޑުކިޔުމެވެ.

އިހުބުނި މަގުން އެސްޓީއޯ އިން ތަކެތި ވިއްކަން ފަށައިފި ނަމަ ނުކުންނާނޭ ކަމަށް ބެލެވޭ އެންމެ ގަދަ އަޑަކީ، މި ސަރުކާރުން އާންމު ވިޔަފާރިއަށް ނުވަންނާނޭ ކަމަށް ރައީސް ނަޝީދު ވިދާޅުފައި އެ ވައުދާ ޚިލާފުވެއްޖެ ވާހަކަ އެވެ. މި އަޑު ނެރޭ މީހުންނާއި އަގުބޮޑުކޮށް ތަކެތި ވިއްކާ ހޯލްސޭލް ވިޔަފާރިވެރިންނާ އެއީ އެއްބަޔަކަށް ވެއްޖެ ނަމަ މިވެގެން އުޅޭގޮތް ރަނގަޅަށް ވަށާޖެހުނީ އެވެ. ފްރީ މާކެޓް ވިސްނުމަކުން ރައްޔިތު މީހާ ވިސްނަންވީ ވިސްނުމަކީ މިއީ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް