ސައުދީ އަރަބިއާ އިން ގަތަރުގެ 15،000 ޖަމަލު ބޭރުކޮށްލައިފި

ސައުދީ އަރަބި އާއި ގަތަރުގެ ދެބަސްވުންތަކުގެ އަސަރު ވަނީ ޖަމަލު ގެންގުޅޭ ފަރާތްތަކަށް ފޯރާފަ -- ފޮޓޯ: ރޮއިޓާސް

ރިޔާދު (ޖޫން 22): ސައުދީ އަރަބިއާގައި ތިބި ގަތަރުގެ ރައްޔިތުންނަށް ނިސްބަތްވާ ޖަމަލާއި ކަންބަޅި އެގައުމުން ބޭރު ކުރުމަށް ސައުދީ އަރަބިއާ އިން އަންގައިފި އެވެ.

ގަތަރުގެ އޮފިޝަލުން ބުނި ގޮތުގައި މިހާތަނަށް އެގައުމުން ވަނީ ސައުދީގައި ތިބި 15،000 ޖަމަލާއި 10،000 ކަންބަޅި އަނބުރާ ގައުމަށް ގެންގޮސްފަ އެވެ. އަދި އެޖަނަވާރުތައް ކާންބޯން ދިނުމަށް ޓަކައި އެގައުމުން ވަނީ ދެގައުމުގެ ބޯޑަރު ކައިރީގައި ވަގުތީ ހިޔާއެއް ހަދައިފަ އެވެ.

ގަތަރުގެ ގިނަ އަދަދެއްގެ ރައްޔިތުން އެމީހުންގެ ކަންބަޅިތަކާއި ޖަމަލު ސައުދީގައި ގެންގުޅެނީ އެޖަނަވާރުތަކަށް ކާން ދޭން ބޭނުންވާ ވަރަށް ވިނަ ފަދަ ތަކެތި ގަތަރުން ނުލިބޭތީ އެވެ. އަދި އެކަމަށް މީގެ ކުރިން ސައުދީން އެއްވެސް ކަހަލަ ހުރަހެއް އަޅާފައި ނުވާތީ އެވެ.

ސައުދީ އަރަބިއާ އިން އެ އިއުލާންކޮށްފައި ވަނީ އެގައުމާއި އަރަބި އިތުރު ގައުމުތަކަކުން ގަތަރާއެކު އޮތް ހާރިޖީ ގުޅުންތައް ކަނޑާލި ފަހުންނެވެ. މިމަހުގެ ފަސް ވަނަ ދުވަހު ސައުދީން ގަތަރާ ގުޅުން ކަނޑާލައި، ދެ ގައުމުގެ މެދުގައި އޮތް ދަތުރުފަތުރު ހުއްޓާލީ ގަތަރުން ޓެރަރިޒަމަށް ހަރަދު ކުރާ ކަމަށް ބުނެ އެވެ. ގަތަރުން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ. (ބީބީސީ)

comment ކޮމެންޓް