އަހަރެން ހިތަށް އަރާ ރޮނާލްޑޯއަކީ އާޖެންޓީނާ މީހެއް ނަމައޭ: މަރަޑޯނާ

ކޮންފެޑެރޭޝަންސް ކަޕްގައި ރަޝިއާ ކޮޅަށް ލަނޑު ޖެހުމަށްފަހު ޕޯޗްގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އުފާފާޅުކުރަނީ -- ފޮޓޯ: އޭޕީ

އާޖެންޓީނާގެ ގައުމީ ޓީމުން، ކެޕްޓަން ލިއޮނަލް މެސީއާއެކު ކްރިސްޓިއާނޯ ރޮނާލްޑޯ ފެންނާނެ ނަމަ ކިހާ ރަނގަޅުބާއޭ ހިތަށް އަރާކަމަށް އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ބުނެފިއެވެ.

އާޖެންޓީނާ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި އެޓީމަށް ކޯޗުކަންވެސް ކޮށްދީފައިވާ، މިހާރު އުމުރުން 56 އަހަރުގެ މަރަޑޯނާ ވަނީ ރެއާލް މެޑްރިޑްގެ ތަރި އަދި ޕޯޗްގީޒް ކެޕްޓަން ރޮނާލްޑޯއަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަދައްކައިފައެވެ. އެހެން ނަމަވެސް އަދިވެސް އޭނާ ގަބޫލުކުރާ ގޮތުގައި، ފުޓްބޯޅައިގައި ރޮނާލްޑޯއަށް ވުރެ ހުރިހާގޮތަކުން ވެސް މެސީ މާ މޮޅެވެ.

"ކްރިސްޓިއާނޯއަކީ ޖަނަވާރެއްފަދަ ކުޅުންތެރިއެއް،" ޓައިސީ ސްޕޯޓްސްއަށް މަރަޑޯނާ ބުންޏެވެ.

"އަހަރެން ހިތަށް އަރާ އެއީ އާޖެންޓީނާ މީހެއް ނަމައޭ.

"އެކަމަކު އަދިވެސް އަހަންނަށް އެންމެ ކަމުދަނީ މެސީ. މެސީއަކީ މޮޅަށް ފުޓްބޯޅަ ކުޅެ، ފަސޭހަކަމާއެކު އިދިކޮޅު ކުޅުންތެރީން ކައިރިން ދެމިގަންނަ ކުޅުންތެރިއެއް."

މެސީ ވަނީ އާޖެންޓީނާގެ ގައުމީ ޓީމާއެކު އޮލިމްޕިކް ގޯލްޑް މެޑަލެއް ހޯދައިފައެވެ. ނަމަވެސް ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ ނަސީބު އޭނާއަށް އަދި ލިބިފައެއް ނުވެއެވެ. މަރަޑޯނާ އާޖެންޓީނާގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި އިރު، މެސީއަށް އެ ކާމިޔާބީ ހޯދައިދިނުމަށް ފުރުސަތު ލިބުނު ނަމަވެސް އެކަން ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މަރަޑޯނާ ބުނީ، މެސީ އެކަނި ވޯލްޑް ކަޕް ކާމިޔާބު ނުކުރެވޭނޭ ކަމަށާއި، އޭނާއަށް އެކަމުގައި އެހީތެރިވުމަށް ވަރުގަދަ ޓީމެއް ބޭނުންވާ ކަމަށެވެ.

"އޭނާއަށް ވޯލްޑް ކަޕް ކާމިޔާބު ނުކުރެވުނު ނަމަވެސް އަހަރެމެންގެ ހަނދާނުން އޭނާ ފޮހެވިގެނެއް ނުދާނެ،" މަރަޑޯނާ ބުންޏެވެ.

* މަސްދަރު: ގޯލް

comment ކޮމެންޓް