ޓެކްސް މައްސަލައިގައި ރޮނާލްޑޯ ކޯޓަށް ހާޒިރުކުރަނީ

ޕޯޗްގީޒްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަނީ ޖުލައި 31 ގައި ކޯޓަށް ހާޒިރުވުމަށް އަންގާފައި -- ފޮޓޯ: ގެޓީ އިމޭޖް

ޓެކުހަށް މަކަރު ހެދުމުގެ ތުހުމަތުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ މައްޗަށް ސްޕެއިންގެ ޓެކްސް އޮތޯރިޓީ (އޭއީއޭޓީ)އިން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހު އޭނާ ސްޕެއިންގެ ކޯޓަށް ހާޒިރުވުމަށް އަންގައިފިއެވެ.

ސްޕެއިންގެ ނޫހެއްކަމަށްވާ އެލް ކޮންފިޑެންޝަލްގައި ރިޕޯޓުކޮށްފައިވާގޮތުން، މެޑްރިޑްގެ ސިޓީއެއް ކަމަށްވާ ޕުޒޫލޯގެ ކޯޓަކަށް ހާޒިރުވުމަށް ރޮނާލްޑޯއަށް މިހާރު ވަނީ އަންގައިފައެވެ.

މެޑްރިޑްގެ ރީޖަނަލް ޕްރޮސިކިއުޓަރ އޮފީހުން ރޮނާލްޑޯގެ މަޗަށް ދައުވާކޮށްފައި ވަނީ، އޭނާގެ އިމޭޖް ރައިޓްސްއިން ލިބޭ އާމްދަނީ ފޮރުވައި، ސްޕެއިންގެ ޓެކްސް އޮތޯރިޓީއަށް 14.7 މިލިއަން ޔޫރޯގެ ޓެކުހަށް މަކަރު ހަދާފައިވާކަމަށް ބުނެ އެ އޮތޯރިޓީން ފޮނުވާފައިވާ ރިޕޯޓަކާ ގުޅިގެންނެވެ.

ރޮނާލްޑޯ ވަނީ ޓެކްސް އޮތޯރިޓީގެ މި ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އަދި އެމައްސަލައިގައި އޭނާއާ މެދު ކަންކަން ހިނގައިދިޔަ ގޮތާމެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށް ރޮނާލްޑޯ ބުނެފައި ވަނީ އޭނާއާ މެދު ސްޕެއިންގައި އަމަލުކޮށްފައި ވަނީ، ޖިނާއީ ކުށްވެރިއަކާ މެދުވެސް އަމަލުކުރާ ގޮތަށްކަމަށެވެ.

"ސްޕެއިންގައި އަހަންނާ މެދު އަމަލުކޮށްފައި މިވަނީ، ޖިނާއީ ކުށްވެރިއަކާ މެދު އަމަލުކުރާ ފަދައިން. މިކަން ފެށިގެން އައީ މީޑިއާއިން،" ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ގާތު ރޮނާލްޑޯ ބުނެފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން، މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ތަރި ރޮނާލްޑޯ މިހާރު ވަނީ، އޭނާގެ އޭޖެންޓް ޖޯޖް މެންޑޭޒް ގާތު، އޭނާ އަލުން އޯލްޑް ޓްރަފޯޑަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްދިނުމަށް އެދިފައެވެ.

ޕޯޗްގީޒްގެ ކެޕްޓަން ރޮނާލްޑޯ މިވަގުތު ހުރީ، މިހާރު ކުރިއަށްދާ ފީފާ ކޮންފެޑެރޭޝަންސް ކަޕްގައި ވާދަކުރާ ޕޯޗްގީޒް ޓީމާއެކު ރަޝީއާގައެވެ.

comment ކޮމެންޓް