ކޯމޯގެ އާޖެންޓީނާ މިޑްފީލްޑަރު ނިކޯ ޕާޒް އަކީ 2027 ވަނަ އަހަރު ޓްރާންސްފާ ވާނެ ކަމަށް ބެލެވޭ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރެއިން އެކެކެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ޕޯޗުގަލް ކެޕްޓަން ބްރޫނޯ ފެނާންޑޭސް، އެ ކުލަބު ދޫކޮށް ހިނގައިދާނެ ކަމުގެ ބިރު އޮތުމާއެކު، އޭނާގެ ބަދަލުގައި ޕާޒް ގެނައުމަށް އެ ކްލަބުން ދަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.
މި ސީޒަނުގައި މިހާތަނަށް 11 ލަނޑު ޖަހައި، ޕާޒް އަންނަނީ ކޯމޯގެ އިތުރުން އާޖެންޓީނާ ގައުމީ ޓީމުގައިވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. މީގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްފައިވަނީ އޮކްޓޯބަރު މަހު ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައިކަން ފާހަގަކުރެވެއެވެ.
ކޯމޯއިން 2024 ވަނަ އަހަރު ރެއާލް މެޑްރިޑުން ޕާޒް ގަނެފައިވަނީ ހަ މިލިއަން ޔޫރޯއަށެވެ. އެ އެއްބަސްވުމުގެ ދަށުން، ޖެހިގެން އަންނަ ތިން ހޫނު މޫސުމުގެ ޓްރާންސްފާ ވިންޑޯގައި ތަރުތީބުން އަށް މިލިއަން، ނުވަ މިލިއަން އަދި 10 މިލިއަން ޔޫރޯއަށް އޭނާ އަނބުރާ ގަތުމުގެ އިޚްތިޔާރު ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑަށް މީގެ ކުރިން ލިބިދީފައި އޮތެވެ.
ނަމަވެސް ޖޫން މަހު އެ ޝަރުތުތައް ވަނީ އަލުން މަޝްވަރާކޮށް ބަދަލުކޮށްފައެވެ. އެގޮތުން ކޯމޯއިން މިހާރު ރެއާލް މެޑްރިޑަށް 60 މިލިއަން ޔޫރޯ ދައްކަން ޖެހޭއިރު، އޭނާގެ ބައި-ބެކް ކްލޯޒް ވަނީ 80 މިލިއަން ޔޫރޯއަށް ބޮޑުކޮށްފައެވެ. އަދި އެ ކްލޯޒް ބޭނުންކުރެވޭނީ 2027 ވަނަ އަހަރު އެކަންޏެވެ.
މިކަމުގެ މައުލޫމާތު އެނގޭ ފަރާތްތަކުން ނަން ނުޖެހުމަށް ޝަރުތުކޮށް އެ ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި، ޕާޒް މިވަގުތު އެނބުރި ރެއާލް މެޑްރިޑަށް ދާކަށް ބޭނުމެއް ނުވެއެވެ.
ޓީމުގައި މުހިންމު ދައުރެއް ދޭނެ ކަމުގެ ޔަގީންކަން މެޑްރިޑުން ދީފިނަމަ އޭނާގެ ޚިޔާލު ބަދަލުވެދާނެއެވެ. ނަމަވެސް މިހާތަނަށް އެފަދަ މުއާމަލާތެއް ހިނގާފައެއް ނުވެއެވެ.
ރެއާލް މެޑްރިޑުން ބައި-ބެކް ކްލޯޒްގެ ބޭނުން ނުހިފައިފިނަމަ، އޭނާ ވިއްކާލުމުގެ އިޚްތިޔާރު ކޯމޯއަށް ލިބޭނެއެވެ. އަދި 2025 ވަނަ އަހަރު ޓޮޓެންހަމް ހޮޓްސްޕާސްއިން އޭނާ ހޯދުމަށް ކުރި ފަދަ ވަރުގަދަ މަސައްކަތެއް ނުވަތަ ހުށަހެޅުމެއް ޝައުގުވެރިވާ އެހެން އެއްވެސް ކްލަބަކުން އަދި ހުށަހަޅާފައި ނުވާ ކަމަށްވެސް އެތުލެޓިކުގެ މަސްދަރުން ބުނެފައިވެއެވެ.