ރެއާލްގައި ކުޅުނު 350 ވަނަ މެޗާއެކު ކޯޓުއާއަށް ކުލަބުގައި ކާމިޔާބު 8 އަހަރު

ތިބޯ ކޯޓޮއާ: ރެއާލް މެޑްރިޑުގައި ހޭދަކުރި އަށް އަހަރު ގިނަ ކާމިޔާބީތަކެއް ހޯދާފައިވޭ

ދެހާސް އަށާރަވަނަ އަހަރުގެ ވޯލްޑް ކަޕުގައި ދެއްކި މޮޅު ކުޅުމަށްފަހު، އޭރު ޗެލްސީއަށް ކުޅެމުން އައި ބެލްޖިއަމްގެ ގޯލްކީޕަރު ތިބޯ ކޯޓޮއާ މިހާރު ވެފައިވަނީ ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ އެންމެ މޮޅު ކީޕަރުންގެ ތެރެއިން އެކަކަށެވެ. އޭނާއަށްވުރެ މޮޅު ކީޕަރެއް މިވަގުތު ނެތްކަމަށް ދެކޭ މީހުންވެސް މަދެއް ނޫނެވެ. އެހެން ނަމަވެސް، އޭނާގެ ރެއާލް މެޑްރިޑު ކެރިއަރުގެ ފެށުން އައީ ގިނަ ފާޑުކިޔުންތަކަކާ އެކުއެވެ.

ފުރަތަމަ ކަމަކަށް، ޗެލްސީ ދޫކޮށް ރެއާލާ ގުޅެން ބޭނުންވެގެން ޗެލްސީގެ ޓްރެއިނިންތަކަށް ނުގޮސް "ބޮޑާހޭކި" ކަމަށް އެޓީމުގެ ސަޕޯޓަރުން ތުހުމަތުކުރުމާއެކު ކުލަބުގައި އޭނާއަށް އޮތް މަގުބޫލުކަން ގެއްލުނެވެ.

އެއަށްފަހު 35 މިލިއަން ޕައުންޑަށް ރެއާލަށް ސޮއިކުރުމަށްފަހު ފުރަތަމަ ސީޒަނުގައި އޭނާގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ސަބަބުން ވަކިން ޚާއްސަކޮށް އޭނާ ގެނައުމާ ހަމައަށް ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އައި ކޭލާ ނާވާސް ބެންޗުގައި އިންނަން ޖެހުމުގެ ސަބަބުން، ރެއާލްގެ ސަޕޯޓަރުންގެ ނުރުހުންވެސް ކޯޓުއާއަށް އަމާޒުވިއެވެ.

މި ހުރިހާ ކަމަކުން އަރައިގަނެ، ރެއާލް މެޑްރިޑުގައި މިހާރު ކޯޓުއާ އަންނަނީ މެދު އުޑުގައި ފިޔަޖަހަމުންނެވެ. މެޑްރިޑަށް ބަދަލުވުމަށްފަހު އޭނާއަށް އަމާޒުވި ފާޑުކިއުންތަކަކީ ކުޅުން ރަނގަޅުކުރުމަށް ލިބުނު އިތުރު ހިތްވަރެއްކަމަށް ބަލައިގަނެގެން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ފާއިތުވި އަށް އަހަރުތެރޭ އޭނާ ވަނީ ޖުމްލަ ސްޕެނިޝް ލީގާއި ޔުއެފާ ޗެމްޕިއަންސް ލީގުވެސް ހިމެނޭހެން 14 މުބާރާތެއް ކާމިޔާބުކޮށްފައެވެ.

އެގޮތުން ސްޕެއިންގެ މުބާރާތްތަކަށް ބަލާއިރު، ތިން ފަހަރެއްގެ މަތިން ސްޕެނިޝް ލީގު ކާމިޔާބުކޮށްފައިވާއިރު ކޮޕާ ޑެލް ރޭ، އެއްފަހަރު ކާމިޔާބުކޮށްފައިވެއެވެ. މީގެ އިތުރުން ކޯޓޮއާ ވަނީ ރެއާލްއާއެކު ސްޕެނިޝް ސުޕަ ކަޕް ތިން ފަހަރު ކާމިޔާބުކޮށްފައެވެ.

ޔޫރަޕުގެ މުބާރާތްތަކުގައި ކޯޓޮއާ ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، އޭނާ ވަނީ ދެފަހަރު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ހަމަ އެ ދެ އަހަރުގެ ޔުއެފާ ސުޕަ ކަޕްވެސް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން، ކޯޓޮއާ ވަނީ ރެއާލްއާއެކު ފީފާ ކުލަބް ވޯލްޑްކަޕާއި އިންޓަކޮންޓިނެންޓަލް މުބާރާތްވެސް ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން ރެއާލް މެޑްރިޑާއެކު ކޯޓޮއާ ހޯދާފައިވާ އިންޑިވިޖުއަލް އެވޯޑުތަކަށް ބަލާއިރު، ފީފާއިން ހޮވާ އެންމެ މޮޅު ގޯލް ކީޕަރުގެ އެވޯޑާއި، ޔާޝީން ޓްރޮފީގެ އިތުރުން ޒަމޯރާ ޓްރޮފީވެސް ހިމެނެއެވެ.

މި ކާމިޔާބީތަކާއެކު، "މެޑްރިޑިސްޓާ" އިންގެ ހިތުގައި ކޯޓޮއާއަށް އޮތް ނުރުހުން، ލޯތްބަށް، އިހުތިރާމަށް ވަނީ ބަދަލުވެފައެވެ. ސަޕޯޓަރުންގެ ހިތްތަކުން މަޑުމަޑުން ޖާގަ ހޯދަމުން އައިސް ރޭ، ކޯޓުއާ ވަނީ ރެއާލްއާއެކު އޭނާ ކުޅުނު 350 ވަނަ މެޗު ކުޅެފައެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްވީއާ ދެކޮޅަށް ކުޅެ، 1-5 ގެ ނަތީޖާއިން މޮޅުވި މި މެޗަށްފަހު 350 ވަނަ މެޗު ފާހަގަކުރުމަށް ކޯޓޮއާއަށް ޚާއްސަ ޖާޒީއެއް ހަދިޔާކޮށްފައިވެއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ކޯޓޮއާ ވަނީ މެޗުގައި ރެއާލް މެޑްރިޑުގެ އަސްލު ކުޅުން ފެނިފައިވަނީ ދެވަނަ ހާފުގައިކަން ފާހަގަކޮށްފައެވެ. އަދި، ކޯޗުގެ އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ކުޅުންތެރިންވެސް މެޗުގައި ޝާމިލުވާ ގޮތަށް ނުކުޅޭނަމަ ޕީއެސްވީ ކަހަލަ ޓީމުތަކާ ދެކޮޅަށް ކުޅެން އުނދަގޫވާނެކަން ކޯޓޮއާ ފާހަގަކުރިއެވެ.

މި ސީޒަނުގައި ކޯޓުއާ، ރެއާލަށް ކުޅެފައިވާ މެޗުތަކާއެކު އޭނާ ވެފައިވަނީ ރެއާލް މެޑްރިޑުގެ ތާރީޚުގައި ތިންވަނައަށް އެންމެ ގިނަ މެޗު ކުޅެފައިވާ ގޯލްކީޕަރަށެވެ. އޭނާގެ ކުރީގައި އުޅެނީ 454 މެޗާއެކު ޕަކޯ ބުޔޯގެ އިތުރުން 725 މެޗާއެކު ރެއާލް މެޑްރިޑް އަދި ސްޕެއިން ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން، އައިކާ ކަސިއަސްއެވެ.

comment ކޮމެންޓް