ބަޔާންގެ ލެވަންޑޯސްކީއަށް ޗެލްސީން އަމާޒުހިފައިފި

ޕޮލެންޑާއި ބަޔާން މިއުނިކްގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީއަކީ ޗެލްސީ މިފަހަރުގެ ޓްރާންފަރގައި ހޯދަން ބޭނުންވާ އެއް ކުޅުންތެރިއާ -- ފޮޓޯ: ގެޓީ

ބަޔާން މިއުނިކްގެ ސުޕަރސްޓާ ރޮބާޓް ލެވަންޑޯސްކީ ދޫކޮށްލަން އެ ކްލަބުން ތައްޔާރުތޯ ބެލުމަށް އިނގިރޭސި ލީގު ޗެމްޕިއަންސް ޗެލްސީ މަޝްވަރާތައް ފަށައިފިކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޖަރުމަނުގެ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ ބަޔާން މިއުނިކަށް 2014 ވަނަ އަހަރު ސޮއިކުރި ޕޮލެންޑް ފޯވާޑް ވަނީ، މިހާތަނަށް އެކްލަބަށް 147 މެޗު ކުޅެ، 110 ލަނޑު ކާމިޔާބުކޮށްދީފައެވެ. އެހެން ނަމަވެސް އުމުރުން 28 އަހަރުގެ ލެވަންޑޯސްކީ ވަނީ އޭނާ މިހާރު އެހެން ކްލަބަކަށް ބަދަލުވުމުމަށް ވިސްނާކަން ހާމަކޮށްފައެވެ.

ދަ ސަންއިން ބުނެފައިވާގޮތުގައި، ޗެލްސީގެ ސްޕެއިން ފޯވާޑް ޑިއޭގޯ ކޮސްޓާ ދޫކޮށްލުމަށް އެ ކްލަބުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ނިންމާފައިވާތީ، ކޮސްޓާގެ ބަދަލުގައި ލެވަންޑޯސްކީ ގެނައުމަށް ޗެލްސީން މިހާރު ވަނީ މަސައްކަތް ފަށައިފައެވެ.

ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭއާއި އެ ކްލަބުގެ ފޯވާޑް ޑިއޭގޯ ކޮސްޓާ ---

ލެވަންޑޯސްކީ ވަނީ ބަޔާންއާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އާކޮށްފައެވެ. އެގޮތުން އޭނާގެ ކޮންޓްރެކްޓް ހަމަވާނީ 2021 ވަނަ އަހަރުގެ ހޫނުމޫސުމުގެ ޓްރާންސްފަރއަށެވެ.

ކޮންޓްރެކްޓްގައި ބާކީ ދިގު މުއްދަތެއް އޮތް ނަމަވެސް، ލެވަންޑޯސްކީ ވަނީ، ބަޔާންގެ ކޯޗިން ސްޓާފުންގެ ފަރާތުން އޭނާއަށް އެކަށީގެންވާ އެއްބާރުލުން މިހާރު ނުލިބޭކަމަށް ބުނެ އެކަމުގެ ނުތަނަވަސްކަން ފާޅުކޮށްފައެވެ.

އެގޮތުން އޭނާގެ އޭޖެންޓާ ހަވާލާދީ، ކުޅިވަރު ޚަބަރުތައް ގެނެސްދޭ ނޫހެއްކަމަށްވާ ކިކަރގައި ބުނެފައި ވަނީ، ނިމިދިޔަ ސީޒަންގައި ބަޔާންގެ ކޯޗުގެ ފަރާތުން ލެވަންޑޯސްކީއަށް ހިތްވަރު ދިނުމުގެ ގޮތުންނާއި ކުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އެއްގޮތަކަށްވެސް އެއްބާރުލުން ދީފައި ނުވާތީ އެކަމާ އޭނާ ވަރަށް ބޮޑަށް މާޔޫސްވެފައި ހުރި ކަމަށެވެ.

ކްލަބުން އިތުރަށް އޭނާއާ ދޭތެރޭގައި އަޅާލުން ކުޑަކުރާނަމަ، ލެވަންޑޯސްކީގެ ވިސްނުން ހުރީ އޭނާއާމެދު ޝައުގުވެރިވާ އެހެން ކްލަބަކަށް ބަދަލުވާން ކަމަށްވެސް އޭނާގެ އޭޖެންޓާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

ޗެލްސީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑުންވެސް މިހާރު ވަނީ ލެވަންޑޯސްކީ ހޯދުމުގެ ރޭހަށް ވަދެފައިކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ހޯޒޭ މޮރީނިއޯ މެންޔޫއަށް މިފަހަރު ގެންނަން ނިންމާފައިވާ ކުޅުންތެރީންގެ ތެރެއަށް ލެވަންޑޯސްކީގެ ނަން އިތުރުކޮށްފައި ވާއިރު، އޭނާގެ ކުރީގެ ކްލަބު ފަހަތަށް ޖައްސާލައި އެ ރޭސް ކާމިޔާބުކުރުމަށް މޮރީނިއޯ އަތުކުރި އޮޅާލާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޕްރިމިއަރ ލީގުގެ މި ދެ ކްލަބު ނޫނަސް މިފަހަރުގެ ޓްރާންސްފަރގައި ލެވަންޑޯސްކީއަށް ޝައުގުވެރިކަން ފާޅުކުރަމުންދާ ބޮޑެތި ކްލަބުތައް ހިމެނޭއިރު، 100 މިލިއަން ޕައުންޑުން ދަށުގެ އަގަކަށް ބަޔާނުން އޭނާ ދޫކޮށް ނުލާނޭކަމަށްވެއެވެ.

ޗެލްސީން ވަނީ ކުރިއަށް އޮތް ސީޒަނަށް އެޓީމު ވަރުގަދަކުރުމަށް ވަރުގަދަ ކެމްޕޭނެއް ފަށައިފައެވެ. އެގޮތުން އެޓީމުން ފާރަލަމުންދާ ކުޅުންތެރީންގެ ތެރޭގައި، އަލްވާރޯ މޮރާޓާ، ރޮމެލޫ ލުކާކޫ ފަދަ ކުޅުންތެރީން ހިމެނެއެވެ.

comment ކޮމެންޓް