ރިސޯޓް ވޮލީ މުބާރާތުގައި ވިއްސަށް ވުރެ ގިނަ ޓީމް، މުބާރާތް ޖުލައި 20ގައި

އިންޓަ ރިސޯޓް ޗެމްޕިއަންޝިޕްގެ ޒޯން އެކެއްގެ ޗެމްޕިއަންކަން ހޯދި ބަނޑޮސް މޯލްޑިވްސް: ފައިނަލުގައި ބަނޑޮސް ވަނީ ވާދަވެރި ކުޅުމަކަށްފަހު ވަން އެންޑް އޮންލީ ރީތި ރަށް އަތުން މޮޮޅުވެފައި --- ފޮޓޯ: ވީއޭއެމް

ކޮންމެ އަހަރަކުވެސް ފޯރިއާއެކު ކުރިއަށްދާ ރިސޯޓް ވޮލީބޯޅަ މުބާރަތުގައި މިހާތަނަށް 20 އަށްވުރެ ގިނަ ޓީމު ބައިވެރިވެފައިވާކަމަށް ވޮލީބޯޅަ އެސޯސިއޭޝަނުން ބުނެފިއެވެ.

ރޯދަމަހަށް ވޮލީގެ ހަރަކާތްތައް މެދު ކަނޑާލާފައި އޮތުމަށްފަހު، ކުރިއަށް ރޭވިފައި ހުރި މުހިއްމު ކަންތައްތަކާ ގުޅޭގޮތުން ވާހަކަދައްކަމުން ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ، ރިސޯޓް ވޮލީ މުބާރާތް ފެށުމަށް ތައްޔާރު ވަމުންދާކަމަށާއި މިހާރު 20 ރިސޯޓަކުން ބައިވެރިވެފައިވާ ކަމަށެވެ. އަދި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 20ގައި ކަމަށްވެސް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ އަންނަ މަހުގެ ތެރޭގައި އެ މުބާރާތް ފެށިގެންދާއިރު މިފަހަރު ގަވައިދަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ. އެގޮތުން ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ކޮންމެ ރިސޯޓެއްގެވެސް ޓީމް ލިސްޓްގައި ޖެހޭނީ ދެ ކުޅުންތެރިން ކަމަށް އޭނާ ވިދާޅުވިއެވެ.

" ވަރަށް ބޮޑު މައްސަލައަކަށް ވެފައި އޮތީ ގައުމީ ޓީމް ހުރިހާ ކުޅުންތެރިން އެއް ޓީމަކަށް ކުޅުން. ނަމަވެސް މީހަރު އެކަން މިއޮތީ ބަދަލުކޮށްފައި. ދެން ކޮންމެ ޓީމެއްގައިވެސް ގިނަވެގެން ޖެހޭނީ ގައުމީ ޓީމުގެ ދެ ކުޅުންތެރިން،" ލަތީފް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މި އަހަރުގެ މުބާރާތް އެހެން އަހަރުތަކަށްވުރެ ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތުގެ ތެރެއިން ކޮންމެ ޒޯނެއްގައިވެސް ބާއްވާ މުބާރާތް ވަރަށް ގާތުން ވީއޭއެމްއިން ބަލަމުންދާނެ ކަމަށެވެ.

comment ކޮމެންޓް