ސްޕެއިންގައި ޓެކުހަށް މަކަރު ހަދާފައި ނުވާނެކަމަށް މޮރީނިއޯ ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ -- ފޮޓޯ: ބީބީސީ

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯގެ މައްޗަށް ސްޕެއިންގެ ޓެކްސް އޮތޯރިޓީން ކޮށްފައިވާ، 3.3 މިލިއަން ޔޫރޯގެ ޓެކުހަށް މަކަރު ހަދާފައިވާ ކަމުގެ ތުހުމަތުތަކަށް މޮރީނިއޯ އިންކާރުކޮށްފިއެވެ.

އުމުރުން 54 އަހަރުގެ މޮރީނިއޯގެ މައްޗަށް ސްޕެއިންގެ ޕްރޮސިކިއުޓަރުން ވަނީ، 2011 އިން 2012އަށް އޭނާ ރެއާލް މެޑްރިޑަށް ކޯޗު ކޮށްދިން ދުވަސްވަރު އޭނާގެ އިމޭޖް ރައިޓްސް އިން ލިބޭ އިންކަމް ހާމަކޮށްފައިނުވާކަމަށް ބުނެފައެވެ.

އެގޮތުން 2011 ވަނަ އަހަރު 1.6 މިލިއަން ޔޫރޯ، 2012 ވަނަ އަހަރު 1.7 މިލިއަން ޔޫރޯގެ ޓެކްސް ނުދައްކައި ވާކަމަށް ތުހުމަތުކޮށްފައި ވެއެވެ. މެޑްރިޑްގެ ޕްރޮސިކިއުޓަރުން ބުނާގޮތުގައި މިހާރު އެ މައްސަލަ ވަނީ ކޯޓަށް ވެސް ހުށަހަޅައިފައެވެ.

މޮރީނިއޯގެ ފަރާތުން އޭނާގެ އޭޖެންޓް ޖޯޖް މެންޑޭޒްގެ ގެސްޓިފުޓޭއިން ނެރުނު ބަޔާނެއްގައި ބުނީ، މިފަދަ އެއްވެސް ނޯޓިފިކޭޝަނެއް މޮރީނިއޯއަށް އަދި މިހާތަނަށް ލިބިފައި ނުވާކަމަށެވެ.

"އަދި މިހާތަނަށް، ސްޕެއިންގެ ޓެކްސް އޮތޯރިޓީންވެސް، ނުވަތަ ޕަބްލިކް ޕްރޮސިކިއުޓަރުންވެސް، މިކަމާ ގުޅޭގޮތުން މޮރީނިއޯއަށް ވެސް އަދި އޭނާގެ އެޑްވައިޒަރުންނަށްވެސް ގުޅާފައެއް ނުވޭ،" ގެސްޓިފުޓޭގެ މީޑިއާ ރިލީޒްގައި ވެއެވެ.

އެ ބަޔާނުގައި ބުނެފައިވާގޮތުން، މޮރީނިއޯ ވަނީ އޭނާ ސްޕެއިންގައި ހޭދަކުރި ދުވަސްތަކުގައި ޓެކްސްގެ ގޮތުގައި 26 މިލިއަން ޔޫރޯއަށްވުރެ ގިނަ ފައިސާ ދައްކައިފައެވެ. އެއީ އެވްރެޖް ގޮތެއްގައި 41 ޕަސެންޓަށްވުރެ މަތީ ރޭޓުންނެވެ.

މީގެ އިތުރުން 2015 ވަނަ އަހަރު ސްޕެއިންގެ ޓެކުހާ ބެގޭ ގަވައިދުތަކަށް އައި ބަދަލާ ގުޅިގެން މޮރީނިއޯ ވަނީ ޓެކްސް އޮތޯރިޓީއާއެކު ސެޓްލަމަންޓް އެގްރީމެންޓެއް އެކުލަވައިލައިފައި ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

މި ދުވަސްވަރަކީ ސްޕެއިންގައި ދިރިއުޅޭ ޕްރޮފެޝަނަލް ގިނަ ފުޓްބޯޅަ ކުޅުންތެރީންތަކެއްގެ މައްޗަށް ޓެކުހަށް މަކަރު ހެދުމުގެ ތުހުމަތުތަކެއް ކުރެވެމުންދާ ދުވަސް ވަރެކެވެ. އޭގެ ތެރޭގައި ރެއާލް މެޑްރިޑްގެ ޕޯޗްގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ބާސާގެ ތަރި ލިއޮނަލް މެސީ، ހާވިއާ މަޝާރާނޯ، ނޭމާ ފަަދަ ކުޅުންތެރީން ހިމެނެއެވެ.

އޭގެ ތޭރޭން މެސީގެ މައްޗަށް ކުށް ސާބިތުވެ، 21 މަސްދުވަހުގެ ޖަލުހުކުމެއް އިއްވާފައި ވާއިރު، ރޮނާލްޑޯގެ މައްޗަށް ވަނީ 14.7 މިލިއަން ޔޫރޯގެ ޓެކުހަށް މަކަރު ހެދިކަމުގެ ތުހުމަތެއް ކޮށްފައެވެ. އެހެން ނަމަވެސް ރޮނާލްޑޯ ވަނީ އޭނާ އެފަދަ ކުށެއް ކޮށްފައި ނުވާނޭ ކަމަށް ބުނެފައެވެ.

ރޮނާލްޑޯގެ އޭޖެންޓަކީ ވެސް މޮރީނިއޯގެ ފުޓްބޯލް އޭޖެންޓަކީ ޖޯޖް މެންޑޭޒެވެ.

comment ކޮމެންޓް