އަދީބު ރާއްޖެއިން ބޭރަށް ފޮނުވައިފިނަމަ ފިލާފާނެ: ސަރުކާރު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވައިފިނަމަ ފިލާފާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރެންގެ ބައްދަލުވުމުގައި އެޓާނީ ޖެނަރަލް މުހައްމަދު އަނިލް ވިދާޅުވީ ތަފާތު އެކި ކުށްތަކެއްގައި 33 އަހަރުގެ ޖަލުހުކުމެއް ތަންފީޒްކުރަމުންދާ ކުރީގެ ނައިބް ރައީސް އަދީބް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލުމަކީ އޭނާއަށް ފިލުމަށް ހުޅުވޭ ވަރަށް ބޮޑު ދޮރެއް ކަމަށާއި އެއްވެސް މީހަކަށް ފިލަން ފުރުސަތު ދިނުމަކީ ސަރުކާރަށް އުނދަގޫ ކަމެއް ކަމަށެވެ.

އަނިލް ވިދާޅުވީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ ގައިދީންނަކީ އަލުން އަނބުރާ ރާއްޖެއަށް ނައިސް ފިލުމުގެ ފުރުސަތު ވަރަށް ބޮޑަށް ލިބިގެންދާ ބައެއް ކަމަށެވެ.

ރައީސް އޮފީހްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަނިލް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

"މިހިންހުރި ހުރިހާކަމަކަށް ބަލާއިރު އަދީބު ރާއްޖެއިން ބޭރަށް ދާން ފުރުސަތު ދީފިނަމަ އޭނާ ފިލުމުގެ ފުރުސަތު ވަރަށް ބޮޑު. އެހެންވީމަ ސަރުކާރަށް ވަރަށް އަނދަގޫވާނެ އަދި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ވެސް ވަރަށް އުނދަގޫ ވާނެ އެފަދަ ހާލަތެއްގައި މީހަކު ސީދާ ފިލަން ފުރުސަތު ދިނުން،" އަނިލް ވިދާޅުވިއެވެ.

އޮޑިޓް ރިޕޯޓްތަކަށް ބަލާއިރު ދައުލަތަށް ލިބެންޖެހޭ 80 މިލިއަން ވަރަކަށް ޑޮލަރު ނުލިބިވާކަމަށާއި އޭގެތެރެއިން ބޮޑުބައެއް ރާއްޖެއިން ބޭރުގައި ހުރުމަކި އެކަށީގެންވާ ކަމެއް ަކމަށް އަނިލް ވިދާޅުވިއެވެ.

އަނިލް ވިދާޅުވީ އެމެއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ބޮޑު އަދަދެއް ގުޅިފައިވަނީ އަދީބާ ކަމަށާއި އެފަދަ ހާލަތެއްގައި އެމަނިކުފާނު ފިއްލަވައި އަނބުރާ ގައުމަށް އެނބުރި ވަޑައިނުގެންފިނަމަ އެ ފައިސާ އަނބުރާ ލިބުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެން ދާނެ ކަމަށެވެ. ނަމަވެސް އަނިލް ވަނީ ސަރުކާރުގެ ކަމަބެހޭ އެއްވެސް އިދާރާއަކުން އަދީބަށް ފޯރުކޮށްދޭން ޖެހޭ ބޭސްފަރުވާއެއް ދިނުމުގައި އިހްމާލު ނުވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރާއްޖެއިން ބޭރަށް ނުގޮސް އަދީބަށް ބޭސްކުރެވޭނެ ކަން ފާހަގަކުރައްވައި އަނިލް ވިދާޅުވީ އަދީބަކީ ރާއްޖެއިން ބޭރުން ޑޮކްޓަރުންނާއި ކަމަބެހޭ އާލާތްތައް ގެނެސްގެން ފަރުވާ ހޯދޭނެ ވަރުގެ ގާބުލުކަން ހުރި ބޭފުޅެއް ކަމަށެވެ.

comment ކޮމެންޓް