ދޮގުހެކި ދިނުމުގެ ސަބަބުން މޮޑްރިޗަށް ފަސް އަހަރުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހިދާނެ!

ކޮރަޕްޝަން މައްސަލައެއްގައި ލުކާ މޮޑްރިޗް ކްރޮއޭޝިއާގެ ކޯޓެއްގައި-- ގެޓީ ފޮޓޯ: ދަސަން

ޝަރީއަތުގައި ދޮގު ހެކި ދިނުމުގެ މައްސަލައެއްގައި، ރެއާލް މެޑްރިޑްގެ ކްރޮއޭޝިއާ ތަރި ލޫކާ މޮޑްރިޗްގެ މައްޗަށް ފަސް އަހަރުގެ ޖަލުހުކުމެއް އަތުވެދާނޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ކްރޮއޭޝިއާގެ އޮސިޔެޖްގެ ސްޓޭޓް އެޓަރނީ އޮފީހުން ވަނީ، ހުސްވި ހަފްތާގައި އެގައުމުގެ ކޯޓެއްގައި ކުރިއަށް ގެންދިޔަ ޝަރީއަތެއްގައި ދޮގުހެކި ދިންކަމަށް ތުހުމަތުކުރެވޭ، 32 އަހަރުގެ މީހެއްގެ ތަހުގީގުތައް ފަށާފައިވާކަން ހާމަކޮށްފައެވެ.

މޮޑްރިޗްގެ މައްޗަށް ތުހުމަތުކުރެވެނީ، އޭނާއާއެކު އޭނާގެ ކުރީގެ ކްލަބު ޑިނަމޯ ޒެގްރެބުން ހިންގާފައިވާ ފައިސާގެ މުއާމަލާތެއްގައި، އެކްލަބުގެ ޑައިރެކްޓަރެއްގެ މައްޗަށް އުފުލާފައިވާ ޓެކުހަށް މަކަރުހެދުމުގެ ކުށުގެ ޖިނާއީ ދައުވާއެއްގައި ދޮގު ހެކިދިންކަމަށް ބުނެއެވެ.

ކްރޮއޭޝިއާގައި މިފަދަ ކަންކަމުގައި އަމަލުކުރަމުން އަންނަ އުސޫލުގެ މަތިން، އެއީ ކާކުކަން ހާމަ ނުކުރި ނަމަވެސް އެގައުމުގެ މީޑިއާތަކުން ވަނީ، އެ މައްސަލައިގައި ޕްރޮސިކިއުޓަރުން ފާހަގަކޮށްފައިވާ ހުރިހާކަމެއް މޮޑްރިޗަށް ފިޓްވާ ކަމަށާއި އަދި އެއީ މި މައްސަލައިގެ ތަހުގީގުކުރެވޭ މުއްދަތަށް ބަލާއިރު މޮޑްރިޗް ނޫން އެހެން މީހެއް ނޫންކަމަށެވެ.

ހުސްވި ހަފްތާގައި މޮޑްރިޗް ވަނީ، ޓެކްސް އޮފިސަރަކާއި ޑިނަމޯ ޒަގަރެބްގެ ޗީފް އެގްޒެކެޓިވް ޒްރަފްކޯ މަމިޗް ހިމެނޭގޮތަށް އެ ކްލަބުގެ ސީނިއަރ ތިން ފަރާތެއްގެ މައްޗަށް ކޮށްފައިވާ ޓެކުހަށް މަކަރު ހެދުމުގެ ކުށުގައި ހެކިދީފައެވެ. މަމިޗަކީ ސިޔާސީ ނުފޫޒާއެކު ކްރޮއޭޝިއާގެ ފުޓްބޯޅައިގައި އެންމެ ބާރުގަދަ އެއް ފަރާތެވެ.

ޒްރަގޯ މަމިޗް (ވ) އަދި އޭނާގެ ކޮއްކޮ ޒޯރާން މަމިޗް -- އީޕީއޭ ފޮޓޯ: ދަ ސަން

މަމިޗްގެ މައްޗަށް ތުހުމަތުކުރަނީ އޭނާ ޑިނަމޯގެ ޕްރެޒިޑެންޓަކަށް ހުރިއިރު، އެ ކްލަބުން 17.5 މިލިއަން ޕައުންޑަށް ހިޔާނާތެރިވެފައިވާ މައްސަލައެކެވެ.

"ހެކިދިން ފަރާތުން ވަނީ، 10 ޖުލައި 2004ގައި، އޭނާގެ ފުރަތަމަ ޕްރޮފެޝަނަލް ކޮންޓްރެކްޓުގައި ސޮއިކުރިއިރު، އޭނާއަށް ޓްރާންސްފަރ ފީގެ 50:50 ހިއްސާއެއް ލިބެންޖެހޭ ގޮތަށް ތައްޔާރުކޮށްފައިވާ އެނެކްސް އެއްގައި ސޮއިކޮށްފައިކަމަށް ބުނެ ދޮގުހެކި ދީފައި،" އޮސިޔެޖްގެ ސްޓޭޓް އެޓަރނީ އޮފީހުން ނެރުނު ބަޔާނުގައި ވެއެވެ.

މޮޑްރިޗް ޑިނަމޯ ޒަގްރެބުން ޓޮޓެންހަމްއަށް ބަދަލުވީ 2008 ވަނަ އަހަރުއެވެ. އަދި އޭނާ ރެއާލަށް ބަދަލުވީ 2012 ވަނަ އަހަރުއެވެ.

މި ދުވަސްވަރަކީ، ސްޕެއިންގައި ކުޅެމުން އަންނަ މަޝްހޫރު ގިނަ ކުޅުންތެރީންތަކެއްގެ މައްޗަށް ޓެކުހަށް މަކަރުހަދައި އޮޅުވާލުމުގެ ތުހުމަތުތަކެއް ކުރެވި ތަހުގީގުތަކެއްވެސް ކުރެވެމުންދާ ދުވަސްވަރެކެވެ. އޭގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯ، ލިއޮނަލް މެސީ، ނޭމާ ފަދަ ކުޅުންތެރީން ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް