"ހިރިލަންދޫ ފުޓްސަލް ޗެލެންޖް"ގެ ނަމުގައި އީދާ ދިމާކޮށް ފުޓްސަލް މުބާރާތެއް

މީގެ ކުރީން ހިރިލަންދޫގައި ބޭއްވި ފުޓްސަލް މުބާރާތެއްގެ ތެރޭން -- ފޮޓޯ: ހިރިލަންދޫ ކައުންސިލް

މި އަހަރުގެ ފިތުރު އީދާ ދިމާކޮށް "ހިރިލަންދޫ ފުޓްސަލް ޗެލެންޖް 2017"ގެ ނަމުގައި ފުޓްސަލް މުބާރާތެއް ކުރިއަށް ގެންދިއުމަށް އެރަށު ކައުންސިލުން ތައްޔާރުވަމުން އެބަދެއެވެ.

ހިރިލަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޖަލާލް ސަން ސްޕޯޓްސްއަށް ވިދާޅުވީ، ހިރިލަންދޫގެ ހަތް ޓީމެއްގެ އިތުރުން މި މުބާރާތުގައި އެއަތޮޅުގެ ވަންދޫ ޓީމަކާއި ކަނޑޫދޫ ޓީމެއްވެސް ބައިވެރިވާ ކަމަށެވެ.

މުބާރާތުގެ އިންތިޒާމް ކޮމެޓީގެ ޗެއަރ، މުހައްމަދު ނާފިއު ވިދާޅުވީ، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހަމަވެ، ޓީމުތަކުގައި ގުރުލުން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޖުމުލަ 9 ޓީމު ވާދަކުރާ މި ފުޓްސަލް މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ، ޖޫން 25 ވާ އާދީއްތަދުވަހުގެ ރޭ ކަމަށްވެސް ނާފިއު ވިދާޅުވިއެވެ.

ހިރިލަންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، މި އަހަރުން ފެށިގެން ކުރިއަށް އޮތްތާނގައި ކޮންމެ އަހަރެއްގެ ވެސް ފިތުރު އީދާ ދިމާކޮށް ހިރިލަންދޫ ފުޓްސަލް ޗެލެންޖު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން، ހިރިލަންދޫ އަންހެނުންގެ ކޮމިޓީއާ ރަށު ކައުންސިލް ގުޅިގެން އީދު ދުވަހު ކުޑަކުދީންގެ ހަވީރެއް ބޭއްވުމަށާއި، އަދި އެރަށުގެ އަންހެނުންނަށް ޚާއްސަކޮށްގެން ވޮލީބޯޅަ މުބާރާތެއްވެސް އީދުތެރޭގައިކުރިއަށް ގެންދިއުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް