ޞަޙާބީންގެ މަތިވެރިކަން -1

ރަމަޟާން މަހަކީ އެމަހެއްގައި ޤުރުއާން ބާވާލައްވާ ލައިލަތުލް ޤަދުރި ވިލޭރޭ ލެއްވި މަހެވެ. އެގޮތުން ރަމަޟާން މަހު ޤުރުއާން ކިޔެވުން އިތުރު ކުރުމަކީ ސުންނަތްވެގެންވާ ކަމެކެވެ. ކީރިތި ރަސޫލާ މުހައްމަދު صلى الله عليه وسلم ވެސް ވަނީ ރޯދަ މަހު ޤުރުއާން ކިޔުއްވާ މިންވަރު އިތުރުކުރައްވާފައެވެ. : އިސްލާމީ މަރުކަޒުގައި މީހަކު ޤުރުއާން ކިޔަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކައުސާހިބާގެ މިތުރު ޞަޙާބީންނަށް ކީރިތި ޤުރްއާނުގައި ނަން ދެއްވައިފައިވަނީ އެންމެ ހެޔޮ އުންމަތުގެ ނަމުންނެވެ. އެބޭކަލުންނަކީ ނަބީ ބޭކަލުންނާއި ރަސޫލު ބޭކަލުން ފިޔަވައި އެންމެހައި އިންސާނުންކުރެ އެންމެ މާތް ޖަމާޢަތެވެ.

އިތުރު ސާހިބާގެ މިތުރު ޞަޙާބީންގެ މިދެންނެވި މާތްކަމާއި މަތިވެރިކަމުގެ ސަބަބަކީ ކޮބައިތޯއެވެ؟ ޝައްކެތްނެތް ގޮތުގައި އެއީ ޚާއްސަ ކަރާމަތެއްގެ ސަބަބުންވެފައިވާ ކަމެއްނޫނެވެ. އެއީ އެނގި ސާބިތުވެފައިވާ ހަޤީޤަތެވެ. އެހެނީ އެބޭކަލުންގެ ބަސްފުޅުތަކާއި ޢަމަލުފުޅުތަކުން ވަނީ ތާރީޚުގައި ވަރަށް އާދަޔާޚިލާފު މިސާލުތަކެއް ޤާއިމު ކުރައްވައިފައެވެ. އެއްވެސް ތަނެއްގައި، އެއްވެސް އިރެއްގައި އެހެން އެއްވެސް އިންސާނީ ޖަމާޢަތަކުން ޤާއިމުކޮށްފައިނުވާފަދަ މިސާލުތަކެކެވެ. މުޅި އިންސާނީ ތާރީޚު ދެކެފައިވާ އެންމެ މާތް އެންމެ މަތިވެރި ޖަމާޢަތަކީ ޞަޙާބީންގެ ޖަމާޢަތްކަމުގައި ކަނޑައެޅިފައިވަނީ އެހެންވެގެންނެވެ.

އޭބޭކަލުންގެ އެންމެ އިސް އަދި އެންމެ ޙައިރާން ކުރުވަނިވި މަސައްކަތްޕުޅަކީ ޙައްޤަކީ ކޮބައިކަން ފާހަގަ ކުރެއްވުމެވެ. އެހެން މީހުންނަށް ޙައްޤު އެނގެނީ ބޭރުފުށުން ފެންނާން ހުންނަ ދަލީލުތަކުންނެވެ. ނަމަވެސް އެބޭކަލުން ޙައްޤު ފާހަގަކުރެއްވީ އޭގެ ހަޤީޤަތުގެ ޒަރީޢާއިންނެވެ. އެހެންމީހުން ތެދުކުރަނީ ޤަބޫލުކުރެވިފައިވާ ޙައްޤެވެ. ނަމަވެސް އެބޭކަލުން ޙައްޤު އޮޅުންފިލުއްވެވީ އެބޭކަލުންގެ ވިސްނުންފުޅުގެ ޒަރީޢާއިންނެވެ. އެހެންމީހުން ޤަދަރުކުރަނީ މުންނާރެއް ފަދައިން ފާޅުވެ ހާމަވަފައިހުންނަ ޙައްޤަށެވެ. ނަމަވެސް އެބޭކަލުން ޙައްޤަށް ކަމޭހިތްތަވަން ފެއްޓެވީ މީހުންގެ ލޯތަކަށް ޙައްޤު ހާމަވެ ފާޅުވުމުގެ ކުރީންނެވެ.

އެހެންމީހުން ޙައްޤުގެ ޗެމްޕިއަނުން ކަމުގައިވީ މާއްދީ ބަރުދަނެއް އެޙައްޤާ އެކުވުމުންނެވެ. ނަމަވެސް އެބޭކަލުންގެ އަމިއްލަފުޅު ނަފްސު ހައްޤަށްޓަކައި ވަޤުފު ކުރެއްވީ ޙައްޤު ހުރިހާ ބާވަތެއްގެ މާއްދީ ބުރަދަނަކުން ހުސްވެގެން ވަނިކޮށެވެ. މީސްތަކުން ޙައްޤެއްގެ ދިދަ އުފުލާ މީހުން ކަމުގައިވަނީ ޙައްޤުގެ ފަހަތުގައި މަތިވެރި ތާރީޚެއް އުފެދުމުންނެވެ. ނަމަވެސް އެބޭކަލުން ޙައްޤާ ގުޅިވަޑައިގަތީ އެއްވެސް ތާރީޚެއް އެޙައްޤާ ގުޅުވައިލެވުމުގެ ކުރީންނެވެ. އެބޭކަލުން އަމިއްލަފުޅަށް އެޙައްޤުގެ ފަޚްރުވެރި ތާރީޚެއް އުފެއްދެވިއެވެ. އެކަމަށްޓަކައި ހުރިހާ ބާވަތެއްގެ ނަފްސާނީ އަދި ޖިސްމާނީ ޤުރްބާންތަކެއް ވެވަޑައިގެންނެވިއެވެ.

އިތުރު ސާހިބާގެ މިތުރު ޞަޙާބީންނަކީ އަންނާން އޮތް އިންސާނީ ހުރިހާ ނަސްލުތަކަކަށް ނަމޫނާ ރޯލެއް ކުޅުއްވި ބޭކަލުންނެވެ. މާތްﷲ ސުބުޙާނަހޫ ވަތަޢާލާ މިންވަރު ކުރައްވައިފައިވަނީ ޤިޔާމަތާ ހަމައަށް މިދުނިޔައަށް ފޮނުއްވާނެ އެކަލާނގެ އަޅުތަކުންނަށްޓަކައި ނަމޫނާއެއް ޤާއިމް ކުރެއްވުމަށެވެ. ޞަޙާބީން އެބޭކަލުންގެ އާދަޔާޚިލާފު ޤުރުބާނީގެ ޒަރީޢާއިން މުޅި އިންސާނިއްތަށްޓަކައި ޙަޔާތުގެ މިދެންނެވި އަބަދީ ނަމޫނާގެ ދަރަޖަ ޙާޞިލުކުރެއްވިއެވެ.

އެބޭކަލުންނަކީ ޙަޔާތުގެ ހުރިހާ މަރްޙަލާތަކެއްގައި ޙައްޤުގައި ސާބިތުވެ ތިއްބެވި ބޭކަލުންނެވެ. އެބޭކަލުން ޙަޔާތުގެ ކޮންމެ ދާއިރާއެއްގައި ޚިޔާރުކުރެއްވީ އިންޞާފާއި ތެދުގެ މައްޗަށް ބިނާވެފައިވާ ގޮތްކޮޅެކެވެ. އެބޭކަލުން މިނިވަނުން ކަމުގައި ވެވަޑައިގަތުމާއެކުވެސް އުޞޫލުތަކުގެ ކަސްތޮޅު ޤަބޫލުކުރެއްވިއެވެ. އެބޭކަލުން އިޚްތިޔާރު ލިބިވަޑައިގެން ތިއްބަވައިވެސް ޙައްޤުގެ ކުރިމަތީގައި އެބޭކަލުންނަކީ އެއްވެސް އިޚްތިޔާރެއް ލިބިވަޑައިގެންފައި ނުވާ ބޭކަލުން ކަމުގައި ހެއްދެވިއެވެ. އެބޭކަލުންނަށް އެޒަމާނުގެ އެހެން މީހުނެކޭ އެއްގޮތަށް އަވާރާވެ ވަޑައިގަތުމުގެ ފުރްޞަތުއޮތެވެ. ނަމަވެސް އެބޭކަލުން އެގޮތް ޚިޔާރެއް ނުކުރެއްވިއެވެ. އެބޭކަލުން ކޮންމެ ކަމެއްގައިވެސް ތެދުވެރިކަމުގެ އެންމެމަތީ ފެންވަރުގައި ފުރިހަމަޔަށް ސާބިތުވެވަޑައިގެންނެވިއެވެ.

މުޅި އިންސާނީ ތާރިޚަށް ބަލާއިރުވެސް ނަބީބޭކަލަކަށް ލިބިވަޑައިގެންނެވި އެންމެ ގިނަ އަޞްޙާބުން ލިބިވަޑައިގެންނެވި އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށެވެ. އޭގެ ކުރީގެ ނަބީބޭކަލުންނަށް ލިބިވަޑައިގަތީ އަފްރާދުންނެވެ. ޖަމާޢަތެއް ލިބިވަޑައެއް ނުގަނެއެވެ. އިތުރުސާހިބާގެ ޞަޙާބީންގެ ޚާއްޞަ ސިފަފުޅުތަކުގެ ތެރޭގައި އެބޭކަލުންގެ ޒަމާނުގައި ފޮނުއްވި ނަބިއްޔާ ޖަމާޢީގޮތުން ފާހަގަ ކުރައްވައި އެނަބިއްޔާއަށް ތަބާވެ ވަޑައިގަތުން ހިމެނެއެވެ. ގިނަ ޢަދަދެއްގެ ބޭކަލުން އެނަބިއްޔާގެ މިޝަނާ ގުޅިވަޑައިގެން އެބޭކަލުންގެ ޙަޔާތްޕުޅު އެމިޝަނަށްޓަކައި ވަޤުފު ކުރެއްވިއެވެ. އެހެންމީހުން އެބާވަތެއްގެ ކަންތައްތަކެއް ޢުޛުރުތަކަށް ހަދައިފައި އެކަހެރިވެގަނެ އެކުވެރިކަން ކަނޑައިލާޒާތުގެ ކަންތައްތައް ތަކުރާރުކޮށް އެބޭކަލުންނާވެސް ކުރިމަތިވިއެވެ. ނަމަވެސް އެބޭކަލުން އެއްވެސް ޢުޛުރެއް ޢުޛުރަކަށް ނަހައްދަވައެވެ. އެބޭކަލުން ހުރިހާ ވައްތަރެއްގެ ނުރުހެވޭ ކަންތައްތަކެއް ހަނދުމަފުޅު ނައްތައި ލެއްވިއެވެ. އެއްވެސް އުޒުރެއް ދެއްކެވުމެއްނެތި އިތުރު ސާހިބާގެ ޙިމާޔަތް ކުރައްވަމުން ގެންދެވިއެވެ. އެބޭކަލުން މިދުނިޔެއިން ވަކިވެވަޑައިގެންނެވީ އެގޮތުގައި ސާބިތުވެ ތިއްބަވައެވެ.

މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވީ ފަހުޒަމާނުގެ ނަބިއްޔާގެ ހައިޘިއްޔަތުންނެވެ. އެއީ ވަރަށް އުނދަގޫ މަޝްރުޢެއް ފުރިހަމަ ކުރެއްވުމަށްޓަކައި ކުރެއްވި ނިޔާފުޅެކެވެ. އެކަމަށްޓަކައި، ނުހަނު ތަނަވަސް ދާއިރާއަކަށް އޭގެ އަސަރު ފޯރާ އިންޤިލާބެއް ދުނިޔެއަށް ގެންނެވުން ލާޒިމެވެ. އެކަލޭގެފާނުގެ ނަބީކަމަކީ އެކަލޭގެފާނަށް ފަހުވެސް އަބަދަށްޓަކައި ޤަބޫލުކުރެވިފައިވާ ނަބީކަމެއްގެ ޙައިޘިއްޔަތުން ދުނިޔޭގައި ލެމެހެއްޓެވުމަށްޓަކައެވެ. އެކަމަށް ބޭނުންވާ ތާރީޚީ ސަބަބުތައް ފާޅުކުރެއްވުމަކީ ލާޒިމުކަމެކެވެ. އެ ކަލޭގެފާނު ގެންނެވި ދީނަކީ ނިކަމެތިކޮށް ނުލެވޭވަރަށް ރައްކައުތެރި ކުރެއްވިފައިވާ ދީނަކަށް ހެއްދެވުމަށްޓަކައެވެ. އެކަލޭގެފާނުގެ ޒާތުފުޅާއި އެކަލޭގެފާނުގެ މަސައްކަތްޕުޅު ތާރީޚުން ފޮހެލާން އުޅޭ މީހަކަށް އެކަމުގައި ކާމިޔާބު ނުވާވަރަށް ތާރީޚުގައި ބިންވަޅު ނެންގެވުމަށްޓަކައެވެ.

އެ މަޝްރޫޢު ފުރިހަމަ ކުރައްވަން މިންވަރު ކުރައްވައިފައިވަނީ އަސްބާބުތަކުގެ ދުނިޔޭގައެވެ. އިންސާނީ މިނިވަންކަމުގެ މާޙައުލުގައެވެ. އެހެންކަމުން އެ މަޝްރޫޢު ހިމެނުނީ އިންތިހާ ދަރަޖައިގެ އުނދަގޫ މަޝްރޫޢަކަށެވެ. އިތުރު ސާހިބާގެ ޞަޙާބީން މިދެންނެވި އިލާހީ މަޝްރޫޢުގައި އެބޭކަލުންގެ ޒާތުފުޅު ޝާމިލުކުރެއްވިއެވެ. އެމަޤްޞަދު ޙާޞިލުކުރެއްވުމަށްޓަކައި ކުރެއްވި މަސައްކަތްޕުޅުގައި އެބޭކަލުން ފުރާނަފުޅަކަށް، ހަށިކޮޅަކަށް، މުދަލަކަށް ބައްލަވައެއް ނުލައްވައެވެ. އެކަމަށްޓަކައި އެބޭކަލުން އެބޭކަލުންގެ އަމިއްލަފުޅު ޝަޚްޞިއްޔަތު ނައްތައިލެއްވިއެވެ. އެބޭކަލުންގެ ތާޖުކޮޅު އެބޭކަލުންގެ ފައިތިލަފުޅު ދަށުގައި ފިސްފިސްކޮށްލެއްވިއެވެ. އެބޭކަލުން ލޯބިފުޅުވާ އެއްޗެހިކޮޅުތައް ދޫކޮށްލެއްވުމަށްފަހު ހުސްއަތްޕުޅާ އެމަޝްރޫޢާ އެއްކޮޅަށް ޖެހިވަޑައިގެންނެވިއެވެ. އެހެންމީހުން ޤަބޫލުނުކުރި ވާހަކަތަކެއް އެބޭކަލުން ޤަބޫލުކުރެއްވިއެވެ. އެހެންމީހުން ބަރުދާސްތުނުކުރި ކަންތައްތަކެއް އެބޭކަލުން ތަހައްމަލުކުރެއްވިއެވެ. އެބޭކަލުންގެ ހުރިހާ އެއްޗެހިކޮޅުތަކެއް ނަންގަވައިލެއްވުމަށްފަހު އިސްލާމްދީނުގެ ނަބިއްޔާއާ ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއްވެސް ޝަރުޠަކާ ނުލައެވެ. އެއްވެސް ކަހަލަ ޖާމިނުވުމެއް ހޯއްދެވުމެއްނެތިއެވެ. ޙަޤީޤަތަށް ދަންނަވާނަމަ އިތުރު ސާހިބާގެ ޞަޙާބީންނަކީ އިންސާނީ ތާރީޚުގައި އެފަދަ ދެވަނައެއްނެތް ޖަމާޢަތެކެވެ. އެއްވެސް މީހަކަށް ލަފްޒުތަކަކުން ބާޔާންކުރެވޭ ވަރަށްވުރެ އެބޭކަލުންގެ މާތްކަން ބޮޑެވެ. މަޤާމު މަތިވެރިއެވެ. އެއީ އިސްވެދެންނެވުނު ސަބަބުތަކަށްޓަކައެވެ.

comment ކޮމެންޓް