ހަމައެޔާއެކު ތިމާގެ އަމަލުތަކަށް ބަދަލުލިބުމަށް ޤުދުރަތުން ރާއްވަވައިފައިވާ ޤާނޫނާމެދު ބިރުވެތިވުމަށް ހަނދާން ކޮށްދެއްވައި އިންޒާރުކުރެއްވިއެވެ. ސުވަރުގޭގެ ދާއިމަށް ދެމިތިބޭ ދިރިއުޅުމުގެ އުފާވެރި ޚަބަރުވެސް ދެއްވަމުންގެންދެވިއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ވާހަކަފުޅު ބަޔެއް ޤަބީލާތަކުގެ މީހުން އަޑުވެސް އަހައެވެ. އެވާހަކަފުޅުން އެމީހުންނަށް އަސަރުވެސްކުރެއެވެ. ނަމަވެސް ޝިރުކާއި ބުދަށް އަޅުކަންކުރުމުގެ މުސްކުޅި އާދަ ދޫކޮށްލާކަށެއް އެއްބަހެއް ނުވެއެވެ. އޭގެ އެއްސަބަބަކީ ޢަރަބީންގެ ކަށީގައި ހިފައިފައިވާ ކާބަފައިންނަށް އަޅުދާސްވުމުގެ އާދައެވެ. ޢަރަބީންގެ ޤަބީލީނިޒާމުގައި ޤަބީލާގެ ރައީސުގެ ބަހަކީ ފަހުބަހެވެ. އެނާގެ އަމުރަކީ އެންމެފަހުގެ ނިޔާއެވެ. އެއަމުރާ ޚިލާފުވުމަކީ މީހެއްގެ ތަސައްވުރަށްވެސް ގެނެވޭފަދަ ކަމެއްނޫނެވެ. މުނިފޫހިފިލުވުމުގެ މަހެފިލްތަކުގައިވެސް ހަނގުރާމައިގެ މައިދާންތަކުގައިވެސް އަމީރަށް ކިޔަމަންވުމަކީ އެބައިމީހުންގެ ޝިއާރެވެ. މޮޓޯއެވެ. އެބައިމީހުންގެ އެއްބައިވަންތަކަމާއި، ވެރިކަމުގެ ނިޒާމާއި، އާރާއިބާރުގެ ސިއްރަކީ އެއީއެވެ. އެދުވަސްވަރުގެ ސިޔާސީ މަސްރަހުގައި އެބައިމީހުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ޖާމިނަކީވެސް އެއީއެވެ. މިދެންނެވި "މާތްކަބަފައިންނާއި އިހްތިރާމު ލިބިގެންވާބޮޑުން" ގެ އަޤީދާވަނީ އެބައިމީހުންގެ ގާތުގައި ވަރަށް މުޤައްދަސު އަޤީދާއަކަށްވެފައެވެ. އެބައިމީހުންގެ ދިރިއުޅުމާ ވަކިނުކުރެވޭނެ ބަޔަކަށްވެފައެވެ.
އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޢަރަބީން އިސްލާމީ ތަހްރީކުގައި ބައިވެރިކުރެއްވުމަށްޓަކައި ދެއްވަމުންގެންދެވީ ތައުހީދުގެދައުވަތެވެ. އިންސާނުންނަށްޓަކައި އަރަހުށިމާތްﷲ ކަނޑައަޅުއްވައިފަވާ ދީނަކީ ތައުހީދުގެ ދީނެވެ. ޖަހާލަތުންނާއި، ވަހުމުތަކުންނާއި، ޝިރުކުގެވަބާއިންނާއި، ﷲ ނޫން އެހެނިހެން ފަރާތް ތަކުގެ އަޅުވެތިކަމުން އިންސާނުން ސަލާމަތްކޮށް ދެނީ ތައުހީދެެވެ. އިންސާނާ އޭނާގެ އިލާހުވަންތަ ރަސްކަލާނގެ ރަސްކަންފުޅާ ގުޅުވައި އިންސާނީވަންތަކަމުގެ އިޙްތިރާމް ލިބިގެންވާ މަތިވެރި މަގާމަށް އޭނާ އުފުލައިދެނީ ތައުހީދެވެ. އިންސާނެއްގެ ފިކުރީ ދުނިޔެއާއި އަމަލީހަޔާތުގެ ބަޔަކަށް އެއްކައުވަންތަކަމުގެ އަޤީދާ ހަދައިލެވިއްޖެނަމަ އޭނާގެ ބަހާއި ޢަމަލުގެ ސަމުގާގެ މާގަނޑު ހުއްޓޭ ގަހާ އަކަށްވާނީ މާތްﷲގެ ރުހިވޮޑިގަތުން ހޯދުމެވެ. އެކަލާނގެ އަމުރުފުޅާއެއްގޮތަށް ދިރިއުޅުމެވެ. އޭނާގެ އުންމީދުތަކާއި، އޭނާގެ ލޯތްބާއި އޭނާގެ އަޅުކަން ގުޅިފައިވާނީ ﷲގެޒާތުފުޅާއެވެ. އިންސާނާ މާތްﷲއަށް އަޅުވެތިވުމުގެ އެންެމެ މަތީދަރަޖަޔަށް ވާސިލުވެއްޖެނަމަ، އޭނާއަށްއެ ވާސިލުވެވޭ، މަންޒިލަކީ މާތްﷲާއާ ކުއްތަންވުމުގެ ތައުބީރުން ހަނދާންކުރެވޭ މަތިވެރި މަޤާމެވެ.
މާތްﷲއާކުއްތަންވުމުގެ ޒަރީއާއިން އިންސާނާގެ ކިބައިގައިއުފެދެނީ އީމާންކަމުގެ ވަރުގަދަބާރެވެ. އީމާންކަމުގެ ބާރަކީ އެބާރެއްގެ މައްޗަށް ފަތަޙަނުހޯދޭފަދަބާރެކެވެ. އީމާންކަމުގެ ސަބަބުން އިންސާނާ ވެގެންދާނީ ރޯފިލައިފައިވާ ބުއްދިވެރި، އުޅުންތެރި ޚުލުގުހެޔޮމީހަކަށެވެ. އިސްލާމްދީން ދެކޭގޮތުގައި އިންސާނީ ހަޔާތުގެ މަޤުސަދަކީ އެއީއެވެ. އިންސާނާގެވެރި ރަސްކަލާނގެ އެދިވޮޑިގެންވާ ގޮތަކީވެސް އެއީއެވެ. އިތުރުސާހިބާގެ ދައުވަތުގެ ޙަޤީޤި މަޤްސަދަކީވެސް އެއީއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ މިމޭރުމުން ދެއްވާ ދައުވަތުގައި ދައްކަވާ ވާހަކަފުޅުތަކުގެ ކުރު ޚުލާސާއެއް ތިރީގައި މިވަނީއެވެ.
" އޭ މިވެނި ޤަބީލާއެއްގެ މީހުންނޭވެ! އަހުރެންނަކީ އަރަހުށިމާތް ﷲ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވި ރަސޫލަކީމެވެ. އެކަލާނގެ އަމުރުކުރައްވަނީ ހަމައެކަނި އެކަލާނގެރަސްކަންފުޅަށް އަޅުކަންކުރުމަށެވެ. އެކަލާނގެ ރަސްކަންފުޅާ އެހެން އެއްވެސް ފަރާތެއް ޝަރީކު ނުކުރުމަށެވެ. އެކަލާނގެ ރަސްކަންފުޅު ފިޔަވައި ތިޔަބައިމީހުން އަޅުކަންކޮށް އުޅޭ ތަކެއްޗާއި އެކަލާނގެރަސްފުޅުގެ ބަދަލުކަމުގައި ތިޔަބައިމީހުން ހަދައިގެން ތިޔަގެންގުޅޭތަކެތި ދޫކޮށްލުމަށެވެ. ތިޔަބައިމީހުން އަހުރެންނަށް އީމާންވާށެވެ. އަހުރެންގެ ދައުވަތު ރައްދުކުރުމަށްޓަކައި އަހުރެން ޙިމާޔަތްކޮށްދޭށެވެ. އަހުރެން އެކަންކަމާއިގެން ފޮނުއްވި ހުރިހައި ކަމެއް ސާފުސާފުކޮށް ބަޔާންކޮށްދީފުމަށް ދާންދެނެވެ."
އަބޫލަހަބުގެ ޖެއްސުންކުރުމާއެކުވެސް ކައުސާހިބާ ޞައްލަﷲ ޢަލައިވަސައްލަމަގެ ރީތި ވަޢުޡު ކޮންމެވެސް ބަޔަކު އަޑުއަހައެވެ. އިތުރުސާހިބާގެ ބަލާޣަތްތެރި ފަސާހަތްތެރިވާހަކަފުޅުން މީހުންނަށް އަސަރުވެސް ކުރެއެވެ. ނަމަވެސް އެބައިމީހުންގެ ޖާހިލު އަޤީދާއާއި، މުސްކުޅި އާދަކާދަ ދޫކޮށްލާކަށެއް ތައްޔާރެއް ނުވެއެވެ. ކުރީންވެސް ދަންނަވައިފައިވާ ފަދައިން އެބައިމީހުންގެ ޤަބީލާ އަށް ވަފާތެރިވުމާއި، ސިޔާސީ، އިޖުތިމާއީ، އިޤްތިސާދީ މަސްލަހަތުތައްވެސް އިސްލާމްދީނުގެ ދައުވަތު ޤަބޫލު ކުރުމަށް ހުރަސް އަޅައެވެ. އެހެންކަމާއެކުވެސް އެކިއެކި ޤަބީލާތަކުގެ ވަކިވަކި ފަރުދުން ވަކާވަކާ އަށް އިސްލާމް ވަމުން ވެސްދިޔައެވެ.
އިސްލާމީތަޙުރީކު ފެށުނީ މާތްވެގެންވާ މައްކާއިންނެވެ. ނަމަވެސް އެދައުވަތުގެ މަލަސް ރޯވެ އާލާވެ ޙިމާޔަތްލިބި ނަސުރުވެރިވުމުގެ މަޤާމެއްކަމުގައި ތަޤްދީރުގައި ލިޔުއްވިފައިވަނީ ނޫރުލެއްވިގެންވާ މަދީނާއެވެ. އެހެންކަމުން ކައުސާހިބާގެ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚާއްސަގޮތެެއްގައި އެމާތްސާހިބާގެ މަސައްކަތްޕުޅު ޔަޘްރިބަށް އަމާޒުކުރައްވާންފެއްޓެވިއެވެ.
ޝައްކެއްނެތެވެ. އިތުރުސާހިބާ ޤުރައިޝުންނާމެދު ވެސް އުންމީދު ކަނޑުއްވައެއްނުލައްވައެވެ. ޤުރައިޝުންގެ ދެކޮޅުވެރިކަމާއި ހިތްހަރުކަމާއި، އަނިޔާވެރިކަމާއި އުނދަގޫބޮޑުކަމާއެކުވެސް އެބައިމީހުންނާމެދު މާޔޫސްވެ ވަޑައެއް ނުގަންނަވައެވެ. މާޔޫސްވުމަކީ އެމާތް ސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ދީނުގައި ހަރާންކަމަކެވެ. ނަމަވެސް އިތުރު ސާހިބާގެ ދުރުވިސްނިވަޑައިގަތުމާއި ތަނަވަސް ފިކުރުފުޅުން ޔަގީން ވެވަޑައިގެންފައިވަނީ މައްކާއާއި މައްކާގެ ވަށައިގެންހުރި ޤަބީލާތައް އިސްލާމްދީނަށް ބޯލެނބުމަށް އިތުރުވަގުތު ބޭނުންވާނެކަމެވެ. އެހެންކަމުން ދައުވަތުގެ ހަރަކާތް ވަރުގަދަކުރައްވާންވީ މަދީނާގެ މުޝްރިކް ޤަބީލާތަކަށް އަމާޒު ކުރައްވައިގެންކަމެވެ. އިސްލާމްދީނުގެ ރަހްމަތުގެ ބަޤީޗާގެ ނާސަރީއަކަށް ހެއްދެވޭތޯ މަސައްކަތްޕުޅުކުރައްވާންވީ މަދީނާކަމެވެ. އެހެންކަމުން އިތުރުސާހިބާ މަދީނާއަށް އިސްކަންދެއްވާންފެއްޓެވިއެވެ. މަދީނާއިން ހައްޖަށާއި، އުމުރާއަށާއި، އެނޫންވެސް ބޭނުންތަކުގައި މައްކާއަށް އަންނަ މީހުންނަށް އިހުނަށްވުރެބޮޑަށް ސަމާލުކަންދެއްވާންފެއްޓެވިއެވެ. ފަހުގެ ތާރީޚުން ސާބިތުވެފައިވާ ފަދައިން އިތުރުސާހިބާގެ ވިސްނުންފުޅާއި އަމާޒުފަތްގަނޑު ރަނގަޅެވެ . އެނިންމެވުމަކީ އެންމެ މުނާސަބު އެންމެ ބުއްދިވެރި ނިންމެވުމެވެ.
ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ މިއަމާޒަށް ފެއްޓެވި މަސައްކަތްޕުޅުގެ އެންމެފުރަތަމަ ކާމިޔާބަކީ ސުވައިދު ބުނުއްޞާމިތު ރަޟިޔަﷲ އަންހު އިސްލާމްވެވަޑައިގެންނެވުން ކަމުގައި ދެންނެވިދާނެވެ. ހިޖްރައިގެ ތިންއަހަރެއްހައިދުވަސްކުރީން (މީލާދީން 619 ގައި) އެކަލޭގެފާނު މައްކާއަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވާގޮތުގައި އެކަލޭގެފާނުގެ އަތްޕުޅުގައި ލުޤުމާނުގެފާނުގެ ޙިކުމަތުގެ ސަޙީފާގެ ނަކަލެއް އޮވެއެވެ. އެނަކަލު މަޝްހޫރުވެފައިވަނީ މަޖައްލާ ލުޤުމާނުގެ ނަމުންނެވެ. ލުޤުމާނުގެފާނުގެ ޙިކުމަތްތެރި ބަސްފުޅުތައް އެކަލޭގެފާނު ދަސްފުޅެވެ. އޭގެއިތުރަށް ޅެންވެރިކަމާއި ހިތްވަރުފުޅުގަދަކަމުގައިވެސް އެކަލޭގެފާނަކީ މަޝްހޫރުބޭކަލެކެވެ. މީހުންގެ މެދު އެކަލޭގެފާނު މަޝްހޫރުވެވަޑައިގެންފައިއޮތީ ކާމިލުގެނަންފުންނެވެ. ސުވައިދު އެކަލޭގެފާނުގެ ވިސްނުންފުޅު ތޫނުކަމާއި ޙިކުމަތްތެރިކަމާމެދު ފަޚުރުވެރިވެ ވަޑައިގަންނަވައެވެ. ކީރިތި ޤުރްއާނުގެ ޙިކުމަތްތެރިކަމާއި ބާލާޣަތްތެރިކަމުގެ ޚަބަރު ލިބިވަޑައިގެންނެވުމުން ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ އާ ބަޙުޘް ކުރެއްވުމަށްޓަކައި މައްކާއަށް ވަޑައިގެންނެވިއެވެ. ބައެއް އެހެނިހެން ރިވާޔަތްތަކުގައިވާ ގޮތުން ސުވައިދު މައްކާއަށް ވަޑައިގެންނެވީ ދަތުރުވަރެއްގައެވެ. އެކަލޭގެފާނު މައްކާއަށް ވަޑައިގެންނެވުމުން ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވައިދަށް ދީނަށް ގޮވައިލެއްވުމަށްޓަކައި ސުވައިދުގެ އަރިހަށް ފައިންޕުޅު ބީއްސެވީއެވެ.
ސުވައިދު ރަޟިޔަﷲ އަންހު އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް މަޖައްލާ ލުޤްމާނު ހުށަހެޅުއްވިއެވެ. އިތުރުސާހިބާ އެއަށް ތާރީފުކުރެއްވިއެވެ. އެއަށްފަހު ސުވައިދަށް ޤުރްއާންކިޔަވައިވިދާޅުވެދެއްވިއެވެ. ކީރިތި ޤުރްއާން ބަލާޣަތާއި ޙިކުމަތްތެރިކަމުގެ އަސަރު ވަރަށްފަސޭހައިން ސުވައިދު ގެހިތްޕުޅުފަތަހަކޮށްފިއެވެ. ހަމައެވަގުތު އިސްލާމްވެވަޑައިގެންފިއެވެ. ސުވައިދުގެފާނުގެ ހިކުމަތުގެ ޝައުގު އެކަލޭގެފާނަށް ކީރިތިޤުރުއާން މަޢުރިފާވެ ވަޑައިގަތުމުގެ ސަބަބަކަށްވީ ފަދައިން އަރަހުށިމާތްﷲ މިންވަރު ކުރައްވައިފައިވަނީ އެކަލޭގެފާނުގެ ނަންފުޅު އަބަދަށްޓަކައި ދުނިޔޭގައި ލެހެއްޓެވުމަށެވެ. އެހެންކަމުން އެކަލޭގެފާނު މަދީނާއަށް ވަޑައިގެން އިސްލާމީ ތަޙްރީކަށްޓަކައި މަސައްކަތްޕުޅު ކުރައްވާން ފެއްޓެވިއެވެ. އިސްލާމް ދީނުގެ ތެދުވެރި ޢާޝިގެއްގެ ގޮތުގައެވެ. ނަމަވެސް ސުވައިދުގެފާނަކަށް މާކަދިގު މުހުލަތެއް ލިބިވަޑައެއް ނުގަންނެވިއެވެ. ބުޢާޡު ހަނގުރާމައިގައި އެކަލާގެފާނުގެ ގަތުލުވެއްޖެއެވެ. ޝައްކެތްނެތެވެ. އެކަލޭގެފާނު ވަނީ އިސްލާމީތަޙްރީކު މަދީނާއަށް ތައާރުފުކުރައްވައިފައެވެ. އެހެންކަމުން ސުވައިދުބުނުއްޞާމިތު ރަޟިޔަﷲ އަންހުގެ އިސްލާމީ ޚިދުމަތަކީ ފާހަގަނުކޮށް ދޫކޮށްލެވޭފަދަކަމެއްނޫނެވެ. އެއީ މަދީނާގެ އުދަރެހުން އެންމެފުރަތަމަ ފާއްދާލި އަލީގެ ދޯއްޖެވެ.