ތަރުޖަމާ: އަބްދުﷲ ފާރޫޤު ޙަސަން
މުސްލިމުންގެ ބޮލުގައި އެޅުވޭ އަސްލެއްނެތް އިލްޒާމުތަކުގެ ތެރެއިން އެއް އިލްޒާމަކީ މުސްލިމުން ދީނީ ތަޢައްޞުބުގައި އިންޑިޔާގެ ފައްޅިތައް މުގުރިކަމުގައި ދެކެވޭ ވާހަކައެވެ.
މުސްލިމުންގެ ބޮލުގައި މިއިލްޒާމު އަޅުވާއިރު އަޅުގަނޑުމެން ހަނދާންނުހުންނަކަމަކީ ޚުދުއިންޑިޔާ މީހުންވެސް ފައްޅިތައް މުގުރައިފައިވާކަމެވެ. އަޅުގަނޑުމެންގެ ޤައުމުގައި ސަމްނަރު މަޒްހަބުގެ މީހުންވަނީ ފައްޅިތައްމުގުރައިފައެވެ. ނާގާޓީނަމްގެ ބުދުތައް ލޫޓޫވިކަމާއި، އެތާނގައިހުރި ރަންތައް ތަރޫމަންގައީ އިން އާޝްވާރަށް ގެންދެވުން ކަން ހަނދާނެއް ނުހުރެއެވެ.
މުސްލިމުން ފައްޅިތައް މުގުރިވާހަކަ އަޅުގަނޑުމެން ދައްކާއިރު މުސްލިމުން ފައްޅިތަކަށް އެތައް ބިންތަކެއް ވަގުފުކޮށްދިންކަމާއި ފައްޅިތައް ބަލަހައްޓައިދީހެދިކަމެއް އަޅުގަނޑުމެން ހަނދާނެއް ނުހުރެއެވެ. (އިންޑިޔާގައި މުސްލިމުންވެރިކަން ކުރި ދުވަސްވަރު ނުވަތަ ފުތޫހާތުގެ ތެރޭގައި މުސްލިމުން މުގުރި އެކި ދެތިން ފައްޅިޔެއް މުގުރީ ސިޔާސީ އަސްކަރީ ސަބަބުތަކާ ހުރެއެވެ. ދީނީ ތަޢައްޞުބެއްގެ ސަބަބަކުންނޫނެވެ. އަސްކަރީގޮތުންނާއި ސިޔާސީ ގޮތުން އެވަގުތަކަށް ކޮންމެހެން ލާޒިމު ފިޔަވަޅުތައް އެޅުމަކީ އެންމެންވެސް ކުރާކަމެކެވެ. އެއީ ހަމައެކަނި މުސްލިމުންނަށް ޚާއްސަކަމެއް ނޫނެވެ.)
މިކަމާ ބެހޭގޮތުން އެއް ބޭކަލަކު އަޅުގަނޑާ ސުވާލުކުރައްވައިފައިވެއެވެ. "މުސްލިމުން އިންޑިޔާގެ ފައްޅިތައް މުގުރައި ބުދުތައް ތަޅައިހެދިކަން އިންޑިޔާގެ ތާރީޚުން އެނގޭން އެބައޮތެވެ. އެކަމާމެދު ވިދާޅުވަނީ ކީކޭތޯއެވެ؟"
ޙަޤީޤަތަށް ދަންނަވާނަމަ އަޅުގަނޑުމެން މިގެންގުޅޭ އިންޑިޔާގެ ތާރީޚުތަކަކީ ޙަޤީޤަތާއި ހޯދައިބެލުމުގެ އަލީގައި ވަކިފަރާތަކަށް ނުޖެހުމުގެ ބިންގަލުގައި ލިޔެވިފައިހުރި ތާރީޚު ތަކެއް ނޫނެވެ. މުސްލިމުންނާ މެދު އެހެނިހެންދީންތަކުގެ މީހުން ނަފުރަތު ކުރުވައި ދުޝްމިން ކުރުވުމަށްޓަކައި ހުޅަނގުގެ ފިތުނަ އުފައްދާމީހުން ލިޔެފައިހުރި ތާރީޚުތަކެކެވެ. ބަޔަކު ތަޢައްޞުބުގައި އެތާރީޚުތަކުން ކުރާ ނަކަލުތަކެވެ. މުސްލިމުން ފައްޅިތައްމުގުރި ވާހަކަ ޔާއި،ބުދުތައް ތަޅައިލި ވާހަކަޔާ ބެހޭގޮތުން އަޅުގަނޑު ގެޖަވާބަކީ މުސްލިމުން އެކަންކޮށްފައިވަނީ ދީނީ ސަބަބަކަށްޓަކައެއްނޫނެވެ. އެހެނިހެންދީން ތަކުގެ މީހުންގެ ދީނީ އަޅުކަންކުރާ ތަންތަން ސުންނާފަތިކުރާކަށެއް އިސްލާމްދީން ހުއްދައެއް ނުދެއެވެ. އެހެންކަމުން އެކަންކުރެއްވީ ސުލްޠާނު މަޙްމޫދު ޣަޒްނަވީ ކަމުގައި ވިޔަސް އެރަސްގެފާނުގެ އެހެން ކޮމާންޑަރެއް ކަމުގައިވިޔަސް އެކަންކުރައްވައިފައިވަނީ އަސްކަރީ ނުވަތަ ދާޚިލީ އަމްނާގުޅޭ ސަބަބުތަކަށްޓަކައެވެ.
(ޙަޤީޤަތުގައި އިސްލާމީ ދައުލަތްތަކުން ވަނީ އެދައުލަތްތަކުގެ ޣައިރު މުސްލިމު ރައްޔިތުންގެ ދީނީ އަޅުކަންކުރާތަންތަން ޙިމާޔަތްކޮށް ރައްކައުތެރިކޮށްދީފައެވެ. ކީރިތިޤުރްއާނުގައި މިމޭރުމުން އިރްޝާދު ދެއްވައިފައިވެއެވެ.
"ﷲ ދޫކޮށް އެއުރެން އަޅުކަންކުރާ ތަކެއްޗަށް ތިޔަބައިމީހުން އެއްޗެހިގޮވައި ނަހަދާށެވެ! އޭރުން ނޭނގިތިބެ އެއުރެން ޢަދާވަތްތެރިކަމުގެ ގޮތުން ﷲ އަށް އެއްޗެހި ގޮވައިފާނެތެވެ." (އަލްއަންޢާމު : 108)
އިސްލާމްދީނުގެ ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަވަނީ އެހެނިހެން ދީންތަކުގެ މީހުންގެ ދީނީ ޖަޒުބާތަށް އަބަދުވެސް ރިޢާޔަތް ކުރައްވައިފައެވެ. އަޅުކަންކުރެވޭ ތަންތަނަށް މީހުންކުރާ އިހްތިރާމަށް ސަމާލުކަން ދެއްވައިފައެވެ. އެމާތް ސާހިބާ ނަޖުރާނުގެ ކްރިސްޓިޔަނުންނާ ކުރެއްވި މުއާހަދާގެ އެއް މާއްދާ އެއްގައިވެއެވެ.
"އެއްވެސް ފައްޅިޔެއް މުގުރައެއް ނުލެވޭނެއެވެ. ދީނީ އެއްވެސް އެދުރަކު ފައްޅިއަކުން ނެރެއެއް ނުލެވޭނެއެވެ."
ބައެއް މުއައްރިޚުން ނަކަލުކުރައްވާ ނަޖްރާނުގެ މުޢާހަދާގެ އެހެން މާއްދާއެއްގައިވެއެވެ. "ފާދިރީންނާއި، ރާހިބުންނާއި އަޅުވެރީން އެބައިމީހުންގެ މަޤާމުތަކުން ދުރެއްނުކުރެވޭނެއެވެ. ސަލީބުތަކާއި ބުދުތަކެއް ނުމުގުރޭނެއެވެ." (މަޤާލާތުޝިބްލީ : 189 ޙަވާލާ ފުތޫޙުލްބުލްދާނު : 25)
ޝާމުކަރައިގެ ސަރަހައްދެއް ފަތަހަވުމުން އެތާނގެމީހުންނާ ޚާލިދުބުނުލްވަލީދު ރަޟިޔަﷲ ޢަންހު ކުރައްވައިފައިވާ މުޢާހަދާއެއްގައި ކްރިސްޓިޔަނުންގެ ސާދަ ފައްޅިއެއްގެ ނަންބަޔާންކުރެއްވުމަށްފަހު އެފައްޅިތައް ޙިމާޔަތްކޮށްދެއްވަންވަނީ އެއްބަސްވެވަޑައިގެންފައެވެ. އެ މުއާހަދާގައި ހެކީންގެ ގޮތުގައި ސޮއިކުރައްވައިފައިވަނީ ޢަބޫ ޢުބައިދާ އާއި، ޢަމްރުބުނުލް ޢާޞު (ރަޟިޔަﷲ އަންހުމާ) އާއި، ސަޙާބީންގެއެހެންދެބޭކަލެކެވެ. (އަލްބިދާޔަތުވައްނިހާޔަތު)
ޢަމްރު ބުނުލް ޢާޞު މިސުރު ފަތަޙަކުރެއްވިއިރު ޢަމްރު ވެސްވަނީ ފައްޅިތައް ޙިމާޔަތްކޮށް ދެއްވަން ލިޔުމުން މުޢާހަދާކުރައްވައިފައެވެ. އަދި އެތަންތާނގެ ތެރޭގައި އެބައިމީހުންގެ ގޮތުގައި އަޅުކަންކުރުމަށާއި، ދީނީ ވާހަކަ ދެއްކުމަށްވެސްވަނީ ހުއްދަ ދެއްވައިފައެވެ. (މަޖްމައުލްފަވާއިދު : 2/500 – ޙަވާލާ ޠަބަރާނީ)
މުސްލިމުން އެހެންދީން ތަކުގެ މީހުންގެ ދީނީ އަޅުކަން ކުރާތަންތަން ދަމަހަށްޓަން ހަމައެކަނި ހުއްދަދިނީކީ ޣައިރުމުސްލިމުންނަށް އެބައިމީހުންގެ އާބާދީގެ ތެރޭގައި އަޅުކަންކުރާ އިތުރުތަންތަން ހެދުމުގެ ހުއްދަވެސް ދިނެވެ. އެތަންތާގެ ވަގުފުތައް ދަމަހައްޓައިދިނެވެ. އެތަންތާގެ ދަރަޖަވެރީންގެ މަޤާމުތަކާއި ޕެންޝަންތައްވެސް ދަމަހައްޓައިދިނެވެ. އެކަމަށް އަލި އަޅުއްވައިލައްވައި ޢައްލާމާ ޝިބްލީ ނުޢުމާނީ ލިޔުއްވައިފައިވެއެވެ.
"އަމްރު ބުނުލް ޢާޞު ރަޟިޔަﷲ ޢަންހު މިސުރުފަތަޙަކުރެއްވީ އަމީރުލް މުއުމިނީން ޢުމަރުބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގައެވެ. ޢަމްރުބުނުލްޢާޞު އެހައިތަނަށް ފައްޅިތަކަށް ޚާއްސަވެފައި ހުރިބިންތައް އެހުރިގޮތަށް ބެހެއްޓެވިއެވެ. (މަޤާލާތު ޝިބްލީ : 202)
"މާތްﷲ މިވަގުތު މިތާނގެ ވެރިކަން ދެއްވައިފައިވާ ޢަރަބީން ކްރިސްޓިޔަންދީނަކަށް ހަމަލައެއް ނުދެއެވެ. އަދި ކީއްހެއްޔެވެ؟ މިއާ ޚިލާފަށް އަހަރެމެންގެދީނަށް އެހީވެދެއެވެ. އަހަރެމެންގެ ފާދިރީންނަށާއި، މުޤައްދަސްމީހުންނަށް އިއްޒަތްތެރިކޮށް ހިތައެވެ. ގިރިޖާތަކަށާއި ޚާނުގާހުތަކަށް ފައިސާގެއެހީދެއެވެ." (މަޤާލާތު ޝިބްލީ) އަމީރުލް މުއުމިނީން ޢުޘްމާނު ޛުއްނޫރައިނި ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގައި މުރޫގެ ކްރިސްޓިޔަނުންގެ އިސްމީހެއްކަމުގައިވާ Jessujah އީރާނުގެ ލޯޑްބިޝޮޕް Simeon އަށްލިޔުނު ސިޓީއެއްގައިވެއެވެ.
ޣައިރު މުސްލިމުން ފައްޅިތައް ބިނާކުރުމާއި ދީނީ ޝިޢާރު ފާޅުކުރުން މުސްލިމުން މަނާކުރީ މުސްލިމު އާބާދީ ތަކުގައެވެ. ޚާއްސަގޮތެއްގައި މުސްލިމުންނަށްޓަކައި ބިނާކުރެވޭ މުސްލިމު ރަށްރަށުގައެވެ. އެފަދަ މުސްލިމުއާބާދީގައި ޣައިރު މުސްލިމުންގެ އަޅުކަންކުރާ ތަންތަން ހެދުމާއި، ޣައިރުދީންތަކުގެ ޝިއާރުތައް ފާޅުކުރުމެވެ. މުސްލިމުންނަށް ޚާއްސަ ރަށްރަށް ފިޔަވައި މުސްލިމުންނާއި ޣައިރު މުސްލިމުވަޒަންވެރީން މައްސުނިކޮށް ދިރިއުޅޭ ގަދީމީ ރަށްރަށުގައި އެތަންތާނގެ ޒިންމިންނާއި މުސްލިމުންނާ ދެމެދު އެއްބަސްވެފައިވާ ގޮތަކަށް އަމަލުކުރުމަކަށް މުސްލިމުން އިއުތިރާޟުކޮށްފައެއް ނުވެއެވެ. (ކިތާބުލް ޚަރާޖު : އަލްއިމާމު އަބޫ ޔޫސުފް : 88)
ޝައްކެއްނެތެވެ. ބުދަށް އަޅުކަންކުރުމަކީ ރަނގަޅުކަމެއްނޫނެވެ. މުސްލިމުން އެހެންދީންތަކުގެ މީހުންގެ ހިތްތަކުގައި ބިންވަޅު ނަގައިދޭން މަސައްކަތްކުރީ އެޝުޢޫރެވެ. އެކަމަށްޓަކައި މުސްލިމުން ދައްކައިފައިވަނީ ހެއްކާއި ދަލީލުތަކެވެ. ދީނުގެ ކަމެއްގައި މުސްލިމުން ޣައިރު މުސްލިމުންނަށް ހަރުކަށިކަން ދައްކައިފައެއް ނުވެއެވެ. ގަދަބަދަވިކަމުގެ ޢަމަލެއް ކޮށްފައެއް ނުވެއެވެ. މުސްލިމުން ފާޅުގައި އިއުލާންކުރިއެވެ. އަހަރެމެން ބޭނުންވަނީ މީސްތަކުންގެ ހިތްތައް ކުފުރާއި ޝިރުކުން އެއްކިބާވުމެވެ. ތާހިރުވުމެވެ. އެހިތްތަކަށް ޙައްޤުގެ އަލިކަން ވާސިލުވުމެވެ. އެކަމަށްޓަކައި މުސްލިމުން ޚިޔާރުކުރީ ތެދުމަގަށްގޮވައިލުމެވެ. ޙައްޤާއި ބާޠިލު އޮޅުންފިލުވައިދީ ވިސްނައިދިނުމެވެ. ގަދަބަދަވިކަމަކީ އިސްލާމްދީނުގެ މިޒާޖާ މުޅީން ޚިލާފުކަމެކެވެ.
ޝައްކެއްނެތެވެ. އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަޢުބަތުﷲގެފުޅު ބުދުތަކުން ތާހިރުކުރެއްވިއެވެ. ކަޢުބަތުﷲ އަކީ މާތްﷲ ގެރަސްކަންފުޅަށް އެކަނި އަޅުކަންކުރުމަށްޓަކައި ކުރެވުނު ބިނާއެކެވެ. ކަޢުބާގައި ބުދުބެހެއްޓީ އިބްރާހީމީދީން އޮޅުވައިލައި މީހުން މަގުފުރެއްދި މީހުންނާއި، އެމީހުންނަށް ތަބާވި މީހުންނެވެ. ހަމައެފަދައިން އަރަބީންގެ ތެރޭގައި އިބްރާހީމީދީން އޮޅި މީހުން މަގުފުރެދުމަށްފަހު މައްކާނޫން އެހެނިހެން ރަށްރަށުގައި ބިނާކޮށްފައިހުރި ބުދުފައްޅިތައްވެސް މުގުރެއްވިއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން އަރަބިކަރަޔަކީ އިބްރާހީމީ ނަސްލުގެ އިސްމާޢީލީ ދަރިކޮޅުގެ މީހުންގެ ވަޒަނެކެވެ. އަރަބިކަރައިގެ ބުދުދީނުގެ އަހްލުވެރިންވެސް އެތާރީޚީ ޙަޤީޤަތް ޤަބޫލްކުރެއެވެ.)
އިސްލާމްދީނުގެ ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަ ކްރިސްޓިޔަނުންގެ ފައްޅިޔެއް ނުވަތަ ޔަހޫދީންގެ ސިނގޮގެއް މުގުރުއްވިކަމުގެ އެއްވެސް ހެއްކެއް ތާރީޚުން ފެންނާކަށެއްނެތެވެ.