Sun Online
ޒިޔާރަތް މިސްކިތް--- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޒިޔާރަތް މިސްކިތް--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބަރަކާތްތެރި ރަމަޟާންމަހުގެ ފިލާވަޅު

އަބްދުﷲ ފާރޫގް ހަސަން
ދިޔަތިކިއަބްދުﷲ ފާރޫގް ހަސަން

ބަރަކާތްތެރި ރަމަޟާންމަސްމިވަނީ އަޅުގަނޑުމެންނާ ބައްދަލުކޮށްފައެވެ. ރަހްމަތާއި، ފާފަފުއްސެވުމާއި، ނަރަކައިން މުއްތިކުރެއްވުމާއި ބަރަކާތާއި ޘަވާބާއި ހެޔޮކަމާއިގެން އަޅުގަނޑުމެންނާ ހަމަޔަށް އައިސްފައެވެ. މިމަހުގެ އެންމެ ފުރަތަމަ ދިހަ ކަމުގައިވާ ރަހުމަތުގެދިހަ ފާއިތުވާން ކައިރިވަނީއެވެ. އެހެންކަމުން ރަމަޟާންމަސް އަޅުގަނޑުމެންނަށް ލިބިދޭ ފިލާވަޅުތައް އަލުން މުޠާލިޢާ ކޮށްލަމާ ހިންގަވާށެވެ. މިބަރަކާތްތެރި މައްސަރުން އަޅުގަނޑުމެންނަށް ލިބެނީ ކޮންކޮން ފިލާވަޅުތަކެއްތޯ ބަލައިލަމާ ހިންގަވާށެވެ. މިހެޔޮކަމުގެ މައްސަރު އަޅުގަނޑުމެންގެ ކިބައިން އެދެނީ ކޮންކޮންކަންތައްތަކެއްތޯ އާއި، އެކަންތައް ތަކުން އަޅުގަނޑުމެންގެ ހަޔާތަށް ފޯރަނީ ކޮންކަހަލަ އަސަރުތަކެއްތޯ ވެސް ބަލައިލަމާ ހިންގަވާށެވެ. އަޅުގަނޑުމެން އަމިއްލަޔަށް އަޅުގަނޑުމެންގެ ނަފްސުތައް ހިސާބުކޮށް އަރަނި ދަރަނި ހުރިނެތްގޮތް ބަލައިލަމާ ހިންގަވާށެވެ. އަޅުގަނޑުމެންގެ އަމަލީ ދިރިއުޅުން މިބަރަކާތްތެރި މަސް ދައްކާ މޫނު ބަލާލޯގަނޑުން ބަލައިލައި އަޅުގަނޑުމެންގެ އުޅުމާއި ސުލޫކުގައިހުރިނަމަ ހުރި ދަމިލައެއް ފިލުވައި އުއްތައިލަމާ ހިންގަވާށެވެ.

ރަމަޟާން މަސް އަޅުގަނޑުމެން ނަށްދޭ އެއްފިލާވަޅަކީ ގަދައަޅައި މަސައްކަތްކުރުމުގެ ފިލާވަޅެވެ. އަޅުގަނޑުމެންގެ ޠަބީޢަތާ ޚިލާފުކަންތައް ބަރުދާސްތުކުރުމުގެ ފިލާވަޅެވެ. ބަނޑުހައިކަމެވެ. ކަރުހިއްކުމާއި ފެންބޮވައިގަތުމެވެ. ނަފްސާނީ އެހެނިހެން އެދުންތައް ދޫކޮށްލައިގެން ކެތްތެރިކަމާއެކު ސާބިތުވެ ތިބުމުގެ ފިލާވަޅެވެ. ދޫރައްކާތެރި ކުރުމުގެ ފިލާވަޅެވެ. ނަމާދުތަކުގެ އިސްފަހުގައިކުރާ ރަވާތީބު ސުންނަތްތަކުގެ އިތުރަށް ތަރާވީހުގެ އެގާރަ ރަކްއަތް ނުވަތަ ވިހި ރަކުއަތް ކުރުމުގެ ބުރަ އުފުލުމުގެ ފިލާވަޅެވެ. ދިގު ޤިޔާމުތަކާއި ރުކޫޢުތަކާއި ކީރިތިޤުރްއާން ކިޔެވުމާއެކުގައެވެ. ދުވާލު ހަތަރުދަމު ހައިހޫނު ކަމުގައި ތިބުމާއި ރޯދަވީއްލުމެވެ. ރޯދަވީއްލުމަށްފަހު ނަމާދެވެ. މަޣުރިބު ނަމާދާއި އިޝާ ނަމާދެވެ. އިޝާނަމާދަށްފަހު އިރުކޮޅަކު ލޯމަރައިލައިފައި ތެދުވެ ތަހައްޖުދު ނަމާދުކުރުމެވެ. ތަކުރާރުކޮށް ފަށްފަށްކޮށް ޤުރްއާންކިޔެވުމެވެ. ހާރުކެއުމެވެ. ޝައްކެއްނެތެވެ. މިއީ އިންސާނަކު ވަރުބަލިކޮށްލާނެ އަޅުކަމުގެ މަސައްކަތްތަކެކެވެ. އިންސާނާގެ އާއްމު އާދަކާދަޔާއި، މިޒާޖާ ތަފާތު ކަންކަމެވެ. ރޯދަމަސް އަޅުގަނޑުމެންނަށް ތަރުބިޔަތުދެނީ މިކަންކަމުގެ ޒަރީޢާއިންނެވެ. މިކަންކަމުން އަޅުގަނޑުމެންނަށް ދަސްވަނީ އަޅުގަނޑުމެންގެ ޠަބީއަތާ ޚިލާފު ކަންކަން ބަރުދާސް ކުރުމަށެވެ. އަޅުގަނޑުމެންގެ ކިބައިގައި އުފައްދަނީ އެކަމުގެ ބުންވަރެވެ. މަތިވެރި މަޤްޞަދުތައް ހާޞިލުކުރުމަށްޓަކައި "ދެފައިދުޅަވަންދެން" ކުރިޔަށް ހިނގުމުގެ ތަރުބިޔަތެވެ. ޠޫފާނެއް ލައިގަތްކަމުގައިވިޔަސް ހިތްވަރާއި ފަންވަރު ދޫކޮށް ނުލުމުގެ ތަރްބިޔަތެވެ. އަނދިރިރޭރޭގެ ގަދަފިނި ރޯޅިތަކަށްވެސް އަޅުގަނޑުމެންގެ ހިންމަތާއި މިންނަތަށް ހުއްޓުން އަރުވައި ލެވުނަ ނުދިނުމުގެ ތަރްބިޔަތެވެ. ދުއްޕާން މޫސުންތަކަށް އަޅުގަނޑުމެންގެ ފައިގައި ހިލިހިލާ އެޅުވުނަ ނުދިނުމުގެ ތަރްބިޔަތެވެ. އަޅުގަނޑުމެން ގެ ދަތުރުގެ މިސުރާބު ސީދާކަމުގައިވާނަމަ އެ މިސުރާބަށް ކުރިޔަށްދާއިރު ކޮންމެފަދަ އުނދަގުލެއް ކުރިމަތިވިޔަސް ފަހަށް ނުޖެހުމުގެ ތަރްބިޔަތެވެ. ހައްތާވެސް ކުރިޔަށް އަރަމުން ދިޔުމުގެ ތަރްބިޔަތެވެ. މިއިންކޮންމެ ކަމެއްގެ ތަރްބިޔަތަކީވެސް އަޅުގަނޑުމެންގެ ފަރުދީ ދިރިއުޅުމުގެ ވެސް ބޭނުމެކެވެ. ޤައުމީ ދިރިއުޅުމުގައިވެސް އަފޫރުއްބަ މުހުތާދެކެވެ. އަޅުގަނޑުމެންގެ އިޖްތިމާޢީޙަޔާތާއި އާއްމު ޚިދުމަތުގެ ދާއިރާއަށްވެސް ބޭނުންތެރި ފިލާވަޅުތަކެވެ. ޝައްކެއްނެތެވެ. އަޅުގަނޑުމެންގެ ކާމިޔާބަކީ އަޅުގަނޑުމެންގެ ރަސްވަންތަ ﷲގެ ރުހިވޮޑިގަތުން ލިބިގަތުމުގައިވެސް ކާމިޔާބީ ހާޞިލުކުރުމެވެ. އެކަލާނގެ މަގުގައި އަޅުގަނޑުމެންގެ އަތުން ބީވެދިޔުމަކީ ލިބުމެވެ. ގުރްބާންވުމަކީ ދިރުންލިބިގަތުމެވެ.

ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނަށްދޭ ދެވަނަ ފިލާވަޅަކީ ކީރިތި ޤުރްއާނާ ގުޅުން އުފެއްދުމުގެ ފިލާވަޅެވެ. އަރަހުށިމާތް ﷲ ކީރިތިޤުރްއާން ބާވައިލެއްވީ ރަމަޟާން މަހެއްގައެވެ. ރޯދަމަހުގައި ދިގުކޮށް ޤުރްއާންކިޔެވުމާއެކު އަޅުގަނޑުމެން މިކުރާ ތަރާވީޙު ނަމާދަކީ ޤުރްއާން ބާވައިލެއްވިކަމުގެ ހަނދާން އާކުރުމެވެ. ލައިލަތުލް ޤަދްރިވިލޭރެއާ ދިމާވޭތޯ ކުރާ މަސައްކަތާއި، އިޢުތިކާފުކުރުމުގެ މަޤްސަދަކީވެސް ކީރިތިޤުރްއާން ބާވައިލެއްވިރޭ ލިބިގަތުމެވެ. ފިތުރުއީދަކީ ޤުރްއާން ބާވައިލެއްވި މައްސަރު އިހްތިފާލްކުރެވުނުކަމުގެ އުފާ ފާޅުކުރުމެވެ. އާދެ، މިމާތް މައްސަރުގެ އެއްފައިދާއަކީ އަޅުގަނޑުމެންނާއި ކީރިތިޤުރްއާނާ ގުޅުން ބަދަހިވުމެވެ. އަޅުގަނޑުމެން ޤުރްއާންކިޔެވުމުގައި ވަރަށް ގިނަ މަޤްޞަދުތަކެއް އޮންނާންޖެހެއެވެ. ޤުރްއާނުގެ ބޭނުމަކީ ހަމައެކަނި މީހަކު މަރުވުމުން ސާޅީސް ވަންދެން އެފޮތް ކިޔަވައިލުމެއް ނޫނެވެ. މީހެއްގެ އަހަރުމަތިދުވަހު ފޮތްފޮއްޓެއް ކިޔަވައިލުމެއްވެސް ނޫނެވެ.

ކީރިތި ޤުރްއާނަކީ އަޅުގަނޑުމެންނަށް ޘަވާބާއި ދަރުމަ ލިބުމުގެ ވަސީލަތެކެވެ. ހަމައެފަދައިން އެފޮތަކީ އަޅުގަނޑުމެންގެ ސޫރަދައްކާ މޫނުބަލާ ލޯގަނޑެވެ. އަޅުގަނޑުމެންގެ ޢަމަލީ ހަޔާތު ބައްޓަންކުރުމަށެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ފައްތަރުތައް ރީތިކޮށް ތަރުތީބު ކޮށްލުމަށެވެ. މިގޮތުން ކީރިތި ޤުރްއާނާއި އަޅުގަނޑުމެންނާ ދެމެދު މިހާރު އޮންނަ ގުޅުމާމެދު ވިސްނައިލާއިރު އެގުޅުންވަނީ ވަރަށް ބޮޑަށް އަނަރޫފަވެފައެވެ. ހީނަރުވެފައެވެ. ކީރިތި ޤުރްއާން އަޅުގަނޑުމެންނަށް އަންގަވާ އެންގެވުންތަކާއި އަޅުގަނޑުމެންގެ ކިބައިން ޤުރްއާން އެދޭގޮތް ދެނެގަތުމުގެ ޝައުޤުވެރިކަމުން އަޅުގަނޑުމެންވަނީ މަހްރޫމުވެފައެވެ. އަޅުގަނޑުމެންގެ އަމަލީ ހަޔާތުގައި ޤުރްއާން ދައްކަވާމަގުން ހިނގުމުގެ ބަދަލުގައި އަޅުގަނޑުމެންނަށް މަގު ދައްކާ ފަރާތަކަށް ހަދައި ލަގަން ހަވާލުކޮށްގެން އުޅެވެނީ ނަފްސާނީ އެދުންތަކާއެވެ.

ކީރިތިޤުރްއާނަކީ އަޅުގަނޑުމެންނާ ހަވާލުކުރައްވައިފައިވާ ވަރަށް މަތިވެރި އަމާނާތެކެވެ. އަޅުގަނޑުމެން މުޅިއިންސާނިއްޔަތަށް ރައްދުކޮށްދޭން ޖެހޭ އިލާހީ އަމާނާތެކެވެ. އަޅުގަނޑުމެން ކީރިތިޤުރްއާނުގެ ޙައްޤު އަދާކުރުމަކީ މާތް ﷲ ގެ އެންމެހައި އަޅުތަކުންނަށް ކީރިތި ޤުރްއާން ރައްދުކޮށް ދިނުމެވެ. ނަމަވެސް މިޒަމާނުގެ ވަރަށްގިނަ މުސްލިމުންވަނީ މިއަމާނާތް އަދާކުރުމާމެދު ޣާފިލުވެފައެވެ. އަޅުގަނޑުމެން އެކަމާ ގަޔާވެގެންނެއް އެމަސައްކަތެއް ނުކުރަމުއެވެ. އަޅުގަނޑުމެންނަކީ ޤުރްއާނާ ހަވާލުވެގެން ތިބި މީހުންނެވެ. އެޤުރްއާން އުފުލައިގެން ތިބި މީހުންނެވެ. އެހެންކަމަށްވުމާއެކުވެސް އަޅުގަނޑުމެންނަކީ ޤުރްއާންކިޔަވާންޖެހޭގޮތަށް ޤުރްއާންކިޔަވާ ބައެއްނޫނެވެ ޤުރްއާންމަގުދައްކާގޮތަށް ޤުރްއާނަށް ޢަމަލުކުރާބައެއްވެސްނޫނެވެ. ޤުރްއާން ދަތުން ޙައްޤު ގޮތަށް ޤުރްއާން ދަންނަބައެއްވެސް ނޫނެވެ. މާތްﷲގެ އަޅުތަކުންނަށް ޤުރްއާން އިއްވައިދޭ ބައެއްވެސް ނޫނެވެ. ކީރިތިޤުރްއާނާމެދު މިދަރަޖަޔަށް ބޭ އިންސާފުވުމަކީ ކޮންފަދަ ބިރުހުރި ކަމެއްތޯއެވެ.

މިބަރަކާތްތެރި ހެޔޮކަމުގެ މޫސުމާގުޅުވައިގެން އަޅުގަނޑުމެން ޢަހްދު ކުރާންވީ ޤުރްއާނުގެ ޙައްޤު ޤުރްއާނަށް ދިނުމަށެވެ. ދުވާލާއިރޭގަނޑު އެފޮތް ކިޔެވުމަށެވެ. އެފޮތުގެ ބަރަކާތުން ދުވަސްފެށުމެވެ. އަޅުގަނޑުމެންގެ އަނބިދަރީންނާއި، އަޅުގަނޑުމެންގެ ވާވެރިންވެސް ޤުރްއާން ކިޔަވާ ބަޔަކަށް ހަދަންމަސައްކަތްކުރުމަށެވެ. ޤުރްއާން އުނގަންނައިދޭގޮތަށް އަޅުގަނޑުމެންގެ އުޅުމާއި ގުޅުން ބައްޓަންކުރުމަށެވެ. އަޅުގަނޑުމެންގެ އެދުންތަކާއި ވަގުތީ މަސްލަހަތު ތަކަށްވުރެ މާތްﷲގެ ރުހިވޮޑިގަތުމަށް އިސްކަންދިނުމަށެވެ. މި މަޤްޞަދު ހާޞިލުވާނީ ޤުރްއާންކިޔަވާއިރު ޤުރްއާނާމެދު ވިސްނައި ފިކުރުހިންގަމުން ޤުރްއާން ކިޔަވައިގެންނެވެ. އަޅުގަނޑުމެންނަށް އަރަބި ބަސް ނޭގޭ ނަމަ މަސައްކަތްކުރާންވީ ކީރިތިޤުރްއާނުގެ ތަރުޖަމާއި ތަފްސީރުގެ އެހީގައި އެފޮތް ވިސްނައިގަތުމަށެވެ. އަރަހުށި މާތްﷲ އެކަލާނގެ ފޮތުގައި އަޅުގަނޑުމެންނަށް ދެއްވައިފައިވަނީ ކޮންކޮން އިރުޝާދުތަކެއްކަން ދެނެގަތުމަށެވެ. އެފޮތުގެ އަމުރުތަކާއި ނަހީތަކާ ފަރިތަވެލުމަށެވެ. އަދިވެސް އަޅުގަނޑުމެން ޢަޒުމު ކަނޑައަޅާންޖެހޭ ވަރަށް މުހިންމު ކަމެއް އެބައޮތެވެ. އެކަމަކީ އަޅުގަނޑުމެންނާ ގުޅުންހުރި ޣައިރު މުސްލިމުންނަށް ކީރިތިޤުރްއާނުގެ ތަރުޖަމާ ހޯދައިދިނުމެވެ. ވިސްނައިލަމާ ހިންގަވާށެވެ. އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ދާއިރާގެ ރިސޯޓުތަކާއި ދަތުރުވެރިގެތަކުގެ ކޮޓަރި ތަކުގައި ޤުރްއާނުގެތަރުޖަމާ ބަހައްޓައިލެވުނަސް އަޅުގަނޑުމެންނަށް އެއަދާކުރެވެނީ ވަރަށް ބޮޑު ވާޖިބެކެވެ. އެކުރެވެނީ ނިހާޔަތެއް ނެތްވަރުގެ އައިތަވެރި ޢަމަލެކެވެ. އަޅުގަނޑުމެންނަށް އެ އަދާކުރެވެނީ އަޅުގަނޑުމެންނާ މަތިކުރައްވައިފައިވާ ދީނީ ދަޢުވަތުގެ ބައެކެވެ. އެކަމަކީ އެންމެހެޔޮ އުންމަތުގެ ޙައިޘިއްޔަތުން އަޅުގަނޑުމެން އަދާކުރާންޖެހިފައިވާ ވާޖިބެކެވެ.

ބަރަކާތްތެރި ރަމަޟާންމަހަކީ އަޅުގަނޑުމެންގެ އެހެނިހެން އަޚުންނާއި އުޚުތުންގެ ހާލުދެނެގަތުމުގެ ތަމްރީން ލިބިގަތުމުގެ މޫސުމެކެވެ. ބަރަކާތްތެރި ރަމަޟާންމަހަކީ އަނެކުންގެ ހިތާމައާއި، ތުރާތަކުގައި ބައިވެރިވުމުގެ ފޯވައްސެކެވެ. އިންސާނާ ތިމާ އަމިއްލަޔަށް ބަނޑުހައިކަމުގެ އުނދަގޫ ބަރުދާސްތުކުރާނަމަ ބަނޑުހައިކަންމަތީގައި ތިބޭ އެހެނިހެން އިންސާނުންގެ މަތީން ހަނދާންވެއެވެ. އެފަދަމީހުން ތިބޭކަން އަޅުގަނޑުމެން ހަނދާންވާހިނދު އެފަދަމީހުންގެ ހައިހޫނުކަން ފިލުވައިދިނުމަކީ އަޅުގަނޑުމެންގެ ވާޖިބެކެވެ. ހަމައެފަދައިން މިބަރަކާތްތެރި މައްސަރު ނިންމައިލާއިރު އަޅުގަނޑުމެން ފިތުރު ޒަކާތުގެމަތިން ހަނދާންކުރާންޖެހެއެވެ. އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންގެ ތެރޭގައި ތިބި ފަޤީރުންނާއި މިސްކީނުން އަޅުގަނޑުމެންގެ އީދުގެ އުފަލުގައި ފުރިހަމަޔަށް ބައިވެރި ކުރުމަށްޓަކައެވެ. މިއީ އަޅުގަނޑުމެން މުޅި އަހަރުދުވަހުވެސް ތަކުރާރުކޮށް ފަށްފަށް ކުރާން ޖެހޭ ކަމެކެވެ. ހަމަ ކޮންމެދުވަހަކުވެސް ކުރާންޖެހޭ ހެޔޮކަމެކެވެ. ރަމަޟާންމަސް ނިންމާލާއިރު ޚާއްސަގޮތެއްގައި އެކަންކުރިކަމުގައި ވިޔަސްވެހެވެ.

ކޮންމެ މުސްލިމަކުވެސް ތިމާގެ މުސްލިމު އަޚާއަށް ބޭނުންހިފެވޭ މީހަކަށްވާންޖެހެއެވެ. އެހެނިހެން މުސްލިމުންގެ ހިތާމަޔާއި ހިތްދަތިކަމާއި ފިކުރުބޮޑުވުމަކީ ޚުދުތިމާގެވެސް މައްސަލަތަކެއް ކަމުގައި ޤަބޫލުކުރާންޖެހެއެ. އަޅުގަނޑުމެން ޤަބޫލުކުރާންވީ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންގެ މުޞީބަތާއި ތުރާތައް ފިލުވައިނުދެވޭހައި ހިނދަކު އަޅުގަނޑުމެންގެ އުފާތައް ފުރިހަމަ ނުވާކަމެވެ.

(ނުނިމޭ)

infinity loading...
×
DB released 01.