ނާސާގެ ''ހިތް'' އަތުލައި، ދިވެހި ޒުވާނުންތަކެއް މެލޭޝިއާގައި ފަޚުރުވެރި އެވޯޑެއް ހޯދައިފި!

ނާސާ"ސްޕޭސް އެޕްސް"ގެ ނަމުގައި ބޭއްވި ބައިނަލްއަގުވާމީ ހެކަތޯނެއްގައި، ބައިވެރިވެ ކާމިޔާބީ ހޯދި ދިވެހި ހަތަރު ދަރިވަރުން --

އެމެރިކާގެ ނޭޝަނަލް އެރޮނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ)އިން "ސްޕޭސް އެޕްސް"ގެ ނަމުގައި ބޭއްވި ބައިނަލްއަގުވާމީ ހެކަތޯނެއްގައި، މެލޭޝިއާގައި ތައުލީމު ހާސިލުކުރާ ދިވެހި ހަތަރު ދަރިވަރުން އުފެއްދި އެޕްލިކޭޝަނަކަށް ފަޚުރުވެރި އެވޯޑެއް ލިބިއްޖެއެވެ.

ނާސާއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކުވެސް ލޯކަލް ފެންވަރުގައި ހެކަތޯންތަކެއް ބާއްވައެވެ. މިއަހަރު ތަފާތު 200 ތަނެއްގައި ހެކަތޯން ބާއްވައި، އެންމެ މޮޅު 25 ސޮފްޓްވެއާއެއް ނުވަތަ އެޕްލިކޭޝަނެއް ބައިނަލްއަގުވާމީ ހެކަތޯނަށް ނޮމިނޭޓުކުރިއެވެ. އަދި ބައިނަލްއަގުވާމީ ފެންވަރަށް ނޮމިނޭޓުވި އެޕްލިކޭޝަންތަކުގެ ތެރެއިން، ފަސް ދާއިރާއަކުން އެންމެ މޮޅު އެޕްލިކޭޝަންތައް ހޮވާފައިވެއެވެ.

މިއަހަރު މެލޭޝިއާގެ ކުއަލަ ލަމްޕޫރުގައި ކުރިޔަށް ގެންދިޔަ "ސްޕޭސް އެޕްސް" ހެކަތޯނުގައި، އައިޓީ ދާއިރާގެ މާހިރުންވެސް ހިމެނޭ ގޮތަށް، 500 ޓީމެއް ބައިވެރިވި އިރު، މި ޓީމުތަކުގެ ތެރޭގައި ހަތަރު ދިވެހީންގެ މައްޗަށް އެކުލެވޭ ޓީމެއް ހިމެނެއެވެ.

މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންކަމަށްވާ މާދިން މަސީހުއާއި، އޭނާގެ ކޮއްކޮ މާއިޝްގެ އިތުރުން، އެ ދެބެންގެ ރަހުމަތްތެރިންކަމަށްވާ އަބްދުﷲ ނިޔާޒާއި އިބްރާހިމް ފާތިހު މި ހެކަތޯނުގައި ބައިވެރިވީ އޭގައި ހިމެނޭ "ލިވް ސްމާޓް" ޗެލެންޖުގައެވެ.

މާދިން "ސަން"އަށް ކިޔައިދިން ގޮތުގައި، އޭނާގެ ޓީމުން އުފެއްދީ "ގްރޯވަރ" (Grovr) ނަމަކަށް ކިޔާ އެޕްލިކޭޝަނެކެވެ. އޭނާ ކިޔައިދިން ގޮތުގައި، "ގްރޯވަރ"އަކީ އިމާރާތްތަކުގައި ގަސް އިންދުމަށް ބާރު އަޅައި، އަދި އެކަމަށް އެހީތަކެއް ފޯރުކޮށްދޭ ގޭމިފައިޑް ސޯޝަލް ޕްލެޓްފޯމެކެވެ.

ލޯކަލް ޑޭޓާ ލިބެން ހުރި ހާލަތެއްގައި އެ ޑޭޓާއަށް ރިއާޔަތްކޮށް، އެމީހަކު ހުރި ލޮކޭޝަނެއްގައި އިންދުމަށް އެންމެ އެކަށީގެންވާ ގަހުގެ ބާވަތްތައް "ގްރޯވަރ" އެޕުން ރިކޮމެންޑްކުރެއެވެ. އަދި ގަސް އިންދާނެ ގޮތުގެ ސްޓެޕް-ބައި-ސްޓެޕް މައުލޫމާތު ދިނުމާއި، ދުވަހުގެ މޫސުމީ ހާލަތްވެސް "ގްރޯވަރ"އިން މޮނީޓަރ ކުރެއެވެ.

ކޮންމެ ދުވަހަކުވެސް ގަހަށް ކޮށްދޭންޖެހޭ ކަންކަން ފުރިހަމަ ކުރުމުން، އެޕް ބޭނުންކުރާ ފަރާތަކަށް ޕޮއިންޓްތަކެއް ލިބެއެވެ. އެކަށީގެންވާ ވަރަށް ޕޮއިންޓް ލިބުމުން، "ގްރޯވަރ"އާ ގުޅިފައިވާ ކުންފުނިތަކުން ސީއެސްއާރުގެ ދަށުން އެފަރާތަކަށް ޑިސްކައުންޓާއި ވައުޗަރ ލިބެއެވެ.

ގްރޯވަރގައި ހިމެނޭ އެންމެ ޚާއްސަ އެއް ފީޗަރއަކީ، އޭގައިވާ އިންޓެރެކްޓިވް މެޕެވެ. އެޕްގެ ޔޫޒަރުންގެ ތެރެއިން އޭގެ ބޭނުންކޮށްގެން ތިމާވެއްޓަށާއި މުޖުތަމަޢަށް އެހީތެރިވެދޭ މިންވަރު އެ މެޕުގެ ޒަރިއްޔާޢިން ދައްކައެވެ.

"ކޮންޓްރިބިއުޓުކުރާ މިންވަރު އޭގެން ފެންނާނެ. އެކަން ފެންނަނީ ކެމިކަލްތަކާއި ކާބަންޑައިއޮކްސައިޑް ޖައްވުގެ ތެރެއިން ނެތިގެންދާ މިންވަރު. އެވަރޭޖް ކޮންޓްރިބިއުޝަންތައް ފެހި ކުލައިން ފެންނާނެ. ބޮޑަށް ނަމަ އެފަރާތެއް ޚާއްސަކޮށް ހައިލައިޓްވެގެން ދާނެ. ކުރަންޖެހޭ މިންވަރަށް ކޮންޓްރިބިއުޓު ނުކުރާނަމަ މެޕުން ފެންނާނީ ރަތް ކުލައިން. އެހެންކަމުން މީގެން މުޖުތަމައުގެ ޒިންމާވެސް ފެންނާނެ،" މާދިން "ސަން"އަށް ކިޔައިދިނެވެ.

ދިވެހި ޒުވާނުންގެ މި ޓީމުން އުފެއްދި އެޕްލިކޭޝަން ވަނީ ކުއަލަ ލަމްޕޫރުގައި ބޭއްވި ހެކަތޯނުން ދެވަނަ ހޯދައި ބައިނަލްއަގުވާމީ ފައިނަލަށް ކޮލިފައިފި 25 އެޕްލިކޭޝަނުގެ ތެރޭގައި ހިމެނިފައެވެ. އަދި "ސްޕޭސް އެޕްސް"ގެ އެންމެ އިންސްޕިރޭޝަނަލް އެވޯޑަށް "ގްރޯވަރ" އެޕްއާ އެކު ދުނިޔޭގެ ތަފާތު ހަތަރު ހިސާބަކުން އިތުރު ހަތަރު އެޕްއެއް ނޮމިނޭޓުވިއެވެ.

މީގެ ތެރެއިން، ނާސާގެ ހިތް އަތުލައިގަނެ، އެންމެ އިންސްޕިރޭޝަނަލް އެޕްގެ އެވޯޑު ލިބުނީ "ގްރޯވަރ"އާއި، އެ އުފެއްދި ހަތަރު ދިވެހި ޒުވާނުންނަށެވެ.

"އަޅުގަނޑު ދަންނަވާނީ ހުވަފެނެއް ހަގީގަތަކަށް ހަދަން ބޭނުން ނަމަ އެއަށް ގަދަ އަޅައި، ހިތުގެ އެންމެ ފުންމިނުން މަސައްކަތް ކުރާށޭ. ކާމިޔާބު ލިބޭނީ އެއަށް އެންމެ ބޭނުންވެފައި ތިބި ބަޔަކަށް،" ލިބުނު ފޮނި ކާމިޔާބީއާ ބެހޭގޮތުން މާދިން އޭނާގެ ފޭސްބުކްގައި ލިޔެފައިވެއެވެ.

އެވޯޑު ލިބުމާ އެކު އިނާމެއްގެ ގޮތުގައި، ނާސާއިން ވަނީ އަންނަ އޯގަސްޓް މަހުގެ ތިންވަނަ ދުވަހު ލޯންޗުކުރާ އެމެރިކާގެ 13 ވަނަ ޓްރެކިންގް އެންޑް ޑޭޓާ ރިލޭ ސެޓެލައިޓް (ޓީޑީއާރުއެސް-13)ގެ ލޯންޗިންގް ބަލާލުމަށް އެމެރިކާއަށް ދިއުމުގެ ދައުވަތު ދީފައެވެ.

comment ކޮމެންޓް