ރޮނާލްޑޯ އަނެއްކާވެސް "ރެކޯޑް ބްރޭކިން" ޓްރާންސްފަރއަކާ ދިމާއަށް!

ޕޯޗްގީޒްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އެޓީމުގެ ފަރިތަކުރުންތަކުގެ ތެރޭގައި -- ގެޓީ ފޮޓޯ: އޭއެފްޕީ

މީގެ އަށް އަހަރު ކުރީން ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ރެއާލް މެޑްރިޑަށް ބަދަލުވި ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަނެއްކާވެސް އެފަދަ ޓްރާންސްފަރ އަކާ ދިމާއަށް މިސްރާބު ޖަހައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން، ޓެކްސް މައްސަލަގައި ސްޕެއިން މަތިން ފޫހިވެ، ފަސް އެނބުރި ރެއާލާ ދިމާއަށް ބަލައިވެސް ނުލާނޭކަމަށް ރޮނާލްޑޯ މިހާރު ބުނެފައިވާއިރު، އޭނާގެ އޭޖެންޓުން ދަނީ އޭނާ އެހެން ކްލަބަކަށް ޓްރާންސްފަރ ކުރުމަށް ސިއްރު މަޝްވަރާތަކެއް ކުރަމުންނެވެ.

މެންޗެސްޓާރ ޔުނައިޓެޑުން 2009 ވަނަ އަހަރު 90 މިލިއަން ޔޫރޯގެ ރެކޯޑް އަގަކަށް ރެއާލަށް ބަދަލުވި ރޮނާލްޑޯގެ މައްޗަށް ސްޕެއިންގެ ޓެކްސް އޮތޯރިޓީން އުފުލާފައިވާ 14.7 މިލިއަން ޔޫރޯގެ ޓެކުހަަށް މަކަރު ހެދުމުގެ މައްސަލައާ ގުޅޭގޮތުން، ހަތަރު ފަހަރު ބެލަންޑޯ އެވޯޑް ހާސިލްކޮށްފައިވާ ހުނަރުވެރި ފޯވާޑް ވަނީީ، އެފަދަ އެއްވެސް ކަމެއް އޭނާ ކޮށްފައި ނުވާނޭކަމަށް ތަކުރާރުކޮށް ބުނެފައެވެ.

ފީފާ ކޮންފެޑެރޭޝަންސް ކަޕްގައި ވާދަކުރުމަށް، ޕޯޗުގީޒް ގައުމީ ޓީމާއެކު މިވަގުތު ރަޝިއާގައި ހުރި ތަޖްރިބާކާރު ފޯވާޑު ވަނީ، ސްޕެއިންގައި އޭނާއާ މެދު މިހާރު ކަންކަން ދާގޮތުން ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ހުރިކަމަށް ބުނެ އެ ވާހަކަތައް އެޓީމުގެ ބައެއް ކުޅުންތެރީންނާ ހިއްސާކޮށްފައެވެ. އެގޮތުން، މިހާރު އޭނާގެ ވިސްނުން ހުރީ ސްޕެއިން ދޫކޮށް އެހެން ދިމާއަކަށް މިސްރާބު ޖެހުމަށް ކަމަށްބުނެ، ސްޕެއިނާއި ޕޯޗްގަލްގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

"އަހަރެން މެޑްރިޑް ދޫކޮށް ދަނީ، މިހާރު އެގޮތަށް އަހަރެން ނިންމައިފި. ދެން ފަސްއެނބުރި ބެލުމެއް ނޯންނާނެ،" ރޮނާލްޑޯއާ ހަވާލާދީ ރިޕޯޓުތައް ބުނެފައިވެއެވެ.

ރޮނާލްޑޯގެ މި ނިންމުމާއެކު ރެއާލުން ވަނީ، އޭނާގެ ކޮންޓްރެކްޓް ބާތިލްކުރެވޭނެ އަގު ހާމަކޮށްފައެވެ. އެގޮތުން 2021 ވަނަ އަހަރުގެ ކުރީން އެހެން ކްލަބަކުން ރޮނާލްޑޯ ގެންދާނަމަ، ޓްރާންސްފަރ ފީގެ ގޮތުގައި ރެއާލަށް 1 ބިލިއަން ޔޫރޯ ދޭންޖެހޭނެއެވެ.

އޭނާއަށް ފާރަލަމުން ދިޔަ ވިލާތުގެ ބޮޑެތި ބައެއް ކްލަބުތަކުން ވަނީ، ބޮޑެތި ހުށަހެޅުންތަކާއެކު އޭނާ ގެނައުމުގެ މަސައްކަތް ފަށައިފައެވެ. އެގޮތުން މެންޗެސްޓާ ޔުނައިޓެޑާއި، ފްރާންސްގެ ޕީއެސްޖީ، އަދި ޗައިނާގެ މުއްސަނދި ކްލަބަކުން މި ރޭހުގައި ވަރަށް ބޮޑަށް ވާދަކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ރެކޯޑާއެކު 2009 ވަނަ އަހަރު ރެއާލަށް ރޮނާލްޑޯ ބަދަލުވިފަހުން އެ ރެކޯޑު މުގުރާލާފައި ވަނީ، ޓޮޓެންހަމް އިން ރެއާލަށް ބަދަލުވި ވޭލްސް ތަރި ގެރެތު ބޭލްއެވެ. އޭގެ ފަހުން ޕައުލް ޕޮގްބާ ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެ ދުނިޔޭގެ ޓްރާންސްފަރ ރެކޯޑް މުގުރާލައިފައެވެ.

comment ކޮމެންޓް