ޖަޕާނުން ރާއްޖެއަށް 71 މިލިއަން ރުފިޔާގެ ތަކެތި ހަދިޔާކޮށްފި

ޖަޕާނުން ހަދިޔާކުރި ތަކެތި -- ފޮޓޯ: އެމްއެންޑީއެފް

ކާރިސާގެ ހާލަތުގައި ބޭނުން ކުރުމަށް، ރާާއްޖޭގައި ހުންނަ ޖަޕާނު ސަރުކާރުގެ އެމްބަސީން އެމްއެމްޑީއެފަށް 70.8 މިލިއަން ރުފިޔާގެ ތަކެތި ހަދިޔާކޮށްފިއެވެ.

ކަޅުތުއްކަލާ ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެތަކެއްޗާ ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ތަސްނީމެވެ. އެތަކެތި ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަޒުމީ އެންޑޯ އެވެ.

ޖަޕާނުގެ ހިލޭ އެހީގެ ގޮތުގައި ހަދިޔާކުރި 500 މިލިއަން ޔެން (70.8 މިލިއަން ރުފިޔާ) ގެ އަގުހުރި ތަކެތީގެ ތެރޭގައި 70 ފަޔާ ޕަމްޕާއި ހަތަރު އިންޖީނު ފޯކްލިފްޓާއި އަށް ވޯޓާ ޓްރަކް އަދި ހަތަރު ކްރޭން ޓްރަކް ހިމެނެއެވެ. އަދި ހަ ލައިފް ބޯޓާއި 10 ޖަނެރޭޓަރާއި 15 ޗެއިން ސޯވެސް އެގައުމުން ރާއްޖެއަށް ހަދިޔާކޮށްފައިވެއެވެ.

އެތަކެތި ބޭނުން ކުރުމަށް ހަމަޖައްސާފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައެވެ.

ޖަޕާނުން މިފަދަ އެހީތެރިކަމެއް ރާއްޖެއަށް ފޯރުކޮށްދީފައިވާއިރު މީގެ ދެ ހަފްތާ ކުރިން އެގައުމުން ވަނީ ވިލިމާލޭގައި ހުންނަ ފަޔާ އެންޑް ރެސްކިއު ޓްރޭނިން ސްކޫލަށް އެގައުމުގެ ދެ އިންޖިނޭރުން ޑިސްޕެޗްކޮށްފައެވެ.

comment ކޮމެންޓް