މުޅި އޭޝިއާގެ އެއްވަނަ ރެސްޓޯރެންޓް ޓޯކިޔޯގައި

ޖަޕާނުގެ ޓޯކިޔޯގައި ހުރި އެއްވަނައިގެ ރެސްޓޯރެންޓް ސެޒޭންގެ އެތެރޭގެ މަންޒަރެއް ---

މުޅި އޭޝިއާ ސަރަހައްދުގައި ހިމެނޭ އެންމެ މޮޅު ރެސްޓޯރެންޓުގެ މަގާމު، ޖަޕާނުގެ ޓޯކިޔޯގައި ހުންނަ ފްރެންޗް ރެސްޓޯރެންޓަކަށް ލިބިއްޖެއެވެ.

ގްލޯބަލް ޑައިނިން އެކްސެލެންސް ގައި ހޮވާ އޭޝިއާގެ އެންމެ ވަރުގަދަ ރެސްޓޯރެންޓްތަކުގެ ލިސްޓަކީ ކޮންމެ އަހަރެއްގައި ވެސް އިންޑަސްޓްރީގެ އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ ލިސްޓެވެ. މިފަހަރު ލިސްޓުގެ އެއްވަނައިގައި ހިމެނެނީ ޓޯކިޔޯގައި ހުރި ފްރެންޗް ކުއިޒީން ރެސްޓޯރެންޓް ކަމަށްވާ ސެޒޭން އެވެ.

މި ރެސްޓޯރެންޓަށް އެއްވަނަ ލިބުނު އިރު ރެސްޓޯރެންޓުގެ ޝެފަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އިނގިރޭސިވިލާތަށް ނިސްބަތް ޑޭނިއަލް ކަލްވާޓްގެ ހުނަރުގެ ސަބަބުން އޭނާ އާއި ރެސްޓޯރެންޓަށް މިވަރު ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ރިވިއު ކުރާ ފަރާތްތަކުން ބުނެއެވެ.

ސެޒޭންގައި އުފައްދާ ފްރެންޗް ކުއިޒީން އަކީ ޑޭނިއަލް އަށް ޖަޕާނުން ލިބޭ ތަކެތި ބޭނުން ކޮށްގެން އުފައްދާ ތަކެއްޗެވެ. މިއީ ފްރެންޗް ކާއެއްޗެއްސަށް އިތުރު މީރު ކަމެއް ގެނެސްދޭ ގޮތެއް ކަމުގައި އެތައް ބަޔަކު ބުނެއެވެ.

ސެޒޭން އަކީ މަޝްހޫރު ހޮޓެލް ފްރެންޗައިޒް ކަމަށްވާ ފޯ ސީޒަންސްގެ ޓޯކިޔޯ އައުޓްލެޓެއްގައި ހިމެނޭ ތިން މިޝެލިން ތަރީގެ ރެސްޓޯރެންޓެކެވެ. މި ރެސްޓޯރެންޓް އަކީ ރިޒަވޭޝަން ކުރީން ބައިން ހަދައިގެން ދެވޭ ރެސްޓޯރެންޓަކަށް ވާއިރު ބައެއް ފަހަރު އެތައް މަހެއް ކުރީން މިތަނަށް ރެޒަވޭޝަން ހައްދަން ޖެހެއެވެ.

މި ރެސްޓޯރެންޓުގެ ބައެއް ކެއުންތަކުގެ އަގު ފެށެނީ 140 ޑޮލަރުންނެވެ. އަދި ބައެއް ގަޑިތަކުގެ ކެއުން މީހަކަށް 300 ޑޮލަރުން މަތިވެއެވެ.

އޭޝިއާގެ އެންމެ މޮޅު ރެސްޓޯރެންޓުގެ ލިސްޓުގެ ދެވަނައިގައި ވެސް ހިމެނެނީ ޓޯކިޔޯގައި ހުންނަ ރެސްޓޯރެންޓެއް ކަމަށްވާ "ފްރޮލިއޭޖް" އެވެ. ލިސްޓުގެ ތިންވަނައިގައި ތައިލެންޑުގެ ބެންކޮކުގައި ހުންނަ "ގަގަން އާނަންދު" ހިމެނޭއިރު ހަތަރުވަނައިގައި ހިމެނެނީގައި ހޮން ކޮންގްގެ "ދަ ޗެއާމަން" އެވެ. މުޅި ލިސްޓުގެ ފަސްވަނައިގައި ހިމެނެނީ ހޮން ކޮންގްގެ "ދަ ވިންގް" އެވެ.

comment ކޮމެންޓް