ކޮލޮމްބޯ ބަނދަރު ތަރައްގީކުރަން ލަންކާ އިން ބޭނުން ވަނީ އިންޑިއާގެ ބައިވެރިވުމާ އެކު

ކޮލޮމްބޯ ބަނދަރުގެ ދެކުނު ޓާމިނަލް --- ފޮޓޯ/ ނާޒްލީ އަހްމަދު

ސްރީލަންކާގެ ކޮލޮމްބޯގެ ބައިނަލްއަގުވާމީ ބަނދަރު ބޮޑުކޮށް، ތަރައްގީކުރުމަށް ހިންގާ މަސައްކަތުގައި ބައިވެރިވުމަށް އިންޑިއާ އިން ޝައުގުވެރިވާ ކަމަށް ސްރީލަންކާ އިން ބުނެފި އެވެ.

ކޮލޮމްބޯ ބަނދަރު ބޮޑުކުރުމަށް ޗައިނާގެ ޗައިނާ މާޗަންޓްސް ހޯލްޑިންގްސް ކިޔާ ކުންފުންޏަކުން ދަނީ، އެ ބަނދަރުގެ ދެކުނު ފަރާތުގައި އާ ޓާމިނަލެއްގެ މަސައްކަތް ކުރަމުންނެވެ. ޗައިނާ ކުންފުނިން އެ ބަނދަރު ހިންގަމުން އަންނަނީ 35 އަހަރު ދުވަހުގެ ދިގު މުއްދަތަކަށެވެ.

ކޮލޮމްބޯ ބަނދަރުގެ އިރުމަތީ ކޮންޓެއިނާ ޓާމިނަލް އެޅުމަށްވެސް ޗައިނާއިން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، ލަންކާ ސަރުކާރުން ޗައިނާއަށް އެ ފުރުސަތެއް ނުދެ އެވެ.

ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް މިފަހުން ކުރެއްވި ދަތުރުފުޅެއްގައި، ލަންކާގެ ފޮރިން މިނިސްޓަރު ރަވީ ކަރުނާނާޔަކަ ވިދާޅުވީ، އިރުމަތި ފަޅީގެ ކޮންޓެއިނަރު ޓާމިނަލަކީ ބޭނުންކުރެވޭ، ފީސިބަލް ތަނަކަށް ހެދުމަށް ލަންކާ އިން ބޭނުންވާ ކަމަށެވެ. ރަވީ ވިދާޅުވީ، އީސްޓަން ކޮންޓެއިނާ ޓާމިނަލް (އީސީޓީ) ހެދުމުން އެތަނުގެ ބޭނުން އެންމެ ގިނައިން ކުރާނީ އިންޑިއާކަން ޔަގީންކުރައްވާ ކަމަށެވެ.

ލަންކާއިން ބޭނުންވަނީ ކޮލޮމްބޯ ބަނދަރުގެ އީސީޓީ ގާއިމުކުރުމަށް ބޭރު ގައުމަކުން، ލަންކާގެ ޕޯޓްސް އޮތޯރިޓީއާ ގުޅިގެން މަސައްކަތް ކުރުމަށެވެ.

އިންޑިއާ އިން ވަނީ ކޮލޮމްބޯ ބަނދަރާއި، އެ ބަނދަރުގެ އިރުމަތީ ޓާމިނަލަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ލަންކާ ސަރުކާރުން މިހާރު ކަނޑައަޅާފައި ވަނީ، މި މަޝްރޫއު ލިބޭ ފަރާތަކުން ބަނދަރު ހިންގުމުގެ މަސްއޫލިއްޔަތު ވެސް ދިނުމަށެވެ. އެނގިފައިވާ ގޮތުގައި ކޮލޮމްބޯ ބަނދަރުގެ ބޮޑު ހިއްސާއެއް ގަތުމަށް އިންޑިއާ އިން ޝައުގުވެރި ވެސްވެ އެވެ.

އިންޑިއާ ކަނޑުގައި ޗައިނާގެ ނުފޫޒު ގަދަވަމުންދާ އިރު، އިންޑިއާ އިން ބޭނުން ވަނީ މީގެ ކުރިން ވެސް އޮތް ގޮތަށް އިންޑިއާގެ ނުފޫޒު ދެމެހެއްޓުމަށެވެ. ސްރީލަންކާ އިން އެދެނީ ޗައިނާ އާއި އިންޑިއާއާ ދެމެދު ވަކި ކޮޅެއް ނުނަގައި، ހަމަހަމަ އުސޫލުން ދެގައުމާ ވެސް ގުޅުން ބޭއްވުމަށެވެ. އެހެންކަމުން ޗައިނާ އިން ކޮލޮމްބޯ ބަނދަރުގެ ބައެއް ހިންގާ އިރު، އިންޑިއާއަށް ވެސް ހިއްސާއެއް ދޭނެ ކަމަށް ބެލެވެ އެވެ.

ލަންކާގެ ދެކުނުގައި އޮންނަ ހަމްބަންތޮޓަ ބަނދަރު ހިންގުމަށް ޗައިނާގެ ކުންފުންޏަކަށް، ސްޕެޝަލް އިކޮނޮމިކް ޒޯނަކާ އެކު ބޮޑު ސަރަހައްދެއް ދީފައިވާ އިރު، އެގައުމުގެ އިރުމަތީގައި އޮންނަ ޓްރިންކޮމަލީ ބަނދަރު ހިންގުމަށް އިންޑިއާ އިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

comment ކޮމެންޓް