900 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދިއިރު ސަންކެން ޖެންގެ އެންމެ ބޮޑު އެއް މާކެޓަކީ ރާއްޖެ

ސަންކެން ޖެންގެ އިސްވެރިން---

އަވައްޓެރި ސްރީލަންކާގެ ބޮޑު ވިޔަފާރިއެއް ކަމަށްވާ، ސަންކެން ޖެން އިން ބޭރު ގައުމުތަކުގައި ހިންގާ މަޝްރޫއުތަކުން އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެއް މާކެޓަކަށް ދިވެހިރާއްޖެ ވެއްޖެއެވެ.

ލަންކާގެ ޑެއިލީ މިރާއިން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި، ފާއިތުވި ފަސް އަހަރުގެ ތެރޭގައި ހަތް ގައުމެއްގައި ހިންގި މަޝްރޫއުތަކުން އެ ކުންފުނިން ވަނީ 900 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ.

ކުރިން ސަންކެން އޯވަސީސްގެ ނަމުގައި ހިންގި މި ކުންފުނިން ވަނީ 10 ސިޓީއެއްގައި 36 މަޝްރޫއު ނިންމާފައެވެ. ޑެއިލީ މިރާ އިން ބުނި ގޮތުގައި، ސީޝެލްސް، އިންޑިއާ، ބަންގްލަދޭޝް، ކެންޔާ އަދި މިޔަންމާއަށް ވުރެ ކުރީގައި އޮތީ ރާއްޖެއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެ ކުންފުނިން ވަނީ ބޮޑެތި މަޝްރޫއުތަކެއް ހިންގާފައެވެ. އޭގެ ތެރޭގައި ދަ ރިޓްޒް-ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް ތަރައްގީކުރުން ހިމެނެއެވެ.

ދަ ރިޓްޒް-ކާލްޓަން މޯލްޑިވްސް-- ފޮޓޯ: މޭކް މައި ޓްރިޕް

މީގެ އިތުރުން، ރިސޯޓުތައް މަރާމާތުކުރުމާއި ބޮޑުކުރުމުގެ މަސައްކަތްތައް ވެސް ސަންކެން ޖެން އިން ދަނީ ކުރަމުންނެވެ. އެ ކުންފުނީގެ ޕްރޮޖެކްޓް ލިސްޓާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ފަހުގެ މަޝްރޫއުތަކުގެ ތެރޭގައި ވަން އެންޑް އޮންލީ ރީތި ރަށް އަދި ޑަބްލިއު މޯލްޑިވްސް މަރާމާތުކުރުމުގެ އިތުރުން، ރޮބިންސަން ކްލަބް މޯލްޑިވްސްގައި މޫދު ކޮޓަރިތަކެއް އިތުރުކުރުން ހިމެނެއެވެ.

ސަންކެން ޖެން އިން މިހާރު ތައްޔާރުވަމުން ދަނީ ސައޫދީ އަރަބިއްޔާ، އޮސްޓްރޭލިއާ އަދި ފިޖީއަށް އެ ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށެވެ. އެ ގައުމުތަކުގައި މިހާރު ވެސް ކުންފުނީގެ އޮފީސްތައް ގާއިމުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު މޭވަން ގުނަތިލަކަ ވިދާޅުވި ގޮތުގައި، އާ މާކެޓުތަކުގައި މަޝްރޫއުތައް ހިންގުމާ ގުޅޭގޮތުން މަޝްވަރާކުރަމުންދާއިރު، ވަރަށް އަވަހަށް ބައެއް މަސައްކަތްތައް ފެށޭނެއެވެ. ކުންފުންޏަށް 50 އަހަރު ފުރުމާ ގުޅިގެން، އިމާރާތްކުރުމުގެ ދާއިރާގެ އިތުރުން އެހެން ދާއިރާތަކަށް ވެސް ދަނީ ފުޅާކުރަމުންނެވެ.

ޑެއިލީ މިރާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ފެންވަރުގެ މަތީ ގިންތީގެ ރިސޯޓުތައް ސްރީލަންކާގެ އެއްލާ އަދި ދެކުނުގެ ސަރަހައްދުތަކުގައި ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، އެފްރިކާ އަދި ޕެސިފިކް ސަރަހައްދުގައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ހިންގުމަށް ރާވާފައިވާއިރު، މިދިޔަ އަހަރު ސީއެލް ސިނާޖީގައި އިންވެސްޓުކޮށް ލޮޖިސްޓިކްސް ދާއިރާއަށް ވެސް ވަނީ ވަދެފައެވެ.

ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ދުލީޝާ ވިޖޭސިރި ވިދާޅުވި ގޮތުގައި، ބޭރު ގައުމުތަކުގައި ހިންގާ މަޝްރޫއުތަކުގައި 300 އަށް ވުރެ ގިނަ މުވައްޒަފުންނާއި 11،000 އަށް ވުރެ ގިނަ މަސައްކަތްތެރިން ހަރަކާތްތެރިވެއެވެ. މީގެ ތެރޭގައި ގިނައީ ސްރީލަންކާގެ މީހުންނެވެ.

ސަންކެން ޖެން އިން ބުނި ގޮތުގައި، ބޭރު ގައުމުތަކުން ލިބޭ އާމްދަނީގެ އެއްބައި ސްރީލަންކާއަށް ފޮނުވައި، އެ ގައުމުގެ އިގުތިސާދަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބޮޑެތި ރިސޯޓުތައް ތަރައްގީކުރުމާއި މަރާމާތުކުރުމަށް ބަރޯސާވާއިރު، މިއީ ބައިނަލްއަގުވާމީ ކުންފުނިތަކަށް އޮތް ފުރުސަތެއް ކަމަށް ޑެއިލީ މިރާ އިން ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް