ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި

ވެމްކޯގެ މުވައްޒަފުންތަކެއް ކުނި އުކުމުގެ މަސައްކަތްތަކެއް ކުރަނީ: އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިއަދު ވަނީ ބޭފުޅަކު އައްޔަނުކޮށްފައި --- ސަން ފައިލް ފޮޓޯ

ކުނި މެނޭޖްކުރުމަށް ހާއްސަކޮށް އުފައްދާފައިވާ ކުންފުނި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި އެވެ.

އެ މަގާމަށް އައްޔަންކޮށްފައި ވަނީ ގދ. ތިނަދޫ / ހުވަދޫގެ ، މުހައްމަދު ޝިފާއު އެވެ.

ޝިފާއު ވެމްކޯގެ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަންކޮށްފައި ވާކަން އިއުލާނުކޮށްފައި ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ރައީސް މުހައްމަދު ނިޒާރު މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ޝިފާއު އެ މަގާމަށް އައްޔަންކޮށްފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ފުއާދު އެ މަގާމުން ވަކިކުރިތާ ދުވަސްކޮޅެއް ފަހުންނެވެ.

ވެމްކޯ އިން ވަނީ މިހާތަނަށް އެ ކުންފުނީގެ ގިނަ މަސައްކަތްތަކެއް ކާމިޔާބުކޮށްފައެވެ. އެގޮތުން މުޅި މާލެއިން ކުނި އުކައިދިނުމުގެ ހިދުމަތް ފަށާފައިވާ އިރު އައްޑޫ ސިޓީއާއި ފުވައްމުލަކުގައި ވެސް ވަނީ އެ މަސައްކަތް ފަށާފައެވެ.

comment ކޮމެންޓް