ތިލަފުށީގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފެސިލިޓީއިން ހިދުމަތްދޭނީ އެކުންފުނިން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް ކުނި ގިންތިކޮށް ވަކިކޮށްގެން އަންނަ ދޯނިފަހަރަށް އެކަނިކަމަށާއި، ކުނި ވަކިނުކޮށް އަންނަ އުޅަނދުތަކުގެ މައުލޫމާތު، ކަމާބެހޭ މުއައްސަސާތަކާ ހިއްސާކުރާނެކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ބުނެފިއެވެ.
ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަށް ކުނި ގެންދިއުމާއި ހިދުމަތް ދިނުމުގެ އުސޫލުގައި ކުނި ވަކިކުރުމަށް ކަނޑައަޅާފައިވީނަމަވެސް، ދޯނިފަހަރުގައި ގެންނަ ގިނަ ކުނި ވަކިނުކޮށް އެއްކޮށްފައި ހުންނަކަން ފާހަގަވަމުންދާ ކަމަށް ވެމްކޯގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ ސަބަބުން ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ މަސައްކަތަށް ބޮޑެތި ހުރަސްތަކަކާއި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށާއި ތިލަފުށި ފެސިލިޓީއަށް ގެންދާ ކުނި ގިންތިކޮށް ވަކި ކޮށްފައި ހުންނަންވާނީ ގަސްކުނި، ބަދިގެކުނި، ޕްލާސްޓިކް، ދަގަނޑު، ލަކުނޑި، ބިއްލޫރި އަދި އެހެނިހެން ބާވަތުގެ ކުނި ވަކިކޮށްގެން ކަމަށް އެ ކުންފުނިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން ކުނި ބަރުކުރުމުގައި ޖަމްބޯ ބޭގު ނުވަތަ ކާގޯ ނެޓު ބޭނުންކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް ވެމްކޯއިން އިލްތިމާސްކޮށްފައިވެއެވެ.
ވެމްކޯއިން އާންމުކޮށްފައިވާ އުޅަނދުފަހަރަށް ކުނި އެރުވުމުގެ އުސޫލު--މިގޮތަށް ކަންކުރުމުގެ ސަބަބުން ދޯނިން ކުނި ބޭލުމަށް ހޭދަވާ ވަގުތު ކުރުވެ، ހިދުމަތްދޭ ފަރާތާއި ހިދުމަތް ހޯދާ ފަރާތަށްވެސް އޭގެ ފަސޭހަވާނެ ކަމަށާއި މޫދަށް ކުނިއެޅުން ފަދަ ތިމާވެއްޓަށް ގެއްލުންވާ ކަންކަމުން ރައްކާތެރިވެވޭނެކަމަށް ވެމްކޯގެ ބަޔާނުގައި ބުނެފައިވެއެވެ.
ކުނި ގިންތިކުރުމުގެ އުސޫލާ ހިލާފަށް ތިލަފުށީ ސެންޓަރަށް ކުނި ގެންދާ ފަރާތްތަކަށް ހިދުމަތް ނުދެވޭނެކަން ވެމްކޯގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މިއީ ކަނޑައެޅިފައިވާ އުސޫލުތަކަށް އަހުލުވެރިކޮށް ބާރުއެޅުމަށް ކުރާ މަސައްކަތެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. މިގޮތަށް އަމަލުނުކުރާ އުޅަނދުފަހަރު ފޮނުވާލުމަށްފަހު، ހިދުމަތް ނުދިން ސަބަބު ބަޔާންކޮށް އުޅަނދުގެ މައުލޫމާތު ކަމާބެހޭ މުވައްސަސާތަކާ ހިއްސާކުރާނެކަން ވެމްކޯގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން ކަނޑައަޅާފައިވާ ޤަވާއިދާ އެއްގޮތަށް ވެމްކޯއިން ދޭ އިރުޝާދާ އެއްގޮތަށް، ޢަމަލުކުރަމުން ދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.