އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ގްރޫޕް ޑީގައި މިއަދު ބޫޓާނާ ދެކޮޅަށް އެގައުމުގައި ރާއްޖެ ކުޅުނު މެޗުން 2-0 ލަނޑުން ރާއްޖެ މޮޅުވެއްޖެއެވެ.
ބޫޓާންގެ ވެރިރަށް ތިމްޕޫގެ ޗަންގްލިމިތަންގ ނޭޝަނަލް ސްޓޭޑިއަމްގައި، އެޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ، ރާއްޖެއަށް ލިބުނު ޕެނަލްޓީއަކުން އަލީ ފާސިރު (ސެންޓޭ)އެވެ.
ބޫޓާން ޕެނަލްޓީއޭރިޔާ ތެރޭން ސެންޓޭ ބޯޅަ ކޮންޓްރޯލްކުރާން އުޅެނިކޮށް ބޫޓާން ޑިފެންޑަރަކު ކުރި ފައުލަކާ ގުޅިގެން 42 ވަނަ މިނިޓްގައި ލިބުނު އެ ޕެނަލްޓީ ސެންޓޭ ވަނީ ވަރަށް ރީތިކޮށް ގޯލް ތެރެއަށް ފޮނުވާލައިފައެވެ.
މެޗުގެ ދެވަނަ ހާފް އެއް ލަނޑުގެ ލީޑަކާއެކު ރާއްޖޭން ފެށި ނަމަވެސް ބޫޓާނުން ވަނީ ދެވަނަ ހާފްގައި ރާއްޖޭގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތްކޮށްފައެވެ. އެގޮތުން، ދެވަނަ ހާފް ފަށައިގެން ފުރަތަމަ މިިނިޓގައި އެޓީމުގެ ޗެންޗޯ ގައެލްޝަން ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުންވެސް ޗެންޗޯއާއި ޝެރީން ޑޯޖީގެ ކުޅުން ފާހަގަކޮށްލެވެއެވެ. މީގެ ކޮންމެ ހަމަލާއެއްގެ ވެސް ހުރަހަކަށްވީ ރާއްޖޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލް އެވެ. ފައިސަލް ވަނީ މިމެޗުގައި ރަނގަޅުކުޅުމެއް ދައްކައިފައެވެ.
ރާއްޖޭގެ ދެވަނަ ލަނޑު ފެނިގެން ދިޔައީ، މެޗުގެ 73 ވަނަ މިނިޓްގައެވެ. ފަހު ހާފުގައި ނާއިޒް ހަސަންގެ ބަދަލުގައި ކުޅެން ނުކުތް ހަމްޒާ މުހައްމަދު (ހަމްޕު) ވަރަށް ރީތިކޮށް ބޫޓާން ގޯލް އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ހަމަ އެހާ ރީތިކޮށް ގޯލްތެރެއަށް ފޮނުވާލީ އަހްމަދު އަބްދުﷲ (ލިލީީ)އެވެ.
ދެޓީމުގެ ފަރާތުންވެސް އަވަސް ރީތި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ރާއްޖެއަށް ވެސް އަދި ބޫޓާނަށްވެސް ލަނޑުޖަހާނޭ އެހާ ހުސް ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ.
އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ ދެން ބައްދަލުކުރާން ޖެހޭނީ އަންނަ ސެޕްޓެމްބަރު ފަސް ވަނަ ދުވަހު، އޮމާނުގައި އޮމާނާ ދެކޮޅަށެވެ. ބޫޓާން ވާދަކުރާނީ އެގައުމުގައި ފަލަސްތީނާ ދެކޮޅަށެވެ.
ގްރޫޕް ޑީގައި މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު، ފަލަސްތީން އޮމާން އަދި ރާއްޖެއަށް ވެސް މިވަނީ 3 ޕޮއިންޓް ލިބިފައެވެ.
މި ގްރޫޕްގައި މާދަމާ ކުޅޭނީ ފަލަސްތީނާ އޮމާންގެ މެޗެވެ. މި މެޗު ކުޅޭނީ ފަލަސްތީނުގައެވެ.