ރާއްޖޭގެ މަޝްހޫރު އިވެންޓް އޯގަނައިޒިން ކުންފުނި ހައިރައިޒުން އިންތިޒާމުކޮށްގެން އަންނަ މަހު ބާއްވާ ވެކޭޝަންސް އެކްސްޕޯގެ ދެވަނަ މައުރަޒުގެ ގޯލްޑް ޕާޓްނަރުކަން ޓޫރިޒަމް އޮތޯރިޓީ އޮފް ތައިލެންޑުން ނަގައިފިއެވެ.
ޓޫރިޒަމް އޮތޯރިޓީ އޮފް ތައިލެންޑުގެ މުމްބާއީގައި ހުންނަ އޮފީހުގެ އޮފިޝަލެއް ކަމަށްވާ މިނާލް ވިދާޅުވީ އެއީ ރާއްޖޭގައި ބާއްވާ ޓޫރިޒަމް އިވެންޓެއްގައި އެ އޮތޯރިޓީން ބައިވެރިވާ ފުރަތަމަ ފަހަރު ކަމަށެވެ.
ވެކޭޝަންސް އެކްސްޕޯގެ ދެވަނަ މައުރަޒު އަންނަ މަހުގެ ހަ ވަނަ ދުވަހުން އަށްވަނަ ދުވަހުގެ ނިޔަލަށް ނޭޝަނަލް އާޓް ގެލެރީގައި ބާއްވަން ހަމަޖައްސާފައިވާއިރު މިހާތަނަށް އެ މައުރަޒުގައި މަޝްހޫރު ބްރޭންޑުތަކުން ވަނީ ބައިވެރިވެފައެވެ.
ތައިލެންޑުގެ ޓޫރިޒަމް އޮތޯރިޓީން އެ މައުރަޒުގައި ބައިވެރިވާން ނިންމި އިރު ތައިލެންޑަކީ ޗުއްޓީއަށާއި ވިޔަފާރި އަދި ސިއްހީ ފަރުވާއަށް ދިވެހިން އެންމެ ގިނައިން ދާ އެއް ގައުމެވެ.
އެގޮތުން ރާއްޖެއާ އެގައުމާ ގުޅުވައިދިނުމުގެ ގޮތުން ގައުމީ އެއާލައިން މޯލްޑިވިއަނާއި ބެންކޮކް އެއާވޭސް އިން ކޮންމެ ދުވަހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ތައިލެންޑާ ދެމެދު ޑައިރެކްޓު ފްލައިޓުތައް ބާއްވައެވެ. މީގެ އިތުރުން އެއާ އޭޝިއާއިން ވެސް ވަނީ ދާދި ފަހުން ރާއްޖެއާއި ތައިލެންޑާ ދެމެދު ޝެޑިއުލްޑް ފްލައިޓުތަކެއް ބާއްވަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ.
މީގެ އިތުރުންވެސް ކޮލޮމްބޯ މަގުން ތައިލެންޑަށް ދަތުރުކުރާ ސްރީލަންކަން އެއާލައިނުގައިވެސް ތައިލެންޑަށް ދާ ދިވެހިންގެ އަދަދު މަދެއް ނޫނެވެ.
ވެކޭޝަންސް އެކްސްޕޯއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޓްރެވަލް އިންޑަސްޓްރީ ތަމްސީލު ކުރާ ފެއާ އެވެ. އެ ފެއާގެ މަގުސަދަކީ ރާއްޖޭގައި ދިރިއުޅޭ ދިވެހިންނާއި ބޭރު މީހުންނަށް ރާއްޖެއާއި ރާއްޖެ ކައިރި ގައުމުތަކުގައި ހުރި ހޮލިޑޭ އޮޕްޝަންސްތައް ތަމްސީލު ކުރުމެވެ. އަދި ރާއްޖޭގައި ހިންގާ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކާއި ގެސްޓްހައުސްތައް އަދި ރިސޯޓުތަކުގެ ޕްރޮޑަކްޓުތައް ދައްކާލުމަކީވެސް އެ މައުރަޒުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.