ހުކުމާ ޚިލާފަށް ސަންޖޭ ދަތު ޖަލުން މިނިވަން ކުރީ ކީއްވެތޯ ހައިކޯޓުން ސުވާލުކޮށްފި

ނަވާރަ ސަތޭކަ ނުވަދިހަ ތިން ވަނަ އަހަރު މުމްބާއީގައި ބޮން ގޮއްވި ހާދިސާއާ ގުޅިގެން ކުރި ތަހުގީގެއްގައި ހަތިޔާރު ގެންގުޅުނުކަން ސާބިތުވެ، ސަންޖޭގެ މައްޗަށް ކުރި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ފުރިހަމަ ނުވަނީސް އޭނާ ޖަލުން މިނިވަން ކުރީ ކީއްވެތޯ އިންޑިއާގެ ހައި ކޯޓުން ސުވާލު ކޮށްފި އެވެ.

މަހާރާޝްތުރަ ސަރުކާރުން ސަންޖޭ ދަތު ޖަލުން ދޫކޮށްލީ މިދިޔަ އަހަރުގެ ފެބްރުއަރީގަ އެވެ. އެއީ އޭނާ އަށް ކުރި ފަސް އަހަރުގެ ހުކުމުގެ އަށް މަސް ދުވަސް ފުރިހަމަ ނުކޮށެވެ.

މައްސަލަ ކޯޓަށް ވެއްދި ފަރާތާ ހަވާލާދީ ޚަބަރުތައް ބުނާގޮތުން، ޖަލުގައި ވެސް ސަންޖޭ އަށް ވަރަށް ބޮޑެތި ލުއިތަކެއް ވަނީ ދީފަ އެވެ.

އެހެން ކަމުން ބޮމްބޭ ހައި ކޯޓުން ވަނީ ހުކުމް ފުރިހަމަ ނުވަނީސް ސަންޖޭ ޖަލުން މިނިވަން ކުރީ ކީއްވެ ކަމާއި، ޖަލުގައި ސަންޖޭ އަށް ލުއިތައް ދެވިގެން ދިޔައީ ކޮން އުސޫލެއްގެ ދަށުން ކަން ކޯޓަށް ސާފުކޮށްދިނުމަށް އަންގައިފަ އެވެ.

ސަންޖޭ ދަތު ޖަލުން މިނިވަން ކުރީ، އޭނާގެ އުޅުމާއި އަޚްލާގަށް ބެލުމަށް ފަހު އޭނާ ދެވަނަ ފަހަރަށް އެފަދަ ކަމެއް ތަކުރާރު ނުކުރާނެ ކަމުގެ ޔަގީން ކަން ލިބުމުންނެވެ. އެހެން ނަމަވެސް އޭނާ ޖަލުގައި ހުރި ދުވަސްވަރު ވެސް، ޕޭރޯލްގެ ދަށުން ގިނަ ވަގުތު ޖަލުން ބޭރުގައި ހޭދަ ކޮށްފައިވާ އިރު، އުޅުން ރަނގަޅު ވެފައިވާ ކަމަށް ނިންމީ ކިހިނެތްތޯ ވެސް ހައި ކޯޓުން ވަނީ ސުވާލު އުފައްދައިފަ އެވެ.

އެ މައްސަލާގައި އިތުރު އަޑުއެހުމެއް ދެން ކުރިއަށް ގެންދާނީ ހަފްތާއެއް ފަހުންނެވެ.

ޖަލުން މިނިވަން ވުމަށް ފަހު ސަންޖޭ މިހާރު އަންނަނީ ފިލްމުތަކުގައި މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު ފިލްމު 'ބޫމީ'ގެ ޝޫޓިން ވަނީ ނިންމާލައިފަ އެވެ. އޭގެ އިތުރުން ސަންޖޭ މިހަރު ވަނީ އިތުރު ދެ ފިލްމަކަށް ވެސް ސޮއި ކޮށްފަ އެވެ. އެއީ 'ސާހެބް ބީވީ އޯރް ގޭންގްސްޓާ 3' އާއި 'މަލަންގް' އެވެ.

comment ކޮމެންޓް