މޯދީ އަށް ވެސް އަކްޝޭގެ 'ޓޮއިލެޓް' ކަމުގޮސްފި

އިންޑިއާގެ ފަގީރު ހިސާބުތަކުގައި ފާޚާނާތައް ހެދުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައި އުފައްދާ ފިލްމު 'ޓޮއިލެޓް: އެކް ޕްރޭމް ކަތާ'، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ވެސް ކަމުގޮސްފި އެވެ.

ިއެ ފިލްމުގެ ޓްރެއިލާ މިދިޔަ އާދީއްތަ ދުވަހު ރިލީޒް ކޮށްފައި ވާއިރު، އެއީ އިންޑިއާ ސާފު ތަނަކަށް ހެދުމަށް މޯދީ ފައްޓަވައިގެން ކުރިއަށް ގެންދަވާ 'ސްވަޗް ބާރަތު އަބިޔާން' އާ ގުޅޭ ފިލްމެކެވެ.

މޯދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެ ފިލްމަކީ ސާފުތާހިރުކަމުގެ މުހިންމުކަން ވިސްނައިދިނުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށެވެ. އަދި އިންޑިއާ އަކީ ސާފު ތަނަކަށް ހެދުމަށް 125 ކުރޯޑް އިންޑިއާ ރައްޔިތުންގެ އެކުގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް މޯދީ ވަނީ ވިދާޅުވެފަ އެވެ.

މޯދީގެ ޓުވީޓު އަށް ޖަވާބު ދެމުން އަކްޝޭ ބުނީ މީހުންގެ ވިސްނުން ބަދަލުކޮށް، ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގައި އެހީތެރިކަމެއް ފޯރުކޮށްދެވުނު ކަމަށް އުންމީދު ކުރާ ކަމަށެވެ.

ޝްރީ ނާރާޔަން ސިންގް ޑައިރެކްޓު ކޮށް، އަކްޝޭ ކުމާރު އަދި ބޫމީ ޕެދްނޭކަރު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ ރިލީޒް ކުރާނީ އޯގަސްޓު 11 ވަނަ ދުވަހު އެވެ.

މިހާތަނަށް 20 މިލިއަނަށް ވުރެ ގިނަ މީހުން އެ ފިލްމުގެ ޓްރެއިލާ ބަލާފައިވެ އެވެ.

comment ކޮމެންޓް