ރާޅާއެޅުންތެރިން ގޮވައިގެން އެމްޓީސީސީގެ ފުރަތަމަ ފެރީ ތަނބުރުދުއަށް

ރާޅާ އެޅުންތެރިން ތަނބުރުދޫއަށް ދިޔުމަށް ހަމަޖެއްސި ފެރީ--ފޮޓޯ/އެމްބީބީއޭ

ރާޅާއެޅުމަށް މިހާރު ބޭނުންކުރެވެމުންދާ ކ. ތަނބުރުދުއަށް، މާލޭގައި ދިރިއުޅޭ ރާޅާއެޅުންތެރީން ގޮވައިގެން ދަތުރުކުރުމަށް ސަރުކާރުން ހަމަޖެއްސި އެމްޓީސީސީ ފެރީގެ ފުރަތަމަ ދަތުރު މިއަދު ތަނބުރުދުއަށް ބާއްވައިފިއެވެ.

ސަރުކާރުން ހަމަޖެއްސި އުސޫލުގެ ދަށުން އެމްޓީސީސީ މެދުވެރިކޮށް ތަނބުރުދުއަށް ފެރީ ދަތުރުތައް ފެށިފެން ދިޔައިރު، އޭގެ ފުރަތަމަ ފެރީ ފުރާފައިވަނީ މިއަދު މެންދުރު ފަހު 14:00ގައި ޖެޓީ ނަންބަރު 6 އަކުންނެވެ.

އެމްޓީސީސީގެ ފެރީއެއްގައި ތަނބުރުދުއަށް ރާޅާއަޅަން ޒުވާނުންނަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީއާ އެމްޓީސީސީ އަދި އެމްބީބީއޭއިންވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެ ރަސްމިއްޔާތުގައި މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އެ އެއްބަސްވުމާއެކު ހަފްތާގެ ކޮންމެ ދުވަހަކު ވެސް ވަކި ވަގުތުތަކެއްގައި ރާޅާއެޅުމަށް ތަނބުރުދުއަށް ދެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށެވެ.

ތަނބުރުދުއަށް ރާޅާއެޅުމަށް، ރަސްމީ ދުވަސްތަކާއި ބަންދު ދުވަސްތަކުގައި ދަތުރުކުރަނީ ވަކި ގަޑިތަކެއްގައެވެ. ބަންދު ދުވަސްތަކުގައި ހެނދުނު 6 ޖަހާއިރު މާލެއިން ތަނބުރުދުއަށް ފުރުމަށް ތާވަލުކޮށްފައިވާއިރު، އެނބުރި މާލެ އައުމަށް ތާވަލުކޮށްފައިވަނީ އިރުއޮއްސި 6 ޖަހާއިރެވެ. ރަސްމީ ދުވަސްތަކުގައި 1 ޖަހާއިރު މާލެއިން ތަނބުރުދުއަށް ފުރުމަށް ތާވަލުކޮށްފައިވާއިރު، އެނބުރި މާލެ އައުމަށް ތާވަލުކޮށްފައިވަނީ އިރުއޮއްސި 6 ޖަހާއިރެވެ. ކޮންމެ ދުވަހަކު ވެސް މާލެއިން ފުރުމަށް ހަމަޖެހިފައިވަނީ ހަ ނަންބަރު ޖެޓީއިންނެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޒިޔަތު ވިދާޅުވީ، ރާޅާއަޅާ ޒުވާނުން ތަނބުރުދުއަށް ގެންދިއުމުގެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި އެމްބީބީއޭއާ މަޝްވަރާކުރާތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި އެ އެއްބަސްވުމަކީ ހަ މަސް ދުވަހުގެ އެއްބަސްވުމެއް ކަމަށްވިޔަސް ފަހުން މުއްދަތު އިތުރުކުރެވޭނެ ކަމަށެވެ. އަދި އެއްބަސްވުމުގައި 50 މީހުންގެ ޖާގަ ކަމުގައި ބަޔާން ކޮށްފައި އޮތަސް، ދަތުރުކުރުމަށް ބޭނުންކުރެވޭނީ 81 މީހުންގެ ޖާގައިގެ ފެރީއެއް ކަމުން 50 މީހުންނަށްވުރެ އިތުރަށް ވެސް ދަތުރުގައި ބައިވެރިވެވޭނެ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް