ޕީކް ސީޒަނާ ދިމާކޮށް ފަތުރުވެރިން އަންނަ އަދަދު އިތުރުވަނީ؛ މަހުގެ ފުރަތަމަ 9 ދުވަހު 53،683 ފަތުރުވެރިން!

ފަތުރުވެރިން ރާއްޖެ އައުން: -- ފޮޓޯ/ ވެލާނާ އެއާޕޯޓް

ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ މި މަހުގެ ފުރަތަމަ ނުވަ ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 53،683 އަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީއިން އާންމުކޮށްފައިވާ ޑެއިލީ އެރައިވަލް އަޕްޑޭޓް ރިޕޯޓުން ދައްކާގޮތުން މިމަހުގެ މިހާތަނަށް ރާއްޖެއަށް 53،683 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މި މަހުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ މި މަހުގެ ހަތެއްވީ ނިމުނު އާދިއްތަ ދުވަހުގައެވެ. އެ ދުވަހު ރާއްޖެއަށް 7،061 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މި މަހުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް ބަލާއިރު، ޑެއިލީ އެރައިވަލްސް އެވްރެޖުކޮށް އުޅެނީ 5،000 އާއި 6،000 ދެމެދުގެ އަދަދެއްގައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް އަންނަ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަނީ ރިސޯޓުތަކަށެވެ. އަދި އެއަށްފަހު ގެސްޓުހައުސްތަކާއި ހޮޓެލްތަކަށެވެ. މީގެ އިތުރުން ކްރޫޒްލައިނާތަކުގައި މަދުން ނަމަވެސް ފަތުރުވެރިން ޒިޔާރަތްކުރެއެވެ.

ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓުތަކަށް ބަލާއިރު، ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ޗައިނާއެވެ. އަދި ދެވަނައަށް ރަޝިއާ އުޅޭއިރު ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ ޔޫކޭއިންނެވެ. މީގެ އިތުރުން ލިސްޓުގެ ހަތަރުވަނައިގައި ޖަރުމަނު އުޅޭއިރު، ފަސްވަނައިގައި އޮތީ އިޓަލީއެވެ. މީގެ ކުރިން ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ އިންޑިއާ އަދިވެސް އޮތީ ލިސްޓުގެ ހަ ވަނައިގައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، ނިމުނު އޮކްޓޯބަރު މަސް ނިމުނުއިރު ރާއްޖެއަށް އެންމެ ގިނައިން އައިސްފައިވަނީ 25 އަހަރާއި 34 އަހަރާ ދެމެދުގެ ފަތުރުވެރިންނެވެ. އަދި އޮކްޓޯބަރު މަސް ނިމުނުއިރު، 65 އަހަރުން މަތި ނޫން ހުރިހާ އުމުރުފުރައަކުން ވެސް އެންމެ ގިނައިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ އަންހެން ފަތުރުވެރިންނެވެ.

comment ކޮމެންޓް