ޔޫއޭއީގެ ރައްޔިތުން ގަތަރާ މެދު ހަމްދަރުދީ ފާޅު ކުރުން މަނާކޮށްފި

ގަތަރުގައި ހުންނަ ގަތަރު އެއާވޭސްގެ އޮފީސް، ގަތަރު އެއާވޭސް އިން ބައެއް ގައުމުތަކަށް ކުރާ ދަތުރުތައް ވަނީ ހުއްޓާލާފަ -- ފޮޓޯ: އީޕީއޭ

އަބޫ ދާބީ (ޖޫން 7): ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައްޔިތުން ގަތަރާ މެދު ހަމްދަރުދީ ފާޅުކުރުން މަނާކޮށް، އެފަދަ ޝުއޫރު ފާޅު ކުރާ މީހުން ޖަލަށް ލާނެ ކަމުގެ އިންޒާރު އެގައުމުން ދީފި ކަމަށް ޔޫއޭއީގެ ގަލްފް ނޫހާއި އަލް އަރަބިއްޔާ އިން ބުނެފި އެވެ.

ޔޫއޭއީގެ އެޓާނީ ޖެނެރަލް ހަމަދް ސައިފް އަލް ޝަމްސީ މިއަދު ނެރުއްވި ބަޔާނެއްގައިވާ ގޮތުން 'ސޯޝަލް މީޑިއާ މެދުވެރިކޮށް، ނުވަތަ އެއްވެސް ގޮތަކަށް ލިޔެގެން ނުވަތަ އަނގަބަހުން ގަތަރާ މެދު ހަމްދަރުދީ ފާޅުކޮށް ނުވަތަ ގަތަރާ އެއްބައިވާކަމުގެ ޝުއޫރު ފާޅު ކުރުމަކީ' ގާނޫނީ ގޮތުން އަދަބު ދެވޭނެ ސައިބާކްރައިމްއެކެވެ.

އަދި ޔޫއޭއީގެ ފެޑެރަލް ޕަބްލިކް ޕްރޮސިކިއުޝަނުން އާއްމު ކުރި އިއުލާނެއްގައިވާ ގޮތުން ޔޫއޭއީގެ ހަމަޖެހުމަށާއި ގައުމުގެ އެއްބައިވަންތަކަމަށް ނުރައްކާވާ ގޮތަށް އަމަލު ކުރާ މީހެއްގެ މައްޗަށް ތިން އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ކުރުމުގެ އިތުރުން އެމީހަކު 136،000 ޑޮލަރަށް ވުރެ މަދު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.

ގަތަރާ ޓެރަރިސްޓު ޖަމާއަތްތަކާ ގުޅުން އޮތް ކަމަށް ބުނެ އެގައުމާ އެކު އޮތް ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލި ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއާ، ޔުނައިޓެޑް އެރެބް އެމިރޭޓްސް، މިސްރު، ބަހްރެއިން، ލީބިޔާ، ޔަމަން، މޮރީޝަސް އަދި ރާއްޖެ ހިމެނެ އެވެ.

ސައުދީ އަރަބިއާ އިން ވަނީ ގަތަރުން އެގައުމުތަކާ އަލުން ގުޅުން ގާއިމު ކުރަން ބޭނުން ނަމަ ފަލަސްތީނުގެ ހަމާސް ޖަމާއަތާއި، މިސްރުގެ މުސްލިމް ބްރަދަހުޑާ އޮތް ގުޅުން އެގައުމުން ކަނޑާލަން ޖެހޭ ކަމަށް ބުނެފަ އެވެ.

ގަތަރުގައި ތިއްބެވި އެހެން ގައުމުތަކުގެ ބައެއް ސަފީރުން ވަނީ ހޯމަ ދުވަހު އަނބުރާ ގައުމަށް ވަޑައިގެންފަ އެވެ. އަދި ސައުދީން ވަނީ އެގައުމުގެ ބޯޑަރު ބަންދުކޮށް، ކަނޑާއި ވައިގެ މަގުން ގަތަރަށް ކުރާ ދަތުރުތައް ހުއްޓުވާފަ އެވެ. އަދި ބަހްރެއިން އާއި މިސްރުން ވެސް ވަނީ ގަތަރާ ދެމެދު އޮތް ކަނޑާއި ވައިގެ ދަތުރުތައް ހުއްޓާލައިފަ އެވެ.

އެ ތިން ގައުމުން ވަނީ ގަތަރުގެ ރައްޔިތުން އެގައުމުތަކުން ފޭބުމަށް ދެ ހަފްތާގެ މުހުލަތެއް ދީފަ އެވެ. (އަލްޖަޒީރާ)

comment ކޮމެންޓް