އީރާނުގެ ހަމަލާތަކާ ގުޅިގެން ގަތަރުގެ ގޭސް އެކްސްޕޯޓުގެ 17 އިންސައްތަ ހުއްޓުމަކަށް

އީރާނުން ގަތަރުގެ ގޭސް ކާރުޚާނާތަކަށް ދިން ހަމަލާތަކާ ގުޅިގެން، އެ ގައުމުން އެކްސްޕޯޓުކުރާ ދިޔާ ގުދުރަތީ ގޭހުގެ (އެލްއެންޖީ), 17 އިންސައްތަ ހުއްޓުމަކަށް އައިސް، އަހަރަކު 20 ބިލިއަން ޑޮލަރުގެ ގެއްލުންވާނެކަމަށް ގަތަރު އެނާޖީން ބުނެފިއެވެ.

ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި ގަތަރުގެ އެނާޖީ މިނިސްޓަރު އަދި ގަތަރު އެނާޖީގެ ސީއީއޯ ސާދު އަލް ކާބީ ވިދާޅުވީ، މި ހަމަލާތަކުގައި އެލްއެންޖީ އުފައްދާ 14 ޔުނިޓުގެ ތެރެއިން ދެ ޔުނިޓަކަށާއި، ޖީޓީއެލް ފެސިލިޓީއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި މިއާއެކު އަހަރަކު 12.8 މިލިއަން ޓަނުގެ އެލްއެންޖީ އުފެއްދުން ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް މެދުކެނޑޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

“ރަމަޟާން މަހު، އަޚުވަންތަ މުސްލިމް ގައުމަކުން ގަތަރަށް މިފަދަ ހަމަލާއެއް ދީފާނެކަމަށް ހީވެސް ނުކުރަން،” ކާބީ ވިދާޅުވިއެވެ.

އީރާނުން ގަލްފުގެ ތެލާއި ގޭސް ކާރުޚާނާތަކަށް ހަމަލާދީފައިވަނީ، އިސްރާއީލުން އީރާނުގެ ގޭސް އިންފްރާސްޓްރަކްޗަރަށް ދިން ހަމަލާތަކަށްފަހުގައެވެ.

މި ގެއްލުންތަކާ ގުޅިގެން، އިޓަލީ، ބެލްޖިއަމް، ދެކުނު ކޮރެއާ އަދި ޗައިނާއަށް ގޭސް ފޯރުކޮށްދިނުމަށް ހަދާފައިވާ ދިގު މުއްދަތުގެ އެއްބަސްވުންތަކަށް އަމަލުނުކުރެވޭނެކަން އިއުލާނުކުރަން ޖެހޭނެކަމަށް ކާބީ ވިދާޅުވިއެވެ. ގެއްލުންވި ފެސިލިޓީތަކުގައި އެމެރިކާގެ އެކްސަންމޯބިލް އަދި ޝެލް ކުންފުނީގެ ހިއްސާ އޮންނައިރު، މި ތަންތަން ބިނާކުރުމަށް ގާތްގަނޑަކަށް 26 ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ.

އެލްއެންޖީގެ އިތުރުން އެހެނިހެން އުފެއްދުންތަކަށްވެސް މިކަމުގެ އަސަރުކުރާނެއެވެ. އެގޮތުން ކޮންޑެންސޭޓް އެކްސްޕޯޓުކުރާ މިންވަރު 24 އިންސައްތަ ދަށަށް ދާނެއެވެ. އަދި އެލްޕީޖީ 13 އިންސައްތަ، ހީލިއަމް 14 އިންސައްތަ، އަދި ނެފްތާ އާއި ސަލްފަރު ހަ އިންސައްތަ ދަށަށް ދާނެކަމަށް ލަފާކުރެވެއެވެ. އިސްރާއީލާއި އީރާނުގެ މައްސަލަތަކަކީ ގަތަރާ ބެހޭ ކަމެއް ނޫންކަން ފާހަގަކުރައްވައި، ތެލާއި ގޭހުގެ ވަސީލަތްތަކަށް ހަމަލާދިނުމުން ދުރުހެލިވުމަށް ކާބީ ވަނީ ގޮވާލައްވާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް