ފީފާ ވޯލްޑް ކަޕް ފެށުމާއެކު، އަބަދުވެސް ކެރެލާއަށް ބޮޑު ބަދަލެއް އާދެއެވެ. ވޯލްޑްކަޕް ކުޅޭ ޓީމުތަކުގެ ދިދަތަކުން މަގުތައް ފުރާލައެވެ. ފުޓުބޯޅަ ތަރިންގެ ބޮޑެތި ކަޓްއައުޓްތައް ކަންމަތިތަކުގައާއި ހުސް ބިންތަކުގައި ބަހައްޓާފައި ހުންނައިރު، އެތައް އަވަށެއް ވޯލްޑް ކަޕްގެ މައިދާންތަކަކަށް ބަދަލުވެގެންދެއެވެ. ކެރެލާ ތަފާތުވަނީ މި ސަބަބާ ހުރެއެވެ. މިތަނުގައި ފުޓުބޯޅައަކީ ހަމައެކަނި ކުޅިވަރެއް ނޫނެވެ. އެއީ ޢީދެކެވެ. އުމުރަކަށް ނުވަތަ ޖިންސަކަށް ބެލުމެއްނެތި، ވޯލްޑް ކަޕް މޫސުމުގައި ކޮންމެ މީހަކުވެސް މި ބޮޑު މުބާރާތަށް ސަމާލުކަން ދެއެވެ.
ކެރެލާގެ މަލަޔާޅީން އުފާކުރަންޖެހޭ އިތުރު ސަބަބެއް މިފަހަރު އެބައޮތެވެ. މުބާރާތުގެ ޓީމުތަކުގެ އަދަދު 48 އަށް އިތުރުކުރި ނަމަވެސް، އިންޑިއާ ވޯލްޑް ކަޕަށް ކޮލިފައިވުމާ އަދިވެސް ދުރުގައި އޮތްނަމަވެސް ކެރެލާއަށް ނިސްބަތްވާ ޒުވާނަކު ޤަތަރުގެ ޖާޒީގައި ފުޓުބޯޅައިގެ އެންމެ ބޮޑު މައިދާން ތަޖުރިބާކުރުމަށް ވަނީ ތައްޔާރުވެފައެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ ޤަތަރުގެ ވޯލްޑް ކަޕް ސްކޮޑުގައި ހިމެނޭ 26 ކުޅުންތެރިން.. ފޮޓޯ/ އެކްސް
މި އަހަރުގެ ފީފާ ވޯލްޑް ކަޕަށް ޤަތަރުގެ ހެޑް ކޯޗު ހުލެން ލޮޕެޓެގީ 26 ކުޅުންތެރިންގެ ސްކޮޑު އިޢުލާންކުރިއިރު، ކެރެލާގެ ފުޓުބޯޅަ ސަޕޯޓަރުންގެ ސަމާލުކަން އެއް ނަމަކަށް ހުއްޓުނެވެ. ކަންނޫރަށް ނިސްބަތްވާ އާއިލާއަކުން އައިސްފައިވާ އުމުރުން 19 އަހަރުގެ ތަހުސީން މުޙައްމަދު ޖަމްޝީދު ވަނީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ މުބާރާތަށް ނެގި ޤަތަރުގެ ސްކޮޑުގައި ހިމަނާފައެވެ.
އޭނާ ދަނޑަށް އަރައިފިނަމަ، ތަހުސީން ވެގެންދާނީ ފީފާ ވޯލްޑް ކަޕެއްގައި ކުޅޭ ކެރެލާއަށް ނިސްބަތްވާ ފުރަތަމަ ފުޓުބޯޅަ ކުޅުންތެރިޔާއަށެވެ. އަދި އިންޑިއާ ދަރިކޮޅުގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ޤަތަރު ޓީމުގައި ހިމެނޭ އިންޑިއާގެ ކެރަލާ އަށް ނިސްބަތްވާ ތަހްސީން އަހުމަދު...
ތަހުސީން އުފަންވެ ބޮޑުވީ ޤަތަރުގެ ވެރިރަށް ދޯހާގައެވެ. އޭނާގެ މައިންބަފައިންނަކީ ކެރެލާ މީހުންނެވެ. ބައްޕަ ޖަމްޝީދަކީ ތަލަސޭރީއަށް ނިސްބަތްވާ މީހެކެވެ. އަދި މަންމަ ޝައިމާއަކީ ކަންނޫރު ޑިސްޓްރިކްޓްގެ ވަލަޕައްޓަނަމްއަށް ނިސްބަތްވާ މީހެކެވެ.
މި އާއިލާ ޤަތަރަށް ބަދަލުވީ 1996 ވަނަ އަހަރުއެވެ. އަދި ތަހުސީން ބޮޑުވީ އެ ޤައުމުގެ ފުޓުބޯޅައިގެ ސަގާފަތުގެ ތެރޭގައެވެ. ޤަތަރުގެ ރައްޔިތުކަން އޮންނަ ތަހުސީން ކުރިއަރައިގެން އައީ ޤަތަރުގެ ޤައުމީ ޓީމުގެ އެތައް ތަރިންނެއް އުފައްދާފައިވާ މަޝްހޫރު އެސްޕަޔަރ އެކަޑަމީގެ ތެރެއިންނެވެ. ކަލިކަޓް ޔުނިވަރސިޓީ ތަމްސީލުކުރި ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިއެއް ކަމަށްވާ އޭނާގެ ބައްޕަ ވަނީ ދަރިފުޅުގެ މި ދަތުރުގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.
ތަހުސީން ވަނީ ޤަތަރުގެ ޔޫތު ޓީމުތަކުގައި ކުރިއެރުން ހޯދައި، 17 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ޤައުމީ ޓީމުތައް ތަމްސީލުކޮށްފައެވެ. އަދި 17 އަހަރުން ދަށުގެ ޓީމަށް ލަނޑުވެސް ޖަހައިދީފައިވެއެވެ. އޭގެ ފަހުން އޭނާ ވަނީ އަލް ދުހައިލްއާއެކު ޤަތަރުގެ އެންމެ މަތީ ޑިވިޝަން ކަމަށްވާ ޤަތަރު ސްޓާސް ލީގުގައި ކުޅުނު އިންޑިއާ ދަރިކޮޅުގެ ފުރަތަމަ ކުޅުންތެރިޔާއަށްވެ، ތާރީޚުން ޖާގަ ހޯދައިފައެވެ.

ޤަތަރު ޓީމުގައި ހިމެނޭ އިންޑިއާގެ ކެރަލާ އަށް ނިސްބަތްވާ ތަހްސީން އަހުމަދު...
ބާރު ދުވުމާއި، ޑްރިބަލް ކުރުމާއި ޑިފެންޑަރުން ކައިރިން ނައްޓާފައި ދިއުމުގެ ހުނަރަށް މަޝްހޫރުވެފައިވާ މި ވިންގަރ މައިގަނޑު ގޮތެއްގައި ކުޅެނީ ވާތް ފަރާތުންނެވެ. އަދި އޭނާ ބެލެވެނީ ޤަތަރުގެ އެންމެ އުންމީދީ ޒުވާން އެއް ކުޅުންތެރިޔާގެ ގޮތުގައެވެ. އޭނާ ސީނިއަރ ޤައުމީ ޓީމަށް އެންމެ ފުރަތަމަ ކުޅުނީ އަފްޣާނިސްތާނާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައެވެ. އިންޑިއާއާ ދެކޮޅަށް ޤަތަރު ކުޅުނު މެޗުގެ ސްކޮޑުގައިވެސް އޭނާ ހިމެނުނެވެ. އޭގެ ފަހުން ޤަތަރަށް ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކޮށްދިން ކޮލިފައިން މެޗުތަކަށް އޭނާ އެނބުރި އައެވެ. ދަނޑުމަތީގައި ކުޅެން ލިބުނު ވަގުތު މަދު ނަމަވެސް، ޤަތަރުގެ ސީނިއަރ ސްކޮޑުގައި ހިމެނުމަކީ ތަހުސީނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.
އުމުރުން 19 އަހަރުގެ މި ކުޅުންތެރިޔާއަށް ވޯލްޑްކަޕްގެ ދަނޑުމަތީގައި ކުޅެން ފުރުޞަތު ލިބޭނެކަން އެނގޭނީ ވަގުތު ޖެހުމުންނެވެ. ނަމަވެސް މިހާ ހަގު އުމުރެއްގައި ވޯލްޑް ކަޕް ސްކޮޑެއްގައި ހިމެނުމަކީވެސް ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ. އަދި މިއީ ދުނިޔޭގެ އެކި ކަންކޮޅުގައި ތިބި ކެރެލާގެ ފުޓުބޯޅަ ސަޕޯޓަރުންނަށް ލިބުނު ފަޚުރެކެވެ. މެޗެއްގައި އޭނާ ކުޅެފިނަމަ، އެއީ ކެރެލާ އަދި އިންޑިއާގެ ފުޓުބޯޅައަށްވެސް ލިބޭނެ ވަރަށް ޚާއްޞަ ތާރީޚީ ޝަރަފަކަށް ވާނެއެވެ.
ތަހުސީންގެ އިތުރުން، އޮސްޓްރޭލިއާގެ 26 ކުޅުންތެރިންގެ ސްކޮޑުގައި މެލްބަން ވިކްޓަރީގެ ހަލުވި ވިންގަރ، އުމުރުން 25 އަހަރުގެ ނިޝާން ވެލުޕިއްލޭ އަކީވެސް ކެރެލާއާ އިންވެގެން އޮންނަ ސްޓޭޓް ކަމަށްވާ ޓަމިލްނާޑޫއަށް ނިސްބަތްވާ އިންޑިއާގެ ދަރިކޮޅުގެ ކުޅުންތެރިއެކެވެ. އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ކުޅޭނީ މީގެ ތެރެއިން ކާކުތޯ ބެލުމަށް ޖެހޭނީ އިންތިޒާރުކުރާށެވެ.
ޤަތަރު އޮތީ މުބާރާތް ބާއްވާ ކެނެޑާ، ސްވިޓްޒަލެންޑް އަދި ބޮސްނިއާއާއެކު ވަރުގަދަ ގްރޫޕެއްގައެވެ. ނޮކްއައުޓް ސްޓޭޖަށް ދިއުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އެހެން އެކަން ދިމާވިޔަސް ތަހުސީން ޓީމުގައި ހިމެނުމުން ލިބިފައިވާ އުފާވެރިކަމަށް އެއްވެސް ފަނޑުކަމެއް ނާންނާނެއެވެ.