އަންނަ އަހަރު ސައުދީ އަރަބިއްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖް ގުރުއަތުލުން ނިންމާލައިފިއެވެ.
މުބާރާތުގެ ގުރުއަތުލުން މިއަދު ނިމުނުއިރު، މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ ޖަޕާނާއި އެންމެ ފަހުގެ ޗެމްޕިއަން ގަތަރު ހިމެނުނީ އެއް ގްރޫޕެއްގައިއެވެ.
ސައުވީސް ޓީމު ވާދަކުރާ މި މުބާރާތް ސައުދީގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ ހަތަކުން ފެބްރުއަރީ ފަހަކަށެވެ.

އަންނަ އަހަރު ސައުދީގައި ބާއްވާ އޭޝިއަން ކަޕްގައި ވާދަކުރާ ޓީމުތައް ގުރޫޕްތަކަށް ބެހިފައިވާ ގޮތް --
ގްރޫޕް އެފްގައި ޖަޕާނާއި ގަތަރުގެ އިތުރުން ދެން ހިމެނެނީ އިންޑޮނޭޝިއާ އަދި ތައިލެންޑެވެ. ގަތަރުގެ ކޯޗު ހޫލެން ލޮޕެޓެގީ ބުނީ ޖަޕާނަކީ އަބަދުވެސް އޭޝިއާގެ ފުޓްބޯޅައިގެ އެއް ލީޑަރު ކަމަށާއި، އެ ޓީމުގައި ފެންވަރު ރަނގަޅު ކުޅުންތެރިން ތިބި ނަމަވެސް އަމިއްލަ ނަފްސަށް އިތުބާރު ކޮށްގެން ކުޅެފި ނަމަ މޮޅުވެވޭނޭ ކަމަށެވެ.
މުބާރާތް ބާއްވާ ގައުމު ކަމަށްވާ ސައުދީ އަރަބިއްޔާ ހިމެނެނީ ކުވެއިތު، އޮމާން އަދި ފަލަސްތީނާއެކު މުޅިންވެސް ހުޅަނގު އޭޝިއާގެ ޓީމުތައް ހިމެނޭ ގްރޫޕެއްގައެވެ. ސައުދީގެ އަމާޒަކީ 1996 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް މި މުބާރާތުގެ ތަށި އަމިއްލަ ފަސްގަނޑުގައި އުފުލާލުމެވެ.
އެ ޓީމުގެ ކޯޗު ޖިއޯޖިއޯސް ޑޯނިސް ބުނީ މުބާރާތް ފެށޭއިރު ފައިނަލަށް ގޮސް ތަށި ހޯދުމަށް ޓީމު އޮންނާނީ ތައްޔާރަށް ކަމަށެވެ.
އެހެން ގްރޫޕްތަކަށް ބަލާއިރު، ގްރޫޕް ބީގައި ހިމެނެނީ އުޒްބެކިސްތާން، އުރުދުން، އުތުރު ކޮރެއާ އަދި ބަހްރޭނެވެ. އީރާން ވާދަކުރަން ޖެހެނީ ސީރިއާ އަދި ޗައިނާއާއެވެ.
ގްރޫޕް ޑީގައި އޮސްޓްރޭލިއާ އާއެކު އިރާގު، ތަޖިކިސްތާން އަދި 1984 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް މުބާރާތަށް ކޮލިފައިވި ސިންގަޕޫރު ހިމެނެއެވެ. މީގެ އިތުރުން ދެކުނު ކޮރެއާ ހިމެނޭ ގްރޫޕްގައި އޮތީ ޔޫއޭއީ، ވިއެޓްނާމް އަދި ލުބުނާނާއި ޔަމަން ކުޅޭ މެޗުން މޮޅުވާ ޓީމެކެވެ.
މި މުބާރާތުގެ ގުރުއަތުލުން ކުރިން އޭޕްރިލް 11 ގައި ބާއްވަން ނިންމި ނަމަވެސް، ސަރަހައްދީ ހަމަނުޖެހުންތަކާ ގުޅިގެން މެއި 9 އަށް ވަނީ ފަސްކޮށްފައެވެ. މުބާރާތުގެ ގަވާއިދު ބުނާގޮތުން ހަ ގްރޫޕުން އެންމެ ކުރި ހޯދާ ދެ ޓީމުގެ އިތުރުން، ތިންވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމު ގަދަ 16 އަށް ދަތުރުކުރާނެއެވެ.
24 ޓީމު ވާދަކުރާ މި މުބާރާތް ސައުދީގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 7 އިން ފެބްރުއަރީ 5 އަށެވެ.