ޗެމްޕިއަންސް ލީގުގެ އެންމެ ރީތި ލަނޑަކަށް ރެއާލް ކޮޅަށް މަންޒުކިޗް ޖެހި ލަނޑު

ޗެމްޕިއަންސް ލީގުގައި ފެނިގެން ދިޔަ އެންމެ މޮޅު ލަނޑަކީ، ފައިނަލް މެޗުގައި ރެއާލް މެޑްރިޑް ކޮޅަށް ޔުވެންޓަސްގެ މާރިއޯ މަންޒުކިޗް ޖެހި ހިތްގައިމު ލަނޑު -- ފޮޓޯ: ޔޫއެފާ

މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ފެނިގެން ދިޔަ ލަނޑުތަކުގެ ތެރޭން އެންމެ މޮޅު ލަނޑަކީ، ފައިނަލް މެޗުގައި ރެއާލް މެޑްރިޑް ކޮޅަށް ޔުވެންޓަސްގެ މާރިއޯ މަންޒުކިޗް ޖެހި ހިތްގައިމު ލަނޑުކަމަށް، ޔޫއެފާ ޓެކްނިކަލް އޮބްޒާވަރުންގެ ޓީމުން ނިންމައިފިއެވެ.

ރަޔާން ގިގްސް، ސަރ އެލެކްސް ފާގަސަން، ފަބިއޯ ކަޕެއްލޯ އަދި ލޯން ލޫޕެސްކޫ ހިމެނޭ ޔުއެފާ އޮބްޒާވަރުންގެ ޓީމުން ވަނީ މި ސީޒަންގެ ޗެމްޕިއަންސް ލީގު އެންމެ މޮޅު 10 ލަނޑު ލިސްޓުކޮށްފައެވެ.

ސީޒަންގެ އެންމެ ބޮޑު މެޗުގައި މަންޒުކިޗްގެ އެ ހިތްގައިމު ލަނޑު ފެނިގެން ދިޔައީ، ރެއާލުން މެޗުގެ ލީޑު ނަގާފައި ވަނިކޮށެވެ. ގޮންޒާލޯ ހިގުއައިން ތަނަވަސްކޮށްދިން ފުރުސަތެއްގައި ރެއާލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން މަންޒޫކިޗަށް ލިބުނު ބޯޅަ، އޭނާ ވަނީ ވަރަށް ރީތިކޮށް މެއިން ކޮންޓްރޯލް ކޮށްލުމަށްފަހު، އޯވަހެޑެއް ޖަހައި ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފައެވެ.

މަންޒުކިޗްގެ އެ ހިތްގައިމު ލަނޑާއެކު ފުރަތަމަ ހާފްގައި ޔުވެންޓަސް އިން މެޗުގެ ނަތީޖާ 1-1 އެއްވަރު ކުރި ނަމަވެސް، ރެއާލުން ވަނީ ފަހު ހާފުގައި އިތުރު ތިން ލަނޑު ކާމިޔާބުކޮށް 4-1 ލަނޑުން މޮޅުވެ، ޗެމްޕިއަންސް ލީގު ޓްރޮފީ ދިފާއުކުރި ފުރަތަމަ ކްލަބުގެ ޝަރަފާއެކު 12 ވަނަ ފަހަރަށް އެ ތަށި އުފުލައިލައިފައެވެ.

އެންމެ މޮޅު 10 ލަނޑުގެ ތެރޭން ދެވަނައަށް ހޮވާފައި ވަނީ، މުބާރާތުގެ ގަދަ 16ގައި ނަޕޯލީ އަތުން 3-1 ލަނޑުން ރެއާލް މޮޅުވި މެޗުގައި އެޓީމުގެ ކަސެމިރޯ ވަރަށް ދުރުން ބޯޅަ ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެވެ.

މި ލިސްޓުގެ ތިންވަނައިގައި ވަނީ، ގްރޫޕް ސްޓޭޖްގައި ކްލަބު ބްރޫޖް އަތުން 4-0 ލަނޑުން ކޯބަންހެވަން މޮޅުވި މެޗުގައި އެޓީމުގެ ތޯމަސް ޑިލާނީ ކާމިޔާބުކުރި ލަނޑެވެ.

އެންމެ މޮޅު 10 ލަނޑު

  1. ފައިނަލް މެޗުގައި މަންޒުކިޗް ކާމިޔާބު ކުރި ހިތްގައިމު ލަނޑު. (ރެއާލް 4-1 ޔުވެންޓަސް)
  2. ރައުންޑް އޮފް 16ގެ ފުރަތަމަ ލެގުގައި ނަޕޯލީ ކޮޅަށް ކަސެމީރޯ ޖެހި ރީތި ލަނޑު. (ރެއާލް 3-1 ނަޕޯލީ)
  3. ގްރޫޕް ސްޓޭޖްގައި ބްރޫޖްގެ ގޯލްގެ މަތީ ކަނަށް ތޯމަސް ޑިލާނީ ޖެހި ޕަވަފުލް ގޯލް. (ކޯބަންހެވަން 4-0 ކްލަބް ބްރޫޖް)
  4. ރައުންޑް އޮފް 16ގެ ފުރަތަމަ ލެގުގައި އާސެނަލް ގޯލަށް އާރްޔަން ރޮބެން ވައްދާލި ރީތި ލަނޑު. (ބަޔާން 5-1 އާސެނަލް)
  5. ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި މޮނާކޯ ކޮޅަށް ގޮންޒަލޯ ހިގުއައިން ޖެހި ލަނޑު. (މޮނާކޯ 0-2 ޔުވެންޓަސް)
  6. ގްރޫޕް ސްޓޭޖްގައި ލުޑްގޮރެޓްސްގެ ގޯލް ކޯޕަރާއި ޑިފެންޑަރުން ބީޓްކޮށްފައި މެސުޓް އޮޒިލް ޖެހި ސޯލޯ ލަނޑު. (ލުޑްގޮރެޓްސް 2-3 އާސެނަލް)
  7. ގްރޫޕް ސްޓޭޖްގައި ރޮސްޓޯވް ކޮޅަށް އެންޓޯނިއޯ ގްރީޒްމަން ޖެހި ލަނޑު. (އެތުލެޓިކޯ 2-1 ރޮސްޓޯވް)
  8. ސެމީ ފައިނަލްގެ ދެވަނަ ލެގުގައި، މޮނާކޯގެ ޕެނަލްޓީ އޭރިޔާގެ ބޭރުން ބާރު ހަމަލާއެއް ފޮނުވާލައިގެން ޑެނީ އަލްވޭސް ކާމިޔާބުކުރި ލަނޑު. (ޔުވެންޓަސް 2-1 މޮނާކޯ)
  9. ގްރޫޕް ސްޓޭޖްގައި 1-1 އިން ނަތީޖާ ހަމަހަމަވެފައި ވަނިކޮށް ސްޕޯޓިން ކޮޅަށް ރޮނާލްޑޯ ޖެހި ލަނޑު (ރެއާލް 2-1 ސްޕޯޓިންގ)
  10. ގްރޫޕް ސްޓޭޖްގައި ލުޑްގޮރެޓްސް ކޮޅަށް އެލެކްސް ސަންޗޭޒް ކާމިޔާބުކުރި ލަނޑު. (އާސެނަލް 6-0 ލުޑްގޮރެޓްސް)
comment ކޮމެންޓް